ޢާއިލާއަށް ސިއްރުން ކައިވެނިކުރުމަށްވުރެ ފައިދާ ބޮޑުވާނީ ދެފަރާތުގެ ޢާއިލާއިން މަޝްވަރާކުރީމަ! އެއީ ކައިވެނި ދަމަހައްޓަން ލިބޭނެ ބޮޑު ބާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޢާއިލާއަށް ސިއްރުން ކައިވެނިކުރުމަށްވުރެ ފައިދާ ބޮޑުވާނީ ދެފަރާތުގެ ޢާއިލާއިން މަޝްވަރާކުރީމަ! އެއީ ކައިވެނި ދަމަހައްޓަން ލިބޭނެ ބޮޑު ބާރެއް!

ބައެއް ޢިލްމްވެރިން ވަރަސް ގިނައިން ވިދާޅުވާ ބަސްފުޅެއް ފާހަގަކޮށްލާނަމެވެ. އެއީ ލޯބިވެއްޖެނަމަ އަވަހަށް ލޯބިވުން ޙަލާލުކޮށްލާށެވެ! ލޯބި ހުށަހަޅައިފިނަމަ އަވަހަށް ގޮސް މައިންބަފައިންނާއި ބައްދަލުކޮށް މަޝްވަރާކުރަން ބުނާށެވެ.  

މިގޮތަށް އެވިދާޅުވަނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ ޢާއިލާއާއި މަޝްވަރާކޮށް އެމީހުންގެ ރުހުން ހޯދުމެވެ. ތިމާ ތަޢާރަފްވެ އަނެކާއަށް ގެއްލުމެއް ނުދޭނެކަމުގެ ޔަޤީންކަން ދިނުމެވެ. ތިމާގެ ކިބައިގައި ފޮރުވިފައިވާ ސިއްރުތަކެއް ނެތްކަން ހާމަކުރުމެވެ. މަކަރުހަދައި އޮޅުވައިލުމުގެ ފުރުޞަތު ބޮޑުވަނީ މިކަންކަން ނުކުރެވޭތީއެވެ.  

ދެފަރާތުގެ ޢާއިލާއިން މަޝްވަރާކޮށްގެން ކައިވެނިކުރުމާއި މަޝްވަރާނުކޮށް ކައިވެނިކުރުމާއި އަދި ކައިވެންޏަށްފަހު ދެފަރާތުގެ ޢާއިލާ ގުޅިގެން އުޅުމާއި ނުއުޅުމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ.  

މިޘާލަކަށް ދެފަރާތުގެ ޢާއިލާ މަޝްވަރާކޮށްގެން ކައިވެނިކުރުމުން ދެމީހުންގެ މެދުގައި މައްސަލައެއް ޖެހުނަސް ޢާއިލާއަށް ވިސްނާނެއެވެ. އަދި ކައިވެންޏަށްފަހު ދެ ޢާއިލާ ގުޅިގެން އެކުވެރިކަމާއިއެކު ދިރިއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނަސް އެކަމުގެ ކަންބޮޑުވުން ޢާއިލާއަށް ފޯރިއަނުދޭން މަސައްކަތްކުރާނެއެވެ.

ވީމާ ކައިވެނިތައް ރޫޅުން މިހައި ގިނަވަމުން އަންނައިރު އެކަމުން ސަލާމަތްވުމަށްޓަކައިވެސް ދަރިން ކައިވެނިކުރުމުން ދެފަރާތުގެ ޢާއިލާގެ ގުޅުން ބަދަހިކޮށް ދަރިންގެ ކަންކަން ގާތުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.

ދެމީހުން އެކަނި މަޝްވަރާކޮށްލައިގެން ކައިވެނިކޮށް، ޢާއިލާ އާއި ގުޅުން ނުބާއްވައި އުޅޭނަމަ ކައިވެނި ރޫޅައިލަން ބޭނުންވެއްޖެ ހިނދެއްގައި އިތުރަށް ވިސްނާނެ ކަމެއް ނުއޮވެއެވެ. އެކަމުގެ ސަބަބުން ވަރިކުރުމާއި ވަރިވުން އޮންނަނީ ކޮންޓްރޯލުން ނެއްޓިފައެވެ.  

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ ކައިވެނީގެ ކުރިން ދެފަރާތުގެ ޢާއިލާ މަޝްވަރާކުރުމާއި ކައިވެންޏަށްފަހު ދެފަރާތުގެ ޢާއިލާއަކީ އެއް ބައަކު ކަމަށް ދެކެގެން ކަންކަން ކުރުމުގެ މުހިންމުކަމެވެ. އެކަމަކީ ދަރިންގެ ކައިވެނި ރޫޅިގެން ދިއުމުން ސަލާމަތްކުރެވެން އޮތް މަގެއް ކަމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން