ކުރާ އަޅުކަން ފޮޓޯނަގައި، ވީޑިއޯކޮށް ސޯޝަލްމީޑިއާގައި ޢާންމުކުރުކުރުމާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.
އެކަންކުރަނީ އޭނާ ފަދައިން އަޅުކަންކުރަން އެހެން މީހުންނަށްވެސް ހިތްވަރުދިނުމުގެ ނިޔަތުގައި ކަމަށްވާނަމަ އެކަމުގައި މައްސަލައެއް ނެތްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާކަމަށެވެ. އަދި ބައެއް ޢިލްމުވެރިންވެސް އެނިޔަތުގައި އެފަދަ ކަންކަން ކުރައްވަވައެވެ. އަދި އެކަމުގައި ދެއްކުންތެރިކަން ހިމެނޭނަމަ ކުރިއަޅުކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެކަމަށާއި އެކަމުން ފާފަވެރިވާނެކަމަށްވެސް ވިދާޅުވެއެވެ.
ކޮފީއަށްދަމުން ސޯޝަލްމީޑިއާގައި އެކުވެރިންނަށް ދަޢުވަތުދޭ ފަދައިން ޖަމާޢަތުގެ ނަމާދަށްދަމުންވެސް އެކުވެރިންނަށް ދަޢުވަތުދޭން ބައެއް ޢިލްމުވެރިން ބާރުއަޅުއްވާކަންވެސް ފާހަގަކުރަމެވެ.
ވީމާ އެފަދަ ކަންކަން ކުރާމީހުންގެ ނިޔަތް ނުއެނގިހުރެ ގޮތް ނިންމާކަށް ނުވާނެއެވެ.
ހަމައެއާއިއެކު ވިސްނާލަންވީ ތިމާ އަޅުކަންކުރާ ފޮޓޯ ނުވަތަ ވީޑިއޯ ނުލައިވެސް ހިތްވަރުދެވޭނެކަމެވެ. މިޘާލަކަށް ޢުމުރާގައި ހުރެ ތިމާގެ އަމިއްލަ ފޮޓޯ ހާމަނުކޮށް ޙަރަމްފުޅާއި މީސްތަކުން އަޅުކަންކުރާތަން ހާމަކުރެވިދާނެއެވެ. އަދި އަމިއްލަ ރަށުގައި ހުރެގެން ނަމާދުކުރަން ބައަކަށް ހިތްވަރުދޭން ލާޕޯސްޓްވެސް ތިމާ ނުފެންނަ ގޮތަށް ލެވިދާނެއެވެ.
މިޘާލަކަށް މެންދުރު ވަޤުތު ގާތްވުމުން އެކުވެރިންނަށް ހަނދުމަކޮށްލައިދޭން ލާޕޯސްޓްގެ ފޮޓޯއަކަށް މިސްކިތް ނުވަތަ އެހެން މީހުން ނަމާދުކުރާ ފޮޓޯއެއް ލެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ނުހިމެނޭނެ ގޮތަކަށް ކަންކަން ކުރުމެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވާށެވެ.
އާލު ޢިމްރާން ސޫރަތުގެ 102 ވަނަ އާޔަތުގައި އަމުރުވެވިގެންވާ ފަދައިން ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތަޤްވާވެރިވުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ؟
މާތް ޞަޙާބީ ޢަބްދު ﷲ ބިން މަސްޢޫދު -رضي الله عنه- ވިދާޅުވެފައިވާ ގޮތުގައި އެއީ ﷲ އަށް ކިޔަމަންވުމާއި އެއިލާހަށް ނުއުރެދުމެވެ. އަދި ﷲ އަށް ޝުކުރުވެރިވުމާއި އެއިލާހުގެ ނިޢުމަތްތަކަށް ކުފުރުނުުވުމެވެ. އަދި ﷲ ގެ ޛިކުރުކުރުމާއި އެއިލާހުގެ ޛިކުރުން ޣާފިލުނުވެމެވެ.
ކުރީގެ ޞާލިޙުން އަޅުކަމެއް އަދާކުރެއްވުމަށް ފަހުގައި ތިއްބަވަނީ އެއަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަފާނެ ކަމުގެ ބިރުވެތިކަމުގައެވެ. އަޅުގަނޑުމެންގެ ޙާލަތަކީ އަޅުކަމެއް ކޮށްފިނަމަ ފޮޓޯ ނަގައި ދެއްކުންތެރިކަމާއި އެކީ އެކަން އިޢުލާންކުރުމެވެ.
--ޝައިޚް އަޙްމަދު ރިމާޒް