ކައުން ކައުންސިލަރުންގެ ގާތުން ލިބޭ ލަފާގެ މައްޗަށް ބުރަވެ ލަވައާއި މިޔުޒިކުން ޙަޤީޤީ ހިތްހަމަޖެހުން ލިބޭނެތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އަހުރެން ބުނަމެވެ. "ފަހަރެއްގައި އެވަޤުތު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބިދާނެއެވެ. ނަމަވެސް އެއީ ހަމަ ދާދި ކުޑަކުޑަ ހިނދުޅަކަށެވެ. އަދި އެއީ ޙަޤީޤީ ހިތްހަަމޖެހުމެއްވެސް ނޫނެވެ."
ހިތްދަތި ޙާލަތެއް ކުރިމަތިވުމުން ހިތްހަމަޖައްސަން މިޔުޒިކާއި ލަވައަޑުއަހާ ބައަކު އުޅެއެވެ. ހިތްދަތިކަން އުފާވެރިކަމަށް ބަދަލުކޮށްދޭނީ މިޔުޒިކާއި ލަވަނަމަ އެޙާލަތުގައި ދެއަތް އުފުލައިގެން ހުރެ ލަވައެއް ނުކިޔަނީ ކީއްވެގެންހެއްޔެވެ؟ ނޫނީ ތުނބުން އަޑުލައްވައިގެން ނަމަވެސް ރީތި ރާގުތައް ނުއިއްވަނީ ކީއްވެގެން ހެއްޔެވެ؟
ބުނަންހެއްޔެވެ؟ ހިތްދަތި ޙާލަތެއް ކުރިމަތިވުމުން ހިތްހަމަޖެހުން ހޯދަން މިޔުޒިކާއި ލަވައަޑުއަހަން ލޯބިކުރާ މީހާ އެކަންކޮށްފައި ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި އެއީ ވިސްނުންތެރިއަކު ކުރާނެ ކަމެއްވެސް ނޫނެވެ.
އެހެނީ އަހުރެމެން މުސްލިމުންނަކީ މިޔުޒިކާއިލަވައިން ކަންކަން ޙައްލުވާނެ ކަމަށް ޤަބޫލުކޮށްގެން ވާނެ ބައެއް ނޫނެވެ. އަދި އަހުރެމެންގެ ހުރިހާ އިމާމުންވެސް މިޒަމާނުގައި މިކުޅޭ މިޔުޒިކާއި މިކިޔާ ލަވަތައް ޙަރާމްކަމުގައި ދަލީލުތައް ދައްކަވަތެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގަންނަވާ ހުރިހާ ޢިލްމުވެރިންވެސް އެކަމަށް އިއްތިފާޤްވެވަޑައިގަންނަވަތެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެން މަސައްކަތްކުރަންވީ އަހުރެމެން ކުރާ ކޮންމެ ޢަމަލަކީވެސް ސީދާ ޢަމަލަކަށް ހެދުމަށެވެ. ސީދާ ޢަމަލަކަށްވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކުރެވޭ ޢަމަލުތަކެވެ.
ހިތާމައާއި ހިތްދަތިޙާލު ކުރިމަތިވުމުން ފުރަތަމަވެސް މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ތައުބާވުމަށެވެ. އަސްތަޣްފާރުކުރުމަށެވެ. ދުޢާކުރުމަށެވެ. ކިތަންމެ ބޮޑު ހިތްދަތިކަމެއް ނަމަވެސް ފިލުއްވަވައި ދެއްވެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް އުނދަގޫފުޅު ކަމެއް ނޫނެވެ. އެކަމަށް އިރާދަކުރެއްވެވުމުން ހަމަވަޤުތުން ފިލައިގެން ހިނގައިދާނެއެވެ. އެއީ މުޖައްރިބް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން