އަހުރެން މިދައްކަނީ ދެވަނަ އަންތބަކަށް ކައިވެނިކުރުމުގެ ވާހަކައެއް ނޫނެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ދެމަފިރިންގެ ދޭތެރެއަށް ވަންނަ މީހުންގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ.
ދެމަފިރިންގެ ދޭތެރެއަށް ވަންނަ އެންމެ ގާތް އެކުވެރިންގެ ތެރެއިން މަދު މީހަކަށް ނޫނީ އެކައިވެނި ކުރެވިފައެއް ނުވެއެވެ. ކޮންމެވެސް ހިސާބަކުން ފަޅާއަރައި ބޭޒާރުވެއެވެ. އެހިސާބުން ދެމަފރިން ޒުވާބުކޮށްލާފައިވެސް ގިނަ ފަހަރު އޮންނާނީ ޞުލްޙަވެފައެވެ. ސަބަބަކަށްވަނީ އަނެކާ އެގުޅުން އެހިންގީ ކޮންމެހެން ބައިވެރިޔާއާއި ވަކިވާން ބޭނުންވެގެން ކަމަށްނުވާތީއެވެ. އިތުރު އުފަލެއް ލިބިގަތުމަށްކަމަށްވާތީއެވެ.
ދެންވާގޮތް ލިބޭ ދެރަ އެނގޭހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާ ގެއްލުމުގެ އިތުރަށް އެމީހަކަށް ތިމާގެ ހިތް ދެވުނު ލޯބިވެރިޔާވެސް ގެއްލެނީއެވެ. ބޮޑު 2 ދެރަ އެއްފަހަރާ ލިބެނީއެވެ. އެކަމުގެ ހިތާމައިގަ އެތައް ދުވަހެއްވަން އުޅެންޖެހެނީއެވެ. އެހެން އެކުވެރިންގެ ކުރިމަތީގަ އަގުވެއްޓި ފަޟީޙަތްވެސް ވަނީއެވެ. އެކުވެރިން އިތުބާރުކުރުންވެސް ހުއްޓައިލަނީއެވެ. ބާކީވަނީއެވެ.
މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. އަހުރެން އަނަހެން ފިރިހެން ފާހަގަނުކޮށް "އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ދެމަފިރިންގެ ދޭތެރެއަށް ވަންނަ މީހުން" ކަމަށް މިބުނީ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް މިދެރަލިބޭތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން