އަޅުގަނޑުގެ އެކުވެރިއަކަށ ވަރަށް ފަހުން ދިމާވި ކަމެއްގެ ވާހަކަ ޙިއްޞާކޮށްލާނަމެވެ. ދެމަފިރިންގެ ތެރެއިން އެކަކު ސިއްރުން ލޯބިވެރިއަކު ގެންގުޅޭކަން ފަޅާއެރީއެވެ. މައްސަލަ ހޫނުވީއެވެ. ޒުވާބުކުރަމުންގޮސް ގައަށް އަތްލާ ހިސާބަށް ދިއުމުން 14 އަހަރުގެ އަންހެން ދަރިފުޅު އެކަމުގެ ތެރެއަށް ވަނެވެ.
"ބައްޕާއެވެ! މަންމަ ދިފާޢުކުރާކަށް ނެތީމެވެ! އެކަމަކު ތިއަކުރާ ޒުވާބުން އެނގެނީ މަންމަ މީހަކާ ހަމައެކަނި ލޯބީގެ ވާހަކަދެއްކި ކަމެވެ. މެސެޖްކުރިކަމެވެ. ބައްޕަ ނިކަން ތެދަށް ބުނެބަލާށެވެ! ބައްޕަގެ އެއަށްވުރެ މާބޮޑު ކަމެއް އަޅުގަނޑަށް އެނގުނުތާ ކިހައި ދުވަހެއް ވެއްޖެހެއްޔެވެ؟ އަޅުގަނޑު މިގެންގުޅެނީ އެވާހަކަ މަންމަގާތު ނުބުނުން ޝަރުޠުކޮށް އަޅުގަނޑަށް ދިން އައިފޯނެއް ނޫން ހެއްޔެވެ؟ އެވާހަކަ މަންމަ ގާތު ނުބުނެ މިހުންނަނީ އައިފޯނު ދިނީތީއެއް ނޫނެވެ. މަންމަ އާއި ބައްޕަ ވަކިވެއްޖެ ނަމަ އަޅުގަނޑަށާއި ކޮއްކޮމެންނަށް ލިބޭނެ ދެރައަށް ބަލައިގެންނެވެ. ބައްޕަ އެދުނީތީ މަންމަގެ ގާތަކު ނުބުނަމެވެ. އެކަމަކު މާމަ (މަންމަފަރާތުގެ) ގާތު ބުނީމެވެ. ކަންތައް މިކުރަނީ މާމް ބުނި ގޮތަށެވެ. މިއަދު މަޖުބޫރުވީމާ ބުނަން ޖެހުނީއެވެ. ބައްޕަ މަންމަގެ ގައިގަ ޖަހާ އިސްތަށިގަނޑަށް ދަމާތަން ބަލަން ކުޅަދާނަ ނޫންވީމައެވެ."
ހެދޭނެ ދޮގެއް ނެތެވެ. އެކިޔައިދިނީ ކަންކަން ލޮލަށް ފެނުނު ދަރިފުޅެވެ. އެބުނަނީ ހަގުދަރިފުޅުގެ ބޭސްފަރުވާއަށް މަންމަ ލަންކާގައި ހުރިއިރު ދަންވަރު ލޯބިވެރިއަކު ގެއަށްވައްދައިގެން ބައްޕަ އުޅުނު ވާހަކައެވެ.
އެހިސާބުން ދަރިފުޅު ފޯނު ނަގައި މޭޒުމަތީގައި ބާއްވާފައި ބުންޏެވެ. "ދެން މިފޯނު ބޭނުމެއްވެސް ނޫނެވެ. މިފޯނު މިގެންގުޅުނީވެސް ވަރަށް އުނދަގުލުގައެވެ. ފޯނު ފެނުމުން މިއީ ކޮން ގޮތަކުން ލިބުނު ފޯނެއްކަން ހަނދާނަށް އަންނާތީއެވެ." އެހެން ބުނެފައި ގެއިން ނުކުންނަން ހިނގައިގަތުމުން އޮޅުލައިގެނެގެން ހިފެހެއްޓުވުނީ މާމައަށެވެ. މަންމައާއި ބައްޕައަށް އޭނާއާއި ކައިރިވެސް ނުވެވުނެވެ.
ދެމަފިރިންގެވެސް މައިންބަފައިންނަކީ ވަރަށް ހެޔޮލަފާ ބައަކަށްވީތީ އެމީހުންގެ ވަރަށް ބުރަ މަސައްކަތުން އެދެމަފިރިންގެ ކައިވެނި އަދި ނުރޫޅެއެވެ. ނަމަވެސް ކަންކަން އޮތީ ހަމަ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކަކުވެސް އަނެކާއަށް އިތުބާރުނުކުރާތީއެވެ.
މިޙާލަތުގައި ނިކަން ބުނެބަލާށެވެ! ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ތިބި މައިންބަފައިންނަށް މިކުރެވެނީ ކުދިން ހަލާކު ނޫންހެއްޔެވެ؟ މިފަދަ ތަރުބިއްޔަތު ލިބިގެން ބޮޑެތިވާ ދަރިން ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް ތެދުވެރިވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
މިއީ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅޫވެލައްވާށެވެ!
ދިރިއުޅުމުގެ ކަންކަމާއިބެހޭ ގޮތުން ޢާންމު ގޮތެއްގައި ސުވާލުތައް ލިބޭނީ ދެމަފިރިންގެ ކިބައިން ނުވަތަ އެތަނުން އެކެއްގެ ކިބައިންނެވެ. ބައިވެރިޔާ މިވެނިކަމެއްކުރާތީއެވެ. ނަމަވެސް ޙާލަތު ބަދަލުވެއްޖެއެވެ. މަންމަ ނުވަތަ ބައްޕަ މިވެނިކަމެއްކުރާތީ ދަރިން ޢިލްމުވެރިންނާއި އެބަ ސުވާލުކުރެއެވެ.
މިފަދަ ބައެއް ސުވާލުތައް ކުދިން މިއަދުނޫހަށްވެސް ހުށަހަޅައެވެ. "--- ކުރާ ކަމެއްގެ ވާހަކަ ނުބުނާމަތިން ދޭ އެއްޗެއް ނުވަތަ ކޮށްދޭ ކަމެއް ޙަލާލުވާނެތޯ؟" އެބަ ސުވާލުކުރެއެވެ.
ލޮބުވެތި މައިންބަފައިންނަށް ދަންނަވާލަން އޮތީ ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ. ޢަމަލުތައް އިޞްލާޙްކުރައްވާށެވެ! ދަރިން ހަލާކުކުރާ ބައަކަށް މައިންބަފައިން ނުވާށެވެ! އެއީ މައިންބަފައިންނަށް ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ.
އެއްދުވަހަކު 12 އަހަރުގެ ކުއްޖަކު އޭނާގެ އެކުވެރި ކުއްޖެއްގެ ގާތުގައި ބުންޏެވެ. "ނިކަން ފަސޭހައިން ފައިސާ ލިބޭނެ ގޮތެއް ބުނެފާނަމެވެ. "ކަލޭގެ ސިއްރުތައް ތިމަންނައަށް އެނގޭ ކަމަށް މީހުންގެ ގާތުގައި ބުނާށެވެ! އެކަމަކު ބުނަންވާނީ އެނގޭކަން މޫނުމަތިން ދައްކަމުންނެވެ. ހީނވެސްނުލައި ހުރެއެވެ. ވަރަށް ސީރިއަސްކަން ދައްކަމުންނެވެ."
ކުއްޖާ ގެއަށްގޮސް ފުރުޞަތަކަށް ބަލަންހުރެފައި ބައްޕަ ފޯނާއި ކުޅެން އިންދާ ގާތަށް ގޮސްފައި ބުންޏެވެ. "ބައްޕާއެވެ! ބައްޕަގެ ސިއްރުތައް އަޅުގަނޑަށް އެނގެއެވެ." ބައްޕަ އަވަސް އަވަހަށް ދަރިފުޅަށް 10 ޑޮލަރު ދީފައި ބުންޏެވެ. "ކޮންމެވެސް ކޮންމެވެސް މަންމަ ގާތުގަ ނުބުނާށެވެ."
އަނެއްދުވަހު މަންމަ ފޯނާއި ކުޅެން އިންދައި ގޮސް ހަމަ އެގޮތަށް ބުނުމުން 20 ޑޮލަރުދީފައި ބުނީ ހަމަ ބައްޕަވެސް ބުނި ގޮތަށެވެ. "ކޮންމެވެސް ކޮންމެވެސް ބައްޕަ ގާތުގަ ނުބުނާށެވެ."
މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަޅުގަނޑަށް ވަރަށް ހިތްދަތި އިޙްޞާޞްތަކެއް ކުރެވުނެވެ. ސަބަބަކީ މިއީ ވަރަށް ވަރުގަދަ މެސެޖެއް ނުވަތަ ވާހަކައެއް ކަމެވެ. ވަރަށް ޙިކުމަތްތެރި ބަސްކޮޅެއް ކަމެވެ.
އަޅުގަނޑުގެ ސުވާލަކީ މިއީ އަޅުގަނޑުމެންގެ ޙާލަތުކަމުގައިވާނަމަ ދަރިން އިޞްލާޙްކުރަން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟ އަދި 12 ވަރަކަށް އަހަރުގެ ކުއްޖެއްގެ ވިސްނުމަށް މައިން ބަފައިން ފޯނުގައި ތިބޭ ވަގުތު ގޮސް އެފަދަ ބަހެއް ބުނަން ވިސްނުނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ މައިން ބަފައިން ފޯނުގައި ތިބެގެން ކުރަނީ ރަނގަޅު ކަންކަން ނޫންކަން ކުދިންނަށް އެނގޭކަން ނޫންތޯއެވެ؟ ވާހަކަދައްކަނީ ނުވަތަ ޗެޓްކުރަނީ ކުރަންޖެހޭ މީހުންނާއި ނޫންކަން އެނގޭތީ ނޫންތޯއެވެ؟
އަޅުގަނޑު މިބުނަނީ މާމުހިންމު ނޫން ވާހަކައެއްކަމަށް ބައަކު ބުނެފާނެއެވެ. ނަމަވެސް އަޅުގަނޑުދެކޭގޮތުގައި މިއީ ހަމަ ވަރަށް މުހިންމު ވާހަކައެކެވެ. މައިންބަފައިން ވިސްނަން ޖެހިފައިވާ އެންމެ މުހިންމު އެއް މައްސަލައެވެ. އިޞްލާޙްކުރަން އެންމެ ބޮޑަށް ޖެހިފައިވާ ކަންތަކެވެ.
ފަޅާއަރައި ކައިވެނި ރޫޅުނީމާ އެކަކު އަނެކަކު ކުށްވެރިކުރުމުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ކަންކަން އިޞްލާޙްކުރުމުންނެވެ. ތެދުވެރިކަމާއިއެކު ދިރިއުޅެން ދެމީހުންވެސް މަސައްކަތްކުރުމުންނެވެ. ހިތާމައަކީ މިބަޔާންކުރި ޙާލަތުން ސަލާމަތްވެ ތިބީ ވަރަށް މަދު ދެމަފިރިއެއްކަމެވެ.
އެންމެ ހިތާމަހުރި ކަމަކީ ދަރިންގެ މުސްތަޤްބަލެވެ. ކުޑައިރުންސުރެ ނުބައި އާދަތައް ފެނި ދަސްވުމުން އެދަރިންގެ ދިރިއުޅުމަށް ލިބޭނެ ގެއްލުމެވެ. އެ ޙާލަތުން ދަރިން ސަލާމަތްކުރުން ވެސް އޮތީ ހަމަ މައިންބަފައިންގެ އަތްމަތީގައެވެ.
--ޝީރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް