ގިނަބައަކަށް އަޅުކަން ނުކުރެވިގެން މިއުޅެނީ އެއީ ﷲ ތަޢާލާއަށް ކޮށްދެވޭ ކަމެއްކަމަށް ވިސްނޭތީ! އެއީ ކަނޑައެޅިގެން ބާޠިލް ވިސްނުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ގިނަބައަކަށް އަޅުކަން ނުކުރެވިގެން މިއުޅެނީ އެއީ ﷲ ތަޢާލާއަށް ކޮށްދެވޭ ކަމެއްކަމަށް ވިސްނޭތީ! އެއީ ކަނޑައެޅިގެން ބާޠިލް ވިސްނުމެއް!

ﷲ ތަޢާލާ އިންސާނުންނާއި ޖިންނިން ދުނިޔޭގައި ލައްވަވާފައިމިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް އަޅުކަންކުރަންވުމަކީ އަޅުކަންކުރީމާ އެކަމުން ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުގެވެސް ފައިދާކުރާނެތީއެއް ނޫނެވެ. އެކަމުން ފައިދާކުރާނީ އެމީހަކަށެވެ. ގިނަބއަކަށް އެކަން މިވަނީ އޮޅިފައެވެ. 

އަހުރެން ތިއަބައިމީހުންނާއި ސުވާލެއް ކުރާނަމެވެ. ކިޔަވައި ނިމުމުން ނުވަތަ ތަޢުލީމީ އަހަރު ނިމުމުން ދަރިވަރުން އިމްތިޙާން ކުރެވެއެވެ. އިމްތިޙާން ކުރަނީ މުދައްރިސެވެ. ސުވާލް ކަރުދާސް ތައްޔާރުކުރަނީ މުދައްރިސެވެ. ސުވާލަކީ އިމްތިޙާނުން ފާސްވެއްޖެނަމަ ކާމިޔާބު ލިބެނީ ދަރިވަރަށް ހެއްޔެވެ؟ ނޫނީ މުދައްރިސަށް ހެއްޔެވެ؟  

ޖަވާބުގައި ދެކަމެއްވެއެވެ. ފުރަތަމަ ކަމަކީ ދަރިވަރުން ފާސްވުމުން، ޚާއްޞަކޮށް މަތީދަރަޖައިގައި ފާސްވުމުން މުދައްރިސަށްވެސް ހިތްހަމަޖެހުމެއް ލިބޭނެއެވެ. އެއީ އޭނާގެ ބަސް ޤަބޫލުކޮށް ދަރިވަރުން ކިޔަވައި ފާސްވުމުން އެކަމުގެ ފައިދާ ދަރިވަރުންނަށް ކުރާނެތީއެވެ.  

ދެވަނަ ކަމަކީ ކިތަންމެ މަތިން ފާސްވިނަމަވެސް އެކަމުގެ ފައިދާ މުދައްރިސަކަށް ނުކުރާނެއެވެ. ފައިދާކުރާނީ ދަރިވަރަށެވެ. ރަނގަޅު ވަޒީފާ ލިބި ތަނަވަސްކަން ލިބި އުފަލުގައި ދިރިއުޅެވޭނީ ދަރިވަރަށެވެ. ކިޔަވައިދިން މުދައްރިސަކަށް ފައިޑާއެއް ނުކުރާނެއެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެ އާޚިރަތް ދުވަސް ކާމިޔާބުކުރެވުމުންވެސް ވެގެންދާނީ މިފަދަ ގޮތެކެވެ. ކިތަންމެ ގިނަ ބައަކު ފޭލްވެ ނަރަކައަށް ވަންނަން ޖެހުނަސް ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުވެސް އުނިނުވާނެއެވެ. އަދި ކިތަންމެ ގިނަ ބައަކު ޢާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ވަން ނަމަވެސް އެކަމުންވެސް ފައިދާކުރާނީ ހަމައެބައަކަށެވެ. ﷲ ތަޢާލާއަށް ޛައްރެއްގެ މިންވަރުގެވިޔަސް އެއްވެސް ފައިދާއެއް ލިބިވޮޑިއެއް ނުގަންނަވާނެއެވެ. އަދި އެފަދަ ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެނެއްވެސް ނުމެވޭމެއެވެ.  

މިވާހަކަތައް ކިޔައި މިދިނީ ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކޮށް ސުވަރުގެ ޙާޞިލުކުރެވިއްޖެނަމަ އެކަމުގެ ހުރިހާ ފައިދާއަކާއި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެން އޮތީ ހަމަ އެމީހަކަށްކަން ބަޔާން ކުރުމަށެވެ. ވީމާ ބުއްދިވެރިންނަކީ ސުވަރުގެ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން