ކުދިފާފަ ކުރެވުމުން ބިރުވެތިނުވެވޭ މީހަކަށް ކުރިމަތިވެދާނެ ނުރައްކާ މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުދިފާފަ ކުރެވުމުން ބިރުވެތިނުވެވޭ މީހަކަށް ކުރިމަތިވެދާނެ ނުރައްކާ މާބޮޑު!

ޒަމާން ފަސްވަމުން އަންނަވަރަކަށް ފާފަކުރުން ގިނަވާނެއެވެ. އެހެނަސް ފާފަކުރެވޭ ކޮންމެ މީހަކާއިމެދު އަމިއްލައަށް ގޮތް ނުނިންމާށެވެ. އެހެންވެ މިބުނެދެނީ ދިމާވާ ދެގޮތެކެވެ.  

ކޮންމެވެސް މީހަކަށް ބޮޑު ފާފައެއް ކުރެވުނީއެވެ. ބަލަން ތިބޭ މީހުން އަވަސް އަރުވާލައި އޭނާއާއިމެދު ގޮތް ނިންމައިލައެވެ. އެއީ ވަރަށް ނުބައި މީހަކު ކަމަށް އެބަ ކަނޑައަޅައެވެ.

ކޮންމެވެސް މީހަކީ ކުދިފާފަތައް ކުރާ މީހެކެވެ. އޭނާއަށް އެކުރެވެނީ ފާފައެއް ކަމަށްވެސް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކަން އެނގޭ އެހެން މީހުންވެސް އޭނާއަކަށް ސަމާލުކަމެއް ނުދެއެވެ. ދެންވާގޮތް ބުނަން ހެއްޔެވެ؟  

ބޮޑުފާފަ ކުރެވުނު މީހާ ތައުބާވީއެވެ. ތައުބާވުމުން އޭނާގެ ދަރަޖަ އުފުލިގެންދާނެއެވެ. އިން ޝާ ﷲ. އެއިގެ ބަދަލުގައި ކުޑަފާފަ ކުރި މީހާ ފާފަކޮށްފައި އޭނާއަށް ކުރެވުނީ ފާފައެއް ނޫން ކަމަށް ބުނާނަމަ، އެކަން ތަކުރާރުކުރާނަމަ އޭނާއަށް ކުރެވޭ ފާފަތައް ގިނަވެ އޭނާގެ ކުށްވެރިކަން` އެތައް ގުނައަކަށް ބޮޑުވެގެންދެއެވެ. އަދި ތައުބާނުވެ ހުރުމުގެ ސަބަބުން ނަރަކައިން ސަލާމަތްނުވެވޭނެ މީހުންވެސް ވަރަށް ގިނަވާނެއެވެ. އެކަމަށްވުރެ ބޮޑު ނުރައްކަލެއް ނެތެވެ!  

ވީމާ މީހަކަށް ކުރެވުނީ ބޮޑު ފާފައެއްކަމަށް ވިސްނޭއިރަށް އެމީހަކީ އެންމެ ނުބައި މީހުންގެ ތެރެއިން މީހަކުކަމަށް ނިންމައިގެންނުވާނެއެވެ. ކުރިން މިބަޔާންކުރިފަދައިން އޭނާ ތައުބާވުމުން އޭނާގެ ދަރަޖަ އުފުލިގެންދާނެތީއެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލުމާއި ދަރަޖަ ދަށްވުން ވަނީ ކުރެވުނު ފާފައިގެ މައްޗަކަށް ނޫނެވެ. ތައުބާވުމާއި ނުވުމުގެ މައްޗަށެވެ. ވީމާ މީހަކަށް ބޮޑުފާފައެއް ކުރެވިފައި އޮތުމަކީ އޭނާއަކީ އެންމެ ނުބައި މީހެއްކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ކަމަށް ނުދެކޭށެވެ. އެފަދަ ބަސްތައް ނުބުނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން