އެދެމަފިރިންގެ ކައިވެންޏަށް ކާމިޔާބު 40 އަހަރު ފުރުން ފާހަގަކުރަން ކުރަން ބޭނުންވި ކަމަކީ ހުރިހާ ދަރިން ގޮވައިގެން ދަތުރަކު ދިއުމެވެ. އެއިރުން ޢަދަދު އެނގޭ ހެއްޔެވެ؟ ކާފަ، މުނިކާފަ ހިމަނައިގެން ބެލީމާ 83 އެވެ.
ލިބިފައިވާ 17 ދަރިންގެ ތެރެއިން އެއްދަރިފުޅު ބުނީ މިދަތުރުގައި އޭނާގެ އަނބިމީހާ ބައިވެރިނުވެދާނެ ކަަމށެވެ. ސަބަަބެއްކަމަށް ބުނީ އަނބިމީހާ ކުށްވެރިނުވާ ކަމެއްގައި ކުށްވެރިކޮށް އެއްޗެތިގޮވުނީ ކަމަށާއި އެކަމާއި ހުރެ ރުޅިއައިސްގެން ހުންނަތާ 2 ދުވަސްވެއްޖެ ކަމަށެވެ.
ބައްޕަ ބުންޏެވެ. "ތިއަ މައްސަލައަށް ދޭންޖެހޭ ފަރުވާ މިބުނެދެނީއެވެ. ކޮންމެހެން އަގުބޮޑު އެއްޗަކަށްވާކަށް ނުޖެހޭނެއެވެ. އަނބިމީހާ ރުހޭޒާތުގެ ކާއެއްޗެއް ނަމަވެސް، މަލެއްނަމަވެސް ގަނެގެން ގެއަށްދާށެވެ. ގޮސް ދަރިފުޅަށް ކުރެވުނު ކުށް ޤަބޫލުކުރާކަމަށާއި އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރާނެކަމަށްބުނެ މާފަށް އެދޭށެވެ. މާފަށް އެދުމާއިއެކު ގެންދިއަ ހަދިޔާދޭށެވެ. މފުކުރީމާ ފަހުން މާބޮޑު ހަދިޔާއެއް ދޭނަން ކަމަށްވެސް ބުނާށެވެ. ދެން އަތުގައި ލާރިކޮޅެއް ޖަމާވީމާ އަނބިމީހާއަށް ބޭނުންވެގެން ހުރި ކޮންމެވެސް ކަމެއް ކޮށްދޭށެވެ.
ފާއިތުވި 40 އަހަރު މިގޮތަށް ކަންތައް ކުރަންޖެހުނީ ކިތައް ފަހަރުކަން ބުނާކަށް ބައްޕައަކަށްވެސް ނުއެނގެއެވެ. ބައްޕަގެ ތަޖުރިބާއިން ޔަޤީންވަނީ މިއީ މިކަމަށް އޮތް އެންމެ ރަނގަޅު ފަރުވާކަމެވެ."
ބައްޕަ ބުނެދިން ގޮތަށް ދަރިފުޅު ކަންތައް ކުރިއެވެ. އެކަންވީ ވަރަށް ކާމިޔާބު ފަރުވާއަކަށެވެ. އަދި ފަހުން ރަނގަޅު ހަދިޔާއެއްދޭނެ ކަމަށް ބުނުމުން އަނބިމީހާ ބުންޏެވެ. "ބުނަން ހެއްޔެވެ؟ ފައިސާ ޚަރަދުކޮށްފައި އަގުބޮޑު އެއްޗެތި ގަނެގެން ގެނައުމުގެ ބޭނުމެއް ނެތެވެ. އަހުރެންނާއިމެދު އެގޮތަށް ކަންތައް ނުކުރުމަށްވުރެ އަގުބޮޑު ހަދިޔާއެއް ނުދެވޭނެއެވެ."