އިސްލާމް ދީނުގައި މަނާކަންކަން ގިނަ ކަމަށް އެބުނަނީ ދީން ނުއެނގޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އިސްލާމް ދީނުގައި މަނާކަންކަން ގިނަ ކަމަށް އެބުނަނީ ދީން ނުއެނގޭތީ!

ފަށާނީ ވަރަށް ފުރިހަމަ މިޘާލަކުންނެވެ. އިސްލާމް ދީން ބާވައިލެއްވުނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގައެވެ. އެއީ އަދި މީސްތަކުންގެ ޖާހިލުކަން މާބޮޑު ޒަމާނެކެވެ. މާގިނަ ބާވަތުގެ ނުބައިކަންކަމާ މާބޮޑެތި ނުބައިކަންކަން ކޮށްއުޅުނު ޒަމާނެކެވެ. އެކަންކަން ކުރުން ހުއްޓާލައި މީސްތަކުން އެހައި އަވަހަށް އެހައި ގިނަ ބައަކު އިސްލާމްދީން ޤަބޫލުކުރީ ދީނުގައި ހުރި މަނާކަންތައްތަކާއިއެކުގައެވެ. އަދި އެއިގެ ފަހުންވެސް އިސްލާމް ދީން ކުރިއަރަމުން މިއަންނަނީ ދީނުގައި ހުރި މަނާ ކަންތައްތަކާއިއެކުގައެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެދޫކުރައްވަވައި ސުވަރުގެ ވަޑައިގެންނެވި ފަހަކުން އެއްވެސް ޙުކުމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. މަނާ ކަންކަންވެސް ހުރީ ހަމައެއިރުވެސް ހުރިވަރަށެވެ. އެހެންކަމުން މިބުނެދެނީ ދީނުގައި މާގިނައިން މަނާކަންކަން ހުރިކަމަށް މިހާރު ބައަކަށް ޤަބޫލުކުރެވޭ ސަބަބެވެ.

ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކެއް ހުރެއެވެ. ކޮންމެ މުޖުތަމަޢުއެއްގައިވެސް ބަލައިގަންނަ ކަންތައްތަކަކާއި ބަލައި ނުގަންނަ ކަންތައްތަކެއް ހުރެއެވެ. އެމީހަކު ކުރަން ބޭނުންވާ ކަމަކަށް ހުރަސް އެޅޭނަމަ ކުށްވެރިކުރަނީ ޤާނޫނުތަކެވެ. އުޅެން ބޭނުންވާހައި ގޮތަކަށް ނުއުޅެވޭނަމަ ކުށްވެރިކުރަނީ މުޖުތަމަޢުއެވެ.

ނަމަވެސް މިއީ އެއްވެސް ބައަކު ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. ކޮންމެ މީހަކަށް އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކުރެވޭނެ ގޮތަކަށް އޮންނަނަމަ ޤާނޫނެއް އޮތުމުގެ ބޭނުމެއް ނެތެއްނޫންހެއްޔެވެ؟ އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކުރާށާއި އެމީހަކު އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލަންވީ ނޫންހެއްޔެވެ؟

އިސްލާމް ދީނާއިމެދުވެސް ބައަކު މިދެކެނީ އެބާވަތުގެ ގޮތަކަށެވެ. ބައެއް މީހުން ބުނަނީ އިސްލާމް ދީނަކީ ހުރިހާ ކަމެއް ޙަރާމްވެގެންވާ ދީނެއް ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ މާގިނަ ކަންތައްތަކެއް ޙަރާމް ކުރެވިގެންވާ ދީނެއް ނޫނެވެ. އެކަމެއް ކުރުމުން ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ދީނުގައި ޙަރާމްކުރައްވަވާފައެއް ނުވެއެވެ. އެކަން މުސްލިމުންގެ އިތުރުން ކާފިރުންވެސް މިއަދު ޤަބޫލުކުރެއެވެ.

މައްސަލައަކަށްވެގެން މިއުޅެނީ އެހެންކަމެކެވެ. މީސްތަކުން ކުރާ ޙަރާމް ކަންތައްތައް ގިނަވީއެވެ. ހަވާނަފްސަށް ހެއްލި ފާފަތަކަށް އަރައިގަންނަން ބޭނުންވަނީއެވެ. ތިމާއަށް ގެއްލުން ލިބުނަސް ވަޤުތީ އުފާ ހޯދަން ބޭނުންވެވެނީއެވެ.

ފާފަ ކުރުމަކީ ބޮޑުކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ދުވަސް އަންނާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ނަތިޖާއަކީ ފާފަތަކުން ސަލާމަތްވެ ހުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން އައުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަލަންވީ އެކަމެއް ކޮށްލުމުން ލިބޭ ވަޤުތީ އުފަލަކަށް ނޫނެވެ. ފަހުން ކުރިމަތިވެދާނެ މައްސަލަތަކަށެވެ. ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށެވެ. ބިރުވެތިވާންވީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ. އެކަންކަން ހިތަށް ގެނެވޭނެ ނަމަ ފާފަކުރަން ބިރުވެތިވެވުނީހެވެ.

--އިސްލާމީ ތިލަފަރުގެ ދަރުސަކުން

މިއަދު އޮންލައިން