އަނބިންގެ ހިތުގަ ޖައްސުވައި އަނިޔާވެރިނުވާށެވެ! އަނބިމީހާއަށް ހެޔޮކޮށްހިތައި އުފާވެރިކަމުގަ ބެއިންދުމަކީވެސް އެންމެ މަތިވެރި އަޅުކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އަނބިންގެ ހިތުގަ ޖައްސުވައި އަނިޔާވެރިނުވާށެވެ! އަނބިމީހާއަށް ހެޔޮކޮށްހިތައި އުފާވެރިކަމުގަ ބެއިންދުމަކީވެސް އެންމެ މަތިވެރި އަޅުކަމެކެވެ!

ފަށަމުންވެސް ބުނަން އޮތީ މިދަކަނީ ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. އަނބިންނާއިމެދު ނުބައިކޮށް ކަންކަންކުރާ ފިރިންގެ ވާހަކައެވެ. އަހުރެންގެ ބޭނުމަކީ އަނބިންނާއިމެދު ގޯސްކޮށް ކަންކަން ކުރެވޭ މީހުންނަށް ވިސްނައިދިނުމެވެ. ހުރިހާ ޢާއިލާތަކަކީވެސް އުފަލުގައި ދިރިއުޅޭ ބައަކަށް ހަދަން މަސައްކަތްކުރުމެވެ.  

ހިތާމައާއިއެކުވެސް ބުނަންޖެހެނީ މިފަދަ ޒަމާނުގައިވެސް މީހުން އަޅުވެތިކޮށްގެން ގެންގުޅޭ މީހުން އެބައުޅެއެވެ. އަދި ބައެއް މީހުން ދަރިން ލިބުމުން އަނބިން އަޅުވެތިކޮށްގެންވެސް ގެންގުޅެއެވެ. ދަރިންތައް ގޮވައިގެން ގޮސް ވަންނާނެތަނެއް ނެތުމުން ފިރިމީހާގެ އަނިޔާވެރިކަމަށް ކެތްކޮށްގެން އިންނަންޖެހުމަކީ އަޅުވެތިކަމެއްގައި އިނުމެވެ.  

ތަޅުލީ ތަނެއްގައި ބަންދުނުކުރި ނަމަވެސް އޭނާ އެއިންނަނީ ބަންދުކުރެވިފައެވެ. އެފަދަ ޙާލުގައި ލިބޭ ހިތާމަތަކާއި ހިތްދަތިކަމުން އޭނާއަށް ލިބޭ ދެރައިގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ!  

އަނިޔާވެރިވުމާއި ހިތްދަތިޙާލުގައި އުޅެންޖެއްސުވުމަކީ ކާން ނުދިނުމަށްވުރެ ކުޑަ އަނިޔާއެއް ނޫނެވެ. އެއީ މާބޮޑު އަނިޔާއެކެވެ. ސަލާން ޖަހައިގެންވެސް ކާއެތިކޮޅެއް ލިބިދާނެއެވެ. އެކަމަކު ސަލާންޖަހައިގެން އުފާވެރިކަމެއް ނުހޯދޭނެއެވެ.  

މިވާހަކަ ދައްކަން ޖެހެނީ އަނބިމީހާއަށް ދަރިންތަކެއް ލިބި ކަސްތޮޅު އެޅުމުން، ނުކުމެވެގެން ދެވޭނެ ގޮތެއް ނެތްކަން ޔަޤީންވުމުން ފައުޅުގައި ބޭވަފާތެރިވެ ހިތަށްއެރިހައި ގޮތްގޮތަށްވެސް މީހުން އުޅޭތީއެވެ. އެއީ ކުރެވޭ ވަރަށް ނުބައި ޢަމަލެކެވެ. އެއީ ަމތިމައްޗަށް ފާފަކުރުން ނޫން ކަމުގައެއް ނުވާނެއެވެ.

ފިރިންގެ ދަރަޖަ މަތިވެރިވާނީ އަނބިދަރިންނަށް ހެޔޮކޮށްހިތިވަރަކުންނެވެ. ވީމާ އަނބިންގެ ހިތުގަ ޖައްސުވައި އަނިޔާވެރިނުވާށެވެ! އަނބިމީހާއަށް ހެޔޮކޮށްހިތައި އުފާވެރިކަމުގަ ބެއިންދުމަކީވެސް އެންމެ މަތިވެރި އަޅުކަމެކެވެ! 

މިޙަދީޘްފުޅަށް ވިސްނައިލާށެވެ! ހެޔޮކޮށް ހިތުމާ އޯގާތެރިކަން އިސްކުރަންޖެހޭ މިންވަރު އިޙްޞާޞްކުރެވޭނެއެވެ.  

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް  ކުރެއްވިއެވެ. [ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ދާންޖެހުނެވެ. އޭނާ އެބުޅާ މަރުވަންދެން ބަނދެފައި ބޭއްވިއެވެ. އޭނާ އެބުޅަލަށް ފެނެއްވެސް އަދި ކާއެއްޗެއްވެސް ނުދެއެވެ. ބިމުން އެސޮރު އަމިއްލައަށް ކާނާ ހޯދަން ދޫކޮށްވެސްނުލާ މަރުވަންދެން އައްސައިފައި ބޭއްވިއެވެ.]

{ مسلم (ت ٢٦١صحيح مسلم ٢٢٤٢ • [صحيح] • أخرجه البخاري (٣٤٨٢ومسلم (٢٢٤٢)}

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން