ކިތަންމެ ގާތް އެކުވެރިއަކަށްވެސް ބައިވެރިޔާއާއިމެދު ޝައްކުއުފައްދަން ފުރުޞަތުދީގެން ނުވާނެ! ދީފިނަމަ ވާނީ މިހެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކިތަންމެ ގާތް އެކުވެރިއަކަށްވެސް ބައިވެރިޔާއާއިމެދު ޝައްކުއުފައްދަން ފުރުޞަތުދީގެން ނުވާނެ! ދީފިނަމަ ވާނީ މިހެން!

އެއްދުވަހު މަސައްކަތް ނިމިގެން ފިރިމީހާ ގެއަށް އައިސް ގަމީސްބޭލުމުން ދޮންނަވަށިގަނޑަށްލާން ގަމީސްނެގިއިރު އަންހެން ސެންޓެއްގެ ވަސް ދުވައެވެ. ހަމަ ވަޤުތުން ހިތަށް އެރިއެވެ. "އެކުވެރިޔާ ކުޜީދިވަހު އެބުނީ ތެދެއްތާއެވެ! ފިރިމީހާ ބޭވަފާތެރިވަނީއެވެ." އެހެންވެ ވަޤުތުން ރޮވުނެވެ.

އެތަން ފެނިގެން ފިރިމީހާ ސުވާލުކުރުމުން ތެދަށް ކިޔައިދިނީމެވެ. އެކުވެރިޔާ ދެއްކި ވާހަކަވެސް ކިޔައިދިނީމެވެ. ކިޔައިދިނުމުން ފިރިމީހާ ފޯނުނަގައި ގުޅީ އޭނާގެ މަންމައަށެވެ. މަންމަގެ ގާތުގައި ބުންޏެވެ. "މަންމާއެވެ. ދެންމެ ގެއަށް މަންމަ ބޭލުމުން މަންމަ އަހުރެންގެ ގައިގައި ބައްދަލިތަން ދައްތަ ވީޑިއޯކުރިއެވެ. ދައްތަގާތު ބުނެގެން އެވީޑިއޯކޮޅު ނިކަން އަވަހަށް ފޮނުވައިދީބަލާށެވެ!"

2 މިނިޓްވެސް ނުވަނީސް ވީޑިއޯކޮޅު ލިބުމުން އަހުރެންނަށް ދައްކާފައި ބުންޏެވެ. "ތިއަ ސެންޓް ޖަހައިގެން ހުރީ މަންމައެވެ. ވަސްއަރާފައި ތިއަހުރީ މަންމަގެ ގައިންނެވެ. ބޭނުންނަމަ މަންމައަށް ފޯނުކޮށްފައި މަންމަ މިއަދު ޖަހައިގެން ހުރީ ކޮންސެންޓެއްކަން އޮޅުންފިލުވާށެވެ. މަންމަ ބުނާ ސެންޓާއި ތިއަދުވި ވަހާއި ދިމާވޭތޯ ބަލާށެވެ! އަދި ތިއަ އެކުވެރިޔާ ގާތު ބުނެގެން އަހުރެން ލޯބިވެގެން އުޅެނީ ކާކުދެކެކަން އޮޅުންފިލުވައިގެން އޭނާގެ ގާތަށް ދަމާ ހިނގާށެވެ! ﷲ ގަންދީ ބުނަމެވެ. އެއަންހެނަކު ނުހުންނާނެއެވެ!"

މިހުރީ މިއަދު ކަންކަން ހިނގަމުންދާ ގޮތެވެ. ވަރަށް ގާތް އެކުވެރިން އައިސް ބުނާނެއެވެ! "ތިބާގެ ބައިވެރިޔާ މިހާރު މިވެނި މީހަކާ ގުޅިގެން އުޅޭވާހަކަ އެބަ އަޑުއިވެއެވެ!" މިފަދަ ބަހެއް ބުނެފިނަމަ ފުރަތަމަކަމަކަށްވެސް އަޑުއިވުނީ ކާކުގެކިބައިންކަން އޮޅުންފިލުވާށެވެ. އެމީޙަކު ބުނުމުން އޭނާ ލައްވައި އެމީހަކަށް ފޯނުކުރުވާށެވެ! އަދި އޭނާއަށް އެނގުނު ގޮތަކާއިމެދު ސުވާލުކުރާށެވެ! ހެކިދައްކަން ބުނާށެވެ! އެމީހަކު ބުނެނުދެވުނުނަމަ ތިއަ އުފައްދަނީ ފިތުނައެއްކަމަށް ބުނެ ދެން ދުވަހަކުވެސް ތިއަ ބާވަތުގެ ވާހަކައެއް ނުދައްކަން ބުނާށެވެ!

މިހެން ބުނަން މިޖެހެނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެސަބަބަކީ މިބުނި ފަދަ ވާހަކަތައް ޔޯލަކޮށްލައިގެން ދައްކާ މީހުން ވަރަށް ގިނަވެއްޖެއެވެ. އެފަދަ ވާހަކަތައް އަޑުއިވުމުން ބައިވެރިޔާއާއިމެދު ހިތުގައި ޝައްކު އުފެދެއެވެ. އެއިރުން ލިބޭ އެންމެ ބޮޑުދެރައަކީ ބައިވެރިޔާގެ ކިބައިން ކިތަންމެ ކުޑަކުޑަ ކަމެއް ފެނުނަސް އެއީ ބޮޑުސިންގާ ފަރުބަދައެއްވަރުގެ ކަމެއްގެ ގޮތުގައި ވިސްނެންފަށަނީއެވެ.

ވީމާ ބައިވެރިޔާއާއިމެދު ޔޯލަވާހަކަ ދެއްކުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދޭށެވެ. ޘާބިތުކޮށް ނުދެވޭ ވާހަކައެއް ދައްކައިފިނަމަ ވަޤުތުން އެމީހަކާއި ހުރިހާ ގުޅުންތަކެއް ކަނޑައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށްފަހު ރަޙިމުގެ ގުޅުމެވެ. ވިދިގެން ގެންނަން ޖެހޭނީ އަނބިދަރިންނެވެ. އަދި ބައެއް ޢިލްމްވެރިން ރަޙިމުގެ ގުޅުމާއި ބައިވެރިޔާއާއި ދަރިން އެއް ދަރަޖަވެސް ކުރެއެވެ. ވީމާ މިއިން ގުޅުމެއް ކަނޑުވަން އުޅެފިނަމަ އެމީހަކާއި އެއްވެސް ގުޅުމެއްވުރެ ފައިދާކުރާނެ އެއްވެސް ގޮތެއް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން