މީހަކު ތިބާއަށް ދެރައެއް ދޭން މަސައްކަތްކުރާކަން އެނގުމަކީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ އެއީ އެކަމަށް ސަމާލުކަންދީ އެކަމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ހުރުމަށް ލެއްވެވި ރަޙްމަތަކަށްވާތީއެވެ.
ބޮޑުވަރަކަށް އެމީހުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ކޮންމެވެސް ވަރެއްގެ ހިތްދަތިކަމެއް ދިނުން، އަތްމަތި ދަތިވާނެ ކޮންމެވެސް ކަމެއް ކުރުން ނޫންހެއްޔެވެ؟
ޔަޤީންކުރަންވީ ތިބާގެ ޙާލާއި ތިބާއަށް ދެރަދޭން މަސައްކަތްކުރާ މީހުން ކުރަން ރާވާ ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެވެ. އަދި ތިބާ ދުނިޔެއަށް އުފަންވުމުގެ މާކުރިން ތިބާއަށްޓަކައި ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އުނިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމެވެ.
މީހުންނަށް މިބުނި ފަދައިން ދެރަދޭން އުޅޭ މީހުން ވިސްނައިލާށެވެ! ތިބާގެ ދިރިއުޅުމުގެ އެންމެހައި ބާރުތަކެއް ވަނީ ކޮންފަރާތެއްގައި ހެއްޔެވެ؟ ހަމަޤައިމުވެސް ތިބާގެ އަތަކު ނޫނެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް ނޫނެވެ.
ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ފަދައިން ތިމާގެ ދިރިއުޅުމުގެ އެންމެހައި ބާރުތަކެއް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. މިއަދު ގަދަވެ ހުރިނަމަ މާދަމާ ބޮޑު ބައްޔެއްގައި އުޅެންޖެހުމާއި މިއަދު ތަނަވަސްކަމުގައި ހުރިނަމަ މާދަމާ ދަތިޙާލުގައި އުޅެންޖހުމަށް މިންވަރުކުރައްވަވަން ﷲ ތަޢާލާ ކުލަދުންވަންތައެވެ. އަދި އެކަމުގެ ހެކިތައްވެސް ގެންދަވަނީ ދައްކަވަމުންނެވެ.
އެހެން މީހުންނަށް އެއްވެސް މިނަވަރެއްގެ ދެރައެއްދޭން މަސައްކަތްކުރުމުގެ ކުރިން މިބުނި ކަންކަމަށް ވިސްނައިލާށެވެ! ރަނގަޅަށް ވިސްނައިލެވިއްޖެނަމަ އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ދެރައެއް ދޭން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން