މުސްލިމަކު ނަމަ ނަރަކައަށް ބިރުވެތިވާނެއެވެ. ނަރަކައަށް ބިރުވެތިވާނަމަ އޮތީ ސަލާމަތްވާން މަސައްކަތްކުރުމެވެ. ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެން ނަމަވެސް ސުވަރުގެ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. ގިނަ ބައަކު ފޭލްވަމުން މިއަންނަނީ އެމަސައްކަތުގައެވެ.
ޙަދީޘްގައި ވަނީ މީހަކު ބާރަށް ދަތުރުކުރާނަމަ އުޑާއި ބިމާއި ދެމެދުގައި ހުރީ 500 އަހަރު ދަތުރުކުރުމުގެ ރާސްތާ ކަމަށެވެ. އަޅުގަނޑުމެންގެ އުމުރުގައި މިއުޅެނީ 100 އަހަރު ހަމަ ނުވެގެންނެވެ. ވީމާ 500 އަހަރުގެ ދުރުމިނުން އިޙްޞާޞްކުރެވޭނެ ނަރަކައިގެ އަލިފާނުގެ ހޫނަކީ ކިހައި ގަދަފަ ހޫނެއްކަން ނިކަން ހިތަށް ގެނެސްބަލާށެވެ!
ނަރަކައިގެ އަލިފާނަކީ 500 އަހަރުގެ ދުރުން ހޫނުކަން އިހްޞާޞް ވާނެ އެއްޗެއްކަން ވަނީ އަންގަވައިފައެވެ. އެފަދަ ހޫނު އަލިފާނާއިމެދު ބިރުވެތިވުމަށް ﷲ ތައާލާ އެންގެވުމުން އެކަން މިއަދު މިއުޅެނީ ޤަބޫލު ނުކުރެވިގެންނެވެ.
ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށްޓަކި ނަމާދާއި އެހެނިހެން ހެޔޮ އަމަލުތައް ކުރެވޭނީ މިއަދުއެވެ. މަރުވެ ކައްވަޅަށް ދިއުމުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހިސާބުން އެބައި (އަމަލުކުރުމުގެ ބައި) ނިމުނީއެވެ. ދެން އަންނާނީ ސުވާލުތަކެވެ. ނުކުރީ ކީއްވެތޯ އާއި ކުރީ ކީއްވެގެންތޯއެވެ. އެހިސާބުން ޖެހޭނީ ޖަވާބުދާރީ ވާށެވެ.
ނަރަކައިގެ އަލިފާނަށް ބިރުވެތިވެ ސަލާމަތްވުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާނުގައި އަމުރުފުޅު ކުރައްވަވައިފައެވެ. އެފަދައިން ﷲ ތާޢާލާ އަމުރުފުޅު ކުރައްވާފައި ވަނިކޮށް ނަރަކައިގެ އަލިފާނަށް ގޮސް ވެއްޓި ގަންނާނީ ބުއްދި ސަލާމަތުން ނެތް މޮޔައިންނެވެ. އެހެނީ އެފަދަ މީހުންނަކީ ﷲ ތަޢާލާއަށާއި ކީރިތި ޤްރްއާނަށް ބިރު ނުގަންނަ މީހުންނެވެ. ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އާޔަތްތައް ޤަބޫލު ނުކުރާ އަދި އިތުބާރު ނުކުރާ މީހުންނެވެ. އެމީހުންނަށްވުރެ މޮޔަބައަކީ ކޮބައިހެއްޔެވެ؟
ނަރަކައަށް ވެއްޓިގަންނާނީ އަބާއްޖަވެރިން ކަމާއި އެފަދަ ބޮޑެތި މޮޔައިންނަކީ ކޮންބައެއްކަންވެސް ﷲ ތައާލާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. "ތިމަން ﷲ އެބައިމީހުންނަށް އުޅެންވާގޮތް ބަޔާންކޮށްދެއްވެވުމުން އެ ގޮތް (އެކަންކަން) ދޮގުކޮށް ފުރަގަސްދިން މީހުންނެވެ." ދޮގުކުރުން އޮންނާނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ދޮގުކުރާކަމަށް ދުލުން ބުނެ ދޮގުކޮށްލުމެވެ. އެއީ ވަރަށް ފަސޭހަ ގޮތެކެވެ. ދެން އޮތީ އެއަށްވުރެ ބޮޑު ގޮތެކެވެ. އެއީ ދޮގުކުރާ ކަމަށް ދުލުން ނުބުނެ އަމަލުން އެކަން ދެއްކުމެވެ. މިސާލަކަށް ނަމާދު ނުކުރާނެ ކަމަށް ދުލުން ނުބުނި ނަމަވެސް ނަމާދު ނުކޮށް ހުރުމެވެ. "ނަމާދުކުރަންޖެހޭކަން އޭނާއަށް އެނގެއެވެ. ނަމަވެސް ނަމާދެއް ނުކުރެއެވެ. އެފަދަ މީހާއަކީ ބޮޑު ދޮގުވެރިއެކެވެ. އެހެނީ އޭނާ އެވަނީ ﷲ ތަޢަލާގެ އެންގެވުމަށް ފުރަގަސްދީފައެވެ. ﷲ ތާޢާލާގެ ޥަޙީ އޭނާ ދޮގު ނުކުރާނަމަ އޭނާ ނަމާދަށް އަންނާނެއެވެ."
އަހަރެމެން ޢާންމު ދިރިއުޅުމުގައި ބޭނުންވާ ފޯނު ފަދަ ތަކެތި ގަންނައިރު ވޮރަންޓީ ކާޑުގައި ހުންނަ މައުލޫމާތަށް އެބަ އިތުބާރު ކުރަމުއެވެ. ފޯނު އުފެއްދި ކުންފުނީގެ މީހަކު ބުނުމަކާއި ނުލައި ހަމައެކަނި ފިހާރައިގެ ސޭޓު ދައްކާ ކަރުދާސްކޮޅެއްގައިވާ ލިޔުމަކަށް ބަލައިގެންނެވެ. އެހެން ނަމަވެސް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ އާޔަތްތަކަށް އިތުބާރެއް ނުކުރަމުއެވެ. ޤަބޫލެއް2 ނުކުރެވެއެވެ. ޤަބޫލުކޮށް އިތުބާރުކުރާނަމަ ކީރިތި ޤްރްއާނުގެ އާޔަތްތަކަށް ޢަމަލުކުރާނެއެވެ. ނަމާދުކުރަންޖެހޭކަން އެނގުނު ނަމަވެސް އެކަން ޤަބޫލު ކުރާނަމަ ނަމާދުކުރާނެއެވެ.
އަބޫޠާލިބްގެފާނަށްވެސް ކުރިމަތިވީ ހަމަ އެމައްސަލައެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ބަސްފުޅުތަކަކީ ސާފު ސީދާ ތެދު ބަސްފުޅުކަން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް ޤަބޫލުފުޅު ނުކުރެއްވެވުނީއެވެ.
ﷲ ތަޢަލާ ވަޙީކުރައްވަވާފައިވަނީ ނަރަކައަށް ބިރުގަންނަ މީހުން ނަރަކައިން ސަލާމަތްވާނެ ކަމަށެވެ. ނަރަކައަށް ބިރު ގަންނާނީ ތަޤްވާވެރިންނެވެ. ތަޤްވާވެރިންނަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކުރާ އަދި ﷲ ތަޢާލާ އަމުރު ކުރައްވަވާފައިވާ ކަންކަން ކުރާ މީހުންނެވެ. ވީމާ ނަރަކައިން ސަލާމަތްވާނީ ކޮން ބައެއްކަން މިއޮތީ އެނގޭށެވެ.
އަހަރެމެން އަޅުކަން ކުރަނީ ކީއްކުރަން ހެއްޔެވެ؟ ހިތަށް ބިރުވެރިކަން ގެނައުމަށެވެ. ކިޔަމަންތެރިކަމުގެ އަށަގެންނެވުމެވެ. ނުކިޔަމަންތެރިކަމާއި ދުރުވުމެވެ. ތަޤްވާވެރިވެވޭނީ އެއިރުންނެވެ.
--ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން