އަންހެނަކަށް ޖިންނި އަވަލައި މައިތިރިނުވުމުން ބާރަށް ޤުރްއާން ކިޔެވުމުން ކުރިއަސަރުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
އަންހެނަކަށް ޖިންނި އަވަލައި މައިތިރިނުވުމުން ބާރަށް ޤުރްއާން ކިޔެވުމުން ކުރިއަސަރުގެ ވާހަކަ-

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ޤުރްއާނުގެ އަޑުއިވުމުން އަސަރުކުރެއެވެ. ރިވެތި ރާގަށް ކިޔަވާނަމަ ބޮޑަށް އަސަރުކުރެއެވެ. މާނަ އަޑުއިވުމުން ވަކިން ބޮޑަށް އަސަރުކުރެއެވެ. ނަމަވެސް އެއްވެސް އަސަރެއް ނުކުރާ ބައަކުވެސް އުޅެއެވެ. އެއީ އެމީހުންގެ ހިތްތައް ކަނުވެފައިވާ މީހުންނެވެ.  

އަހުރެންނަށް އެއްރޭ ހުރެވުނު ގެއެއްގައި އަންހެނަކު ޖިންނި މޮޔަވިއެވެ. މާބަނޑު އަންހެނެކެވެ. މުސްލިމެއްވެސް ނޫނެވެ. އެވަޤުތު އަހުރެންނާއިއެކު ގޮސް ހުރި މީހަކު ގަދަކަމުން އޭނާ އެނދުމައްޗަށް ވައްޓައިލިއެވެ. އެނދުގައި ބާއްވަން މަސައްކަތްކުރަމުން ޤުރްޢާން ކިޔަވަން ފެށިއެވެ. އޭނާ ހާސްވެފައި ހުރިވަރުންނަމަވެސް ކިޔެވީ އެކި ސޫރަތުގެ އެކި އާޔަތްތަކެވެ. އަދި އެއީ ސިޙުރާއި ގުޅުންހުރި އާޔަތްތަކެއްވެސް ނޫނެވެ. އޭނާގެ ވިސްނުމަށް އެވަޤުތު އައި އާޔަތްތަކެވެ. ކިޔެވީ ވަރަށް ބާރަށެވެ!  

ނަތީޖާ އެނގޭހެއްޔެވެ؟ 15 މިނިޓްތެރޭގައި އޭނާ މައިތިރިވެއްޖެއެވެ. ތެޅިފޮޅުން ހުއްޓި ހަމަހިމޭނެވެއްޖެއެވެ. ދެން އޭނާއާއި ސުވާލުތައް ކުރަން ފެށުމުން ޖަވާބުދިނީ އަހުރެންނެވެ. "ޤުރްއާނުގެ އަޑުއިވުމުން ކާފިރުންނަށް އަސަރުނުކޮށްފާނެއެވެ. އެކަމަކު ޖިންނި ޝައިޠޯނުންނަށް އަސަރުކުރާނެއެވެ. އުނދަގޫތައްވެސް ކުރިމަތިވާނެއެވެ. ހިފަހައްޓައެއް ނުލެވޭނެއެވެ. މިއީ ވަރަށް ގިނައިން ކުރެވޭ ތަޖުރިބާއެކެވެ."  

ފަހުން އަހުރެންނަށް އެނގުނީ ނޯކަރަކަށް އެގޭގައި އުޅުނު އެއަންހެންމީހާ އިސްލާމްވިކަމެވެ. ރުޤްޔާކޮށްގެން އެކަމުން ސަލާމްވެސްވިކަމެވެ.  

މުސްލިމަކަށް ޤުރްއާނުން އަސަރު ނުކުރާނަމަ އޭނާގެ ހިތް އެވަނީ ކަނުވެފައެވެ. އަދި ކާފިރުންނަށްވެސް އަސަރުނުކުރަނީ ހިތްކަނުވެފައިވާތީއެވެ. ވީމާ އެކަނުކަން ފިލުވުމަކީ އެމީހެއްގެ ކިބައިގައި އޮތް ކަމެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯއެއް އަހުރެންވެސް ބެލީމެވެ. އެވީޑިއޯގައި ފެންނަނީ ބަޤަރާ ސޫރަތް އަޑުހަރުކޮށް ޖެހީމާ "ބަޤަރާ" (ގެރި) ތަކުގެ ސަމާލުކަން ލިބޭތަނެވެ.

ބައެއް ގެރިތައް ކަރު އުފުލައި އަޑުއަންނަ ދިމާއަށް ބަލަނީއެވެ. އަނެއްބައި ގެރިތައް އަޑު އަންނަ ދިމާއަށް ދަނީއެވެ.  

މިއީ އަހުރެން އަމިއްލައަށް ތަޖުރިބާކުރިކަމެއް ނޫނެވެ. އަހުރެންވެސް ދުށީ އެވީޑިއޯއެވެ. މިކަން ތަޖުރިބާކުރި ބައެއް މީހުން މީގެކުރިންވެސް މިވާހަކަދައްކައެވެ.  

ކޮންމެ ގޮތެއްވިޔަސް މިއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެއިގައި ﷲ ތަޢާލާ ވަނީ ބަރަކާތް ލައްވަވައިފައެވެ. އެކަންކަން ދައްކަވާނީ ކޮން ވަޤުތަކު ކޮންބައަކަށް ކޮން ގޮތަކަށްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ.  

ޤުރްއާނުގެ ސަބަބުން ބައެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމަށާއި ބައެއްގެ ދަރަޖަ ތިރިކުރައްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ދުނިޔެ ނިމެންދެންވެސް ކީރިތި ޤުރްއާން ދެމިއޮންނާނެއެވެ. ﷲ ތަޢާލާ އެފޮތް ރައްކައުތެރިކުރައްވަވާނެތެވެ. މީސްތަކުންގެ ތެރެއިން އެންމެ މަތިވެރިކަން ބޮޑު މީހަކަށްވާން ބޭނުންނަމަ އޮތީ ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމެވެ. އަދި ޙައްުމަގުގައި ޘާބިތުވެ ހުންނަން ބޭނުންވާ މީހަކަށްނަމަ އޮތީ ޤުރްޢާނަށް ޢަމަލުކުރުމުގައި ޘާބިތުވެ ހުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން