ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހެއްގެ ކިބައިން ނޫނީ ނުފެންނާނެ އެއްކަމަކީ ކޮންމެ ޙާލެއްގައިވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި އެކަލާނގެއަށް ޙަމްދުކުރުމެވެ. މިއީ އީމާންކަން ކުޑަ މީހުންނަށް ކުރެވޭނެ ކަންކަމެއް ނޫނެވެ.
ވީމާ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކަށް އުފާވެރިކަން ލިބުމުން ކުރާނެކަމަކީ ޕާޓީ ބާއްވައި މަޖާކުރުމެއް ނޫނެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވެ ޑެއްވެވި ނިޢްމަތަށް ޙަމްދުކުރުމެވެ. އަދި ދެއްވެވި ނިޢުމަތް އޭނާއާއިއެކު ލެހެއްޓެވުން އެދި ދުޢާކުރުމެވެ.
ދެން އޮތީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކަށް ހިތްދަތިކަމެއް ލިބިއްޖެނަމަ ނުވަތަ ތަކްލީފެއް އުފުލަންޖެހިއްޖެނަމަ ކަންތައް ކުރާނެ ގޮތެވެ. އެފަދަ ޙާލަތުގައި އޭނާ ކުރާނެ ކަމަކީ މާޔޫސްވެ ހިތްދަތިޙާލުގައި އުޅުމެއް ނޫނެވެ. އަދި ޝަކުވާ ކުރުމެއްވެސް ނޫނެވެ. ކެތްތެރިވެ އެޙާލަތުން ސަލާމަތް ކުރެއްވެވުން އެދިގެން ދުޢާކުރުމެވެ.
ކުރިމަތިވާ ޙާލަތާއި ގުޅިގެން މިފަދައިން ޢަމަލުކުރާ މީހުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެތެވެ. ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
ބައެއް މީހުން ނުހަނު ދަތިޙާލުގައި އުޅެމުން އަންނައިރުވެސް އެކަން އެމީހުންގެ މޫނުތަކުން އަދި ޢަމަލުތަކުން ނުފެންނަނީ އެމީހުން ކެތްތެރިވުމުގެ ސަބަބުން އެމީހުންނަށް ﷲ ތަޢާލާ ހިތްވަރު މިންވަރުކުރައްވަވާތީއެވެ.
އަދިވެސް ބުނެލާނަމެވެ. ކުރިމަތިވާ ހިތްދަތިކަމާއި ތަކްލީފްތައް ބޮޑުވާވަރަކަށް އަޅުކަންކުރުން ގިނަކޮށް ދުޢާކުރުން ގިނަކޮށްބަލާށެވެ. ތަކްލީފްތައް ތިބާއާއިއެކުގައިވީނަމަވެސް އެކަން ތިބާއަށް އިޙްޞާޞްވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޔާސްމީން މުޤާހިދުގެ ދަރުސަކުން