ކައިވެނިކުރުމުން އަނބިމިހާއަށް ޖެހެނީ ފިރިމީހާ ބޭނުންވާ ގެއެއްގައި ދިރިއުޅޭށެވެ. އެއީ އެކަން ވާންޖެހޭނެ ގޮތްވެސްމެއެވެ. ނަމަވެސް އަނބިންނަށް މައްސަލައެއް އެބައޮވެއެވެ.
ފިރިމީހާގެ ޢާއިލާގެ ގޭގައި އުޅޭނަމަ އެއީ އޭނާގެ ގެއަކަށް ނުވެއެވެ. އޭނާގެ އެއްވެސް ބާރެއް ނުހިނގައެވެ. އަދި އޭނާގެ އެއްވެސް ޙައްޤެއްވެސް އޮންނަ ކަމަކަށް ނުވެއެވެ. ދެން އޮތީ ފިރިމީހާގެ ގޭގައި އުޅުމެވެ. އެގޭގައިވެސް ކަންކަން ހުންނަނީ ހަމަ އެފަދަ ގޮތަކަށެވެ. ކިރިޔާކަމެއްވާއިރަށް ލިބެނީ ގެއިން ނެރެލާނެ ކަމުގެ އިންޒާރެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އެންމެ ޚާއްޞަ ސިފައަކަށްވާންޖެހެނީ ރިވެތި އަޚްލާޤެވެ. ހަމައެއާއިއެކު ކައިވެނިކުރުމަށްފަހު ދެމީހުންނަކީ އެކެކެވެ. އެކެއްގެ އެއްޗެއްސަކީ އަނެކަކުގެވެސް އެއްޗެއްސެވެ.
އެހެންކަމަށްވާއިރު ފިރިމީހާ ގެންގޮސްގެން ފިރިމީހާގެ ޢާއިލީގޭގައި ދިރިއުޅޭއިރު އެގެއަކީ އޭނާގެވެސް ގެކަމަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ފިރިމިހާގެ ގޭގައި އުޅޭނަމަ އެއީ އަނބިމީހާގެ ގެކަމަށް ވަކިން ބޮޑަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެގޮތަށް އެކަން ހަމަނުޖައްސައި ނުވަތަ އެގޮތަށް އެކަން ޤަބޫލުނުކޮށް ދެމަފިރިއަކަށް އެކުގައި ދިރިއުޅެވޭނީ ކިހިނަކުން ހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ހަމަޖެހުން އޮންނާނީ ކިހިނަކުން ހެއްޔެވެ؟ އަދި އަނބިމީހާއާއި ފިރިމީހާގެ ޢާއިލާ އާއި ދެމެދުގައި ގުޅުން އޮންނާނީ ކިހިނަކުން ހެއްޔެވެ؟
ކައިވެންޏަށްފަހު ފިރިމީހާ ދައްކާތަނެއްގައި އިންނަން އަނބިމީހާއަށް އޮތީ ރިފިޔުޖީއެއްގެ ގޮތަކު ނޫނެވެ. ފުރިހަމަ ޙައްޤުތައް ލިބުމާއިއެކުގައެވެ. ވީމާ ދީނުގެ ތެރެއިން ހަމައެކަނި އެކަކު ބޭނުންވާ ތަނަކޮޅު ނުނަގާށެވެ! ވަށައިޖެހޭ ގޮތަށް ކަންކަން ނަގާށެވެ. ނޫންނަމަ ޢަމަލުއެކުރެވެނީ ދީނުގައި އޮތް ގޮތަކަށް ނޫނެވެ.
ދަންނާށެވެ! ކައިވެންޏަށްފަހު ދެމަފިރިން ދިރިއުޅޭ ގެއަކީ ކޮންމެ ގެއަކަށްވީނަމަވެސް އެއީ ދެމަފިރިންގެ ގެއެވެ. އެއީ އަނބިމީހާގެ ގެ ނުވަތަ ފިރިމީހާގެ ގެ ކަމަށްވީނަމަވެސް މިކަން އޮންނަންޖެހޭނީ މިގޮތަށެވެ. އެއީ އަހުރެންގެ ގެއެއް ނޫނެވެ. ދެމަފިރިންގެ ގެއެވެ. ކައިވެނިކޮށްގެން ތިބިހައި ދުވަހަށް އެކަން އޮންނާނީ އެގޮތަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން