ތިމާގެ އަގު އުފުލެން ބޭނުންނުވާނެ ހަަމއެކަކުވެސް ނުހުންނާނެއެވެ. އެކަން ޙާޞިލުކުރަން ފުރަތަމަވެސް ކުރަން އޮތް ކަމަކީ ކޮބައިކަން ގިނަބައަކަށްވަނީ އޮޅިފައެވެ. އެހެންވެ ބުނެލައިދޭނަމެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފުރިހަމަ މީހަކަށްވެވޭނީ ތިމާ ބޭނުންވާ ކޮންމެ ވަޤުތަކު ތިމާ ކުރަން ބޭނުންވާހައި ކަމެއް ކުރުމުން ކަމަށެވެ. ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނުމުން ކަމަށެވެ. ތިމާގެ އަގު އަރާނީ އެއިރުން ކަމަށެވެ.
އެގޮތަށް ވިސްނާ މީހުން އެމީހުންގެ އަނބިންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށާއި ޢާއިލާގެ މީޙުންގެ ކުރިމަތީގައި ކޮންމެ ފަދަ އެއްޗެއް ބުނަންވެސް ޖެހިލުމެއް ނުވާނެއެވެ. ބޭނުންވާހައި އެއްޗެއް ބުނެލާނެއެވެ. އެހެން މީހަކަށް ކޮށްފާނެ އަސަރަކަށް ނުވެސްވިސްނާނެއެވެ.
އަދި އަނބިމީހާ ވަރިކުރަން ހިތަށް އަރައިފިނަމަ ވަރިވެސް ކުރާނެއެވެ. ދެން ކަންކަން ވެދާނެ ގޮތަކަށް ވިސްނައެއް ނުލާނެއެވެ. ހީކޮށްގެން ހުންނާނީ ހުރިހާވެސް މީހަކީ ތިމާކަމަށެވެ. ތިމާއަށް އެކަނި ހުރިހާ ކަންކަން ކޮށްގެން ބޭނުންވާހައި ގޮތަކަށް އުޅެވިދާނެ ކަމަށެވެ.
ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ފިރިހެނެއްގެ ވިޔަސް އަދި އަންހެނެއްގެ ވިޔަސް އަގުއަރާނީ އެމީހެއްގެ ކިބައިގައި ކެތްތެރިކަން ހުރިނަމައެވެ. ދޫ ކޮންޓްރޯލްކޮށް ހެޔޮ ބަސްބުނާނަމައެވެ. ކުރާ ކޮންމެކަމެއް ކުރުމުގެ ކުރިން ރަނގަޅަށް ވިސްނައިގެން ކުރާނަމައެވެ.
ހިތަށް އަރާއިރަށް ކަންކަންކޮށް، އަދި ބަސްބުނާ އެއްވެސް މީހަކަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ކުރެވުނު ކަންތަކާއި ބުނެވުނު ބަސްތަކުން ސަލާމަތް ނުވެވިގެންނެވެ. އެހެން މީހުންގެ ނުރުހުމުން ސަލާމަތް ނުވެވިގެންނެވެ. އެހެންމީހުންގެ ބަދުދުޢާތަކުން ސަލާމަތް ނުވެވިގެންނެވެ. އަނބިދަރިންނާއި ޢާއިލާގެ މީހުންގެ ލޯތްބާއި އަޅައިލުން ނުލިބިގެންނެވެ.
ﷲ ތަޢާލާ ދުނިޔެއަށް މީސްތަކުން ފޮނުއްވަވާފައިވަނީ އެމީހަކު ކުރަން ބޭނުންވާހައި ކަމެއް ކުރާކަށް ނޫނެވެ. އެހެން މީހުންގެ ޙައްޤުތަކަށް ރައްކައުތެރިވެގެން ދުނިޔޭގައި އުޅުމަށެވެ. އެހެން މީހުންވެސް ރުހޭނެ ގޮތަށް އުޅުމަށެވެ. ލޯބިދޭންޖެހޭ މީހުންނަށް ލޯބިދީ އަދި ޢާންމުކޮށް އެންމެންނަށް ހެޔޮކޮށް ހިތައިގެން ދުނިޔޭގައި އުޅުމަށެވެ.
ވީމާ ފިރިހެނުންގެވެސް އަދި އަންހެނުންގެވެސް އަގުއަރާނީ މިބަޔާންކުރި ގޮތަށް ދުނިޔޭގައި އުޅެވިއްޖެ ނަމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން