ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ބުރަކަމެއް ކަމުގައި ދެކިގެން ފަސްނުޖެހޭށެވެ. އަދި އެއީ ވަކި ޢުމުރެއްގައި ކުރަން އޮތް މަސައްކަތެއްކަމަށްވެސް ނުދެކޭށެވެ. އެކަމަށް ކޮންމެ ޢުމުރެއްގައި ނަމަވެސް ޝައުޤުވެރިވެވިއްޖެނަމަ އަވަހަށް މަސައްކަތް ފަށާށެވެ!
މިއާޔަތާއިމެދު ވިސްނައިލާށެވެ!
"އަދި މުއުމިނަކު ކަމުގައިވާ ޙާލު، އާޚިރަތަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް މަޤްބޫލް ވެވި، ޝުކުރު ލިބިގެންވާ މީހުންނެވެ."
(އަލް އިސްރާ: 19)
މިއާޔަތުގައި ކުރަން މިއޮތީ 3 ކަމެކެވެ. އެއީ މުއުމިނަކަށްވުމާއި އާޚިރަތް ކާމިޔާބުވުމަށް އެދޭމީހަކަށްވުމާއި އަދި އެކަމަށް މަސައްކަތްކުރާ މީހަކަށްވުމެވެ.
އެނގިގެން މިދަނީ އާޚިރަތް އެދިގެން މުއްމިނަކު ކުރާ އެއްވެސް ހެޔޮ ޢަމަލެއް ގެއްލެނިވެގެން ނުދާނެކަމެވެ. އެމީހަކު ކުރާ މަސައްކަތް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ކަމާއި އެމީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެ ކަމެވެ. އެމީހަކަށް އުފާވެރިކަން ދެއްވަވާނެ ކަމެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން