އަހުރެންނަށް އެކުވެރިއެއްގެ ގެއަށްވަދެވުނުއިރު އުޅެނީ ވަރަށް ބޮޑު މައްސަލައެއް ޖެހިގެންނެވެ. މައްސަލައަކީ ކުޑަދަރިފުޅު ކުޅެން އުޅެނިކޮށް ވެއްޓި އަނިޔާއެއް ލިބުމެވެ. ބޯފެޅުނީއެވެ.
މައިދައިތަ ބުނަމުން ގެންދިއައީ އެއީ ޅީދަރިފުޅުގެ ފަރުވާކުޑަކަމުން ހިނގި ކަމެއް ކަމަށެވެ. މަންމަގެ ބަސް އަޑުއިވުމުން ސުވާލެއްވެސް ކޮށްނުލައި އަނބިމީހާގެ މޫނުމަތީގައި ޖެހީއެވެ. ޖަހާއިރަށް އަނބިމީހާ ފިރިމީހާގެ މޫނުމަތީގައި ޖެހީއެވެ.
މައިދައިތަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާގެ ދަރިފުޅުގެ ގައިގައި އަނބިމީހާ ޖަހައިގެންނެވެ. ޅީދަރިފުޅުކުރީ ސުވާލެކެވެ. އަހުރެންގެ ގައިގައި ޖަހަން ހުއްދަލިބެނީ އަހުރެންނަކީ އެއްވެސް މީހެއްގެ ދަރިއަކަށްނުވާތީހެއްޔެވެ؟ މައިދައިތަ ބުނީ އަނބިމީހާގެ ގައިގައި ފިރިމީހާ ޖެހިނަމަވެސް އަނބިމީހާ ޖަހައިގެން ނުވާނެ ކަމަށެވެ.
އެހިސާބަށް ދިއުމުން އަހުރެން ބުނީމެވެ. "ތިއަ ދެވުނީ އިންޞާފުން ބޭރަށެވެ. އަނބިމީހާއަށް އަނިޔާއަކަށްވާނެ ގޮތަށް ޖެހުން ފިރިމީހާއަށް ހުއްދައެއް ނޫނެވެ. ފިރިމީހާ ވާންޖެހޭނީ އަނބިމިހާ ހިމާޔަތްކޮށް ރައްކައުތެރިކަން ފޯރުކޮސްދޭ މީހަކަށެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ރުޅިމަތީގައި ހުރެޢަމުދުން ޖަހައިގެން ނުވާނެއެވެ. އެއީ ޖެހޭނެ ބާރުމިން އަމިއްލަ ކޮންޓްރޯލުގައި ނުއޮންނާނެތީއެވެ. ނިކަން ބަލައިލަބަލާށެވެ! ޒައިނަބުގެ ކޯ މިހާރުވެސް އެއޮތީ ދުޅަވެފައެވެ." އެހެން ބުނާއިރަށް ޒައިނަބް ތަޅުންގަނޑަށް ކުޅުޖެހިއެވެ. ކުޅުގައި ހުރީ ލެއެވެ. ކޮލަށް ދަތްވަޏީއެވެ.
ޒައިނަބް ބުންޏެވެ. "އެދަރިފުޅު 9 މަސްވަންދެން އޮތީ އަހުރެންގެ ބަނޑުގައެވެ. މިއަދާއި ހަމައަށްވެސް ދަރިފުޅުގެ ހުރިހާ ކަމެއް މިކުރަނީ މިދެއަތުންނެވެ. ވީއިރު އެދަރިފުޅުދެކެ ބޮޑަށް ލޯބިވާނީ އަހުރެން ހެއްޔެވެ؟ ނޫނީ ކުޅިބަލަން އިންނަ މާމަހެއްޔެވެ؟ މިހެން ބުނީމާ މައިދައިތައަށް ނުބައިބަސް ބުނިކަމަސްވެ އެކަމުގެ ކުށުގައި އަހުރެން ވަރިކޮށްފައި ފޮނުވައިލާނީ ހެއްޔެވެ؟ އެކަމުގައިވެސް މައްސަލައެއް ނެތެވެ. އަހުރެންގެ ވިސްނުމުގައި ހުރީ ވަރިނުކުރިޔަސް މިގެއިން ދިއުމަށެވެ. އަހުރެންގެ ކުށެއްނެތި މިއޮތީ ލޭރަހަ ލައްވާލައިފައެވެ. ވީމާ ކުށެއް ކުރެވިގެން ބޯކަނޑާލުމުގެ ކުރިން މިގެއިން ސަލާމަތްވުން މާރަނގަޅުވާނެއެވެ."
އަހުރެން ބުނީމެވެ. "އަހުރެން މަސައްކަތް މިކުރީ ތިއަ އަޑުތައް ނުއެހުމަށެވެ. ތިއަ ހިސާބަށް ނުދަނީސް މައްސަލަ ޙައްލުކުރެވޭތޯއެވެ. އެކަމަކުވެސް މިއީ ކައިވެނި ޜޫޅައިލާވަރުގެ މައްސަލައަކަށް ނުހަދާށެވެ. މައިދައިތަ ދައްކާ ވާހަކައަށް އަޅައިނުލާށެވެ! އަވަހަށް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރާށެވެ! ނޫންނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ."
އަހުރެންގެ އާދޭސް ދެމަފިރިން ޤަބޫލުކުރިއެވެ. އެކަކު އަނެކަކަށް މާފުކޮށް ރިވެތި ގޮތުގައި ދިރިއުޅެން ނިންމިއެވެ.
އަހުރެން ބުނެލަން ބޭނުންވަނީ ކުޑަކުދިން ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ވެއްޓޭނެއެވެ. ބައްޕަ ބަލަނިކޮށްވެސް މާމަ ބަލަނިކޮށްވެސް ވެއްޓޭނެއެވެ. އެންމެ ގިނައިން ވެއްޓޭނީ މަންމަ ބަލަނިކޮށެވެ. އެއީ އެންމެ ގިނައިރު ބަލާނީ މަންމަ ކަމަށްވާތީއެވެ. ދަރިފުޅު ވެއްޓޭ ކޮންމެ ފަހަރަކު އަނެކާއަށް އަނިޔާކޮށް ކައިވެނި ރޫޅައިލާ ހިސާބަށް ކަންކަން ގެންދަން ވެއްޖެނަމަ ޙާލަކީ ކޮބައިހެއްޔެވެ؟
އަހުރެންގެ މިބަސްކޮޅަށް ވިސްނައިލިއްޔާ ރަނގަޅުވާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް