ލޯބިވުމުގެ ބޭނުމުގަ ހެދުމުގަ ޖެހި އަކަ- ގެއްލުންދޭ ބޮޑު ސިޙުރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ލޯބިވުމުގެ ބޭނުމުގަ ހެދުމުގަ ޖެހި އަކަ- ގެއްލުންދޭ ބޮޑު ސިޙުރަކަށް!

ސިޙޫރުހެދުން ޢާންމުވެ ކޮންމެ ކަމަކަށްވެސް ސިޙުރުހަދަނީއެވެ. އަދި ސިޙުރު ހަދަން ނުއެނގޭ މީހުން ލައްވައިވެސް ހައްދުވަނީއެވެ. އެކަން އެކުރީ ކީއްވެގެން ނުވަތަ ކޮންކަމެއް ޙާޞިލުކުރަން ކަމެއް ނުއެނގެއެވެ. އަންހެނެއްގެ ބޫޓު ކިބައެއް ނަގައިގެން ކިޔަވަން އިން ވީޑިއޯއެއް ދާދިފަހުން ލިބުނެވެ. ވީޑިއޯ ފޮނުވި މީހާ ބުނެފައި އޮތީ އޭނާއަށް ވިސްނޭގޮތުން އެމީހާ އެކަން އެކުރީ އެބޫޓަށް އެރީމާ ބިމުން އުފުލި ޖައްވަށް ދެވޭނެ ގޮތް ހަދަންވެގެންނެވެ.  

އޭނާއަކީ ސަމާސާ މިޒާޖުގެ މީހަކަށްވާތީ އެފަދަ ބަހެއް ބުނިނަމަވެސް މިއީ މިހާރު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. އެހެންވެ މިގެނެސްދެނީ ގުޅުންހުރި ލިޔުމެކެވެ.  

ފޭރާމަށް ސިހުރުޖެހޭތޯ؟  

މިސުވާލު އަޅުގަނޑު މިކުރަނީ އަޅުގަނޑު ލާން ގެންގުޅޭ ދެ ހެދުމެއް ލުމުން ތުރުތުރުއަޅާފަދަ ގޮތެއްވާހެން ހީވާތީއެވެ. ހީވަނީއެއްވެސް ނޫނެވެ. ޔަޤީންވެއެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފޭރާމަށް ސިހުރުޖެހުން ތިއަ މާނަކުރަނީ މިގޮތަށް ހެއްޔެވެ؟ ވަކިފޭރާމެއް ލީމާ ތިއަބުނާޒާތުގެ އިތުރު އުނދަގޫތަކެއްވާނަމަ އެފޭރާމުގައި ނުވަތަ އެފޭރާމަށް ސިޙުރެއް ހަދާފައިވާކަމަށްބެލިދާނެއެވެ. ދެމީހުން ދުރުކުރުވަންވެސް އަދި އެމީހަކާ ގުޅެން ބޭނުންވެގެންވެސް ތިއަބާވަތުގެ ކަންކަން ކުރެއެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

މިޒަމާނުގައި މިފަދަ ކަމެއް ހިނގިކަމަށް ބުނުމުން ގިނަބައަކަށް ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. ނަމަވެސް މިކިޔައިދެނީ އަޅުގަނޑަށް ތަޖުރިބާކުރަން ޖެހުނު ކަމެއްގެ ވާހަކައެވެ.  

ހެދުން ފެއްސީ ހަމަ ޢާންމުކޮށް ހެދުން ފައްސާ ތަނުންނެވެ. ފަހައިގެން ގެނެސް ދޮންނަންވެސް ދޮވުނީމެވެ. ހެދުން ލައިގެން އޮފީހަށް ދިއަ ދުވަހު އަޅުގަނޑަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއެވެ. ކޮންމެ ކަމެއްވެސް ކުރެވެނީ އަލުން ކުރަން ޖެހޭނެ ގޮތަށެވެ.  

ހީކުރެވުނީ އެއީ މޫޑު ގޯސްވުމުން މެދުވެރިވާ ކަމެއް ކަމަށެވެ. މެންދުރުވާން ގާތްވެފައި ހުއްޓާ ގައިގައި ކަށިއަޅާހެންވެސް ހީވާން ފެށިއެވެ. މަސައްކަތްކުރަން އުނދަގޫވާވަރުވިއެވެ. އެހެން އިންދާ އޮފީހުގެ އެންމެ ދުވަސްވީ މުވައްޒިފް މެންދުރު ނަމާދުން ފައިބައިގެން އައިސް ގާތުގައި ހުއްޓިފައި ބުންޏެވެ. "ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން އަންނާށެވެ. ތިއަ ހެދުމުގައި ގޯހެއް އެބަ އުޅޭހެން ވަރަށް ބޮޑަށް ހީވެއެވެ."  

އަޅުގަނޑު އިތުރު ސުވާލެއްވެސް ނުކުރަމެވެ. އޭނާއަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށްވުމުން އެފަދަ ބަހެއް ބުނާނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންކަން ޔަޤީންކުރެވޭތީއެވެ. އެހެންވެ އަވަހަށް ގެއަށް ގޮސް ފެންވަރައި ހެދުން ބަދަލުކޮށްގެން އައީއެވެ.  

އެހިސާބުން ގައިހިރުވުންވެސް ހުއްޓިއްޖެއެވެ. މޫޑްވެސް ރަނގަޅުވެއްޖެއެވެ. ކަންކަންވެސް ރަނގަޅަށް ކުރެވެން ފަށައިފިއެވެ. އޮފީސ ނިމިގެން ގެއަށްދާން އުޅެމުން އެބޭބެ ގާތު އަހައިލީމެވެ. "މެންދުރު އެހެން ބުނުއްވީ ކީއްވެގެންތޯއެވެ؟"  

އެބޭބެ ބުންޏެވެ. "ޚަދީޖާގެ ހެދުމުން އިތުރު ކަޅު ހިޔަންޏެއް ފެންނަހެން ހީވީއެވެ!"  

އަނެއްދުވަހު އޮފީހަށް ދިއައީ ހެދުން ހިފައިގެންނެވެ. އެބޭބެއަށް ހެދުން ދީފައި މީހަކަށް ދައްކާލައިގެން ނަމަވެސް ހެދުމުން އެއްވެސް ކަމެއް ފެނޭތޯ ބަލައިލަ ދިނުން އެދުނީމެވެ.  

އެއިގެ 2، 3 ދުވަސްފަހުން އެބޭބެ ހެދުން ގެނެސް ދެއްކިއެވެ. ބުރަކަށީގައި ޖެހޭނެ ގޮތަށް ވަރަށް ފަނޑުކުލައަކުން ކުޑަ އަކައެއް ކުރަހާފައި ހުއްޓާ ފެނުނެވެ. އަދި ކޮންމެ އެއްޗެއް ޖަހައިގެން ނަމަވެސް އެއަކަ ފިލުވާލުމަށްފަހު ހެދުން އަންދާލަން ބުނީމާ އަންދައިލީއެވެ.  

ކަންބޮޑުވީވަރުން ވިސްނައިނުލެވުނު ކަމެއް އަތްދޮށުން ދިއައެވެ. އެއީ އެކަމެއް ކޮށްފައި އެވަނީ ފަހާތަނުންކަމެއް ގޭގައި ހިއްކަން އަޅާފައި ހުއްޓާ ނަގައިގެންކަމެއް ހޯދަން މަސައްކަތް ނުކުރެވުނީތީއެވެ. އެކަން ނުބެލުނީތީ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.  

އެހެންވެ އެކަން އެނގޭތޯ ވަރަށް ގިނައިން ދުޢާކުރުމުން ފެނުނު ހުވަފެނުގައި ފެނުނީ ފަހާތަނުގައި ހިނގާފައިވާ ކަމެއް ކަމެވެ. އަދި އެކަންކުރީ ފަހާތަނުގެ މުވައްޒިފުންނާ ގާތް ގުޅުމެއް އޮންނަ މީހަކު އަޅުގަނޑުގެ ބޭނުމުގައި ކަމެވެ.  

ހުވަފެނަށް އިތުބާރުކުރަން ބުނާކަށްވެސް ނެތީމެވެ. ނަމަވެސް މިއީ އަޅުގަނޑަށް މެދުވެރިވި ކަމަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިން ހޭލުންތެރިކުރުވުމުގެ ގޮތުން މިވާހަކަ ކިޔައިދިނީއެވެ.

 

- ސާމިރާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން