ޙަފްޞަތުގެފާނު 10: ޙަފްޞަތުގެފާނުގެ އަވަހާރަވުން. އަވަހާރަވީވެސް ރޯދަފުޅަށް އިންނަވަކޮށް

ކިޔުމަށް ހޭދަވާނީ 2މ 46ސ
ޙަފްޞަތުގެފާނު 10: ޙަފްޞަތުގެފާނުގެ އަވަހާރަވުން. އަވަހާރަވީވެސް ރޯދަފުޅަށް އިންނަވަކޮށް

ޢަލީ އިޙްޞާން ފިރާޤް

 

އަވަހާރަވުން:

އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާގެ އުމުރުފުޅުން ފަސްދޮޅަށް އަހަރުފުޅަށްވުރެ މައްޗަށް ހިނގައްޖެއެވެ. އެކަމަނާއަށް ދެން ދުނިޔޭގައި މާގިނަ ދުވަހަކު ނީންދެވޭނެކަމުގެ އިހްސާތައް ކުރެއްވެން ފައްޓަވައިފިއެވެ. އެހެންކަމުން އެކަމަނާގެ ލޯބިފުޅުވާ ކޮއްކޯފުޅު ޢަބްދުالله ބިން ޢުމަރު ރަޟިޔަ ޢަންހު ބަލައިފޮނުއްވައިގެން ގެންނަވައިފައި ވިދާޅުވިއެވެ. [އޭ ޢަބްދުالله އެވެ. އަހަރެމެންގެ ގަދަރުވެރި ބައްޕާ އަވަހާރަވުމުގެ ކުރިން ބައްޕަވަނީ ދައްތައަށް ބައްޕަގެ މުދާތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ދިނުމަށް ވަސިއްޔަތް ކުރައްވައިފައެވެ. ކޮއްކޮ ހަނދާން އެބަހުރި ހެއްޔެވެ.]

ޢަބްދުالله ބިން ޢުމަރު ރަޟިޔަ ޢަންހު އާދޭހޭ އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަ ހުއްޓޭ ދެންނެވުމުން ޙަފްޞަތުގެފާނު ވިދާޅުވިއެވެ. [ބައްޕަވަނީ ބައްޕަ އަވަހާރަވުމުން އެމުދާތައް ބައްޕަގެ އަހުލުވެރިންގެ މެދުގައި ހަމަހަމައަށް ބެއްސެވުމަށް އަންގަވާ ވަސިއްޔަތް ކުރައްވާފައެވެ. ކޮއްކޮ މިކަން ހަނދާން އެބަހުރި ހެއްޔެވެ.] ޢަބްދުالله ބިން ޢުމަރު ރަޟިޔަ ޢަންހު ވިދާޅުވިއެވެ. އާދޭހޭ އަޅުގަނޑު ތިޔަކަންތައްވެސް ހަމަ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ޙަފްޞަތުގެފާނު ވިދާޅުވިއެވެ. [ޣާބާއޭ ކިޔުނުތަކުގައިވާ ހުރިހާ އެއްޗެއް މާތްالله ގެ މަގުގައި ޞަދަޤާތްކޮށްލާށެވެ.]

މި ވަޞިއްޔަތް ކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް صَوَّامَةٌ قَوَّامَةٌ ގެ މަތިވެރި ލަގަބުފުޅުން ޖިބްރީލުގެފާނު ސިފަކުރެއްވި އަންހެންސާހިބާ އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާގެ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ އަމީރު މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ހިޖްރައިން 45 ވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 63 އަހަރުފުޅެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ އޭރު މަދީނާގެ ގަވަރުނަރަކަށް ހުންނެވި މަރުވާން ބްނުލް ޙަކަމެވެ. އޭނާ އެކަމަނާގެ ހަށިކޮޅު ވަކި ހިސާބަކަށް ގެންދިޔުމުގައި އެހީތެރިވިއެވެ. މަޝްހޫރު ޞަޙާބީ އަބޫސަޢީދުލް ޚުދުރީ އާއި އަބޫހުރައިރަތުގެފާނުވެސް އެކަމަނާގެ ޖަނާޒާގެ ކަންތަކުގައި އިސްކޮށް އުޅުއްވިއެވެ. އެކަމަނާ ކަށްވަޅުފުޅުގައި ވެޑުއްވެވީ އެކަމަނާގެ ދެ އަޚުން ކަމުގައިވާ ޢަބްދުالله ބިން ޢުމަރު ރަޟިޔަ ޢަންހު އާއި ޢާޞިމްއެވެ. އެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ތިންބޭކަލުންކަމުގައިވާ ސާލިމް އާއި ޢަބްދުالله އަދި ޙަމްޒާގެ އެހީތެރިކަމާއެކުގައެވެ.

ނާފިޢުއަކީ ޢަބްދުالله ބިން ޢުމަރު ރަޟިޔަ ޢަންހު މިނިވަން ކުރެއްވި އަޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާ އަވަހާރަވީ ދުވަހުވެސް އިންނެވީ ރޯދަފުޅަށެވެ. އަވަހާރަވީ އެދުވަހުގެ ރޯދަފުޅު ނުވީއްލެވެނީހެވެ. އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެފަހު ވަގުތުވެސް ސާބިތުކޮށްދެއްވީ ޙަޤީޤަތުގައިވެސް އެއީ صَوَّامَةٌ قَوَّامَةٌ ކަމުގައެވެ. ގިނަގިނައިން ރޯދަފުޅު ހިއްޕަވާ ރޭއަޅުކަންކުރެއްވާ ބޭކަނބަލެއްކަމުގައެވެ.

އަރަހުށި މާތްالله އުއްމުލް މުއުމިނީން ޙަފްޞާއަށް ރުއްސުންލައްވާށިއެވެ.

 

 

މިއަދު އޮންލައިން