ބައިވެރިޔާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ދެވޭނީ އަތަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބައިވެރިޔާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ދެވޭނީ އަތަކުން ނޫން!

އެކަކު އަނެކަކު ދެކެ ލޯބިވާކަން ދައްކައިދިނުމަށް ހަދިޔާދިނުމަކީ ކުރަން އޮތް ކަމެކެވެ. ނަމަވެސް އެއީއަކީ އަދި އެހައިފަސޭހައިން ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. ހަދިޔާއަކަށް އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ވަޤުތު ދެނެގަންނަންވެސް މަސައްކަތްކުރަންޖެހެއެވެ.  

އެކަކު އަނެކަކަށް އެންމެ އަގުބޮޑު ހަދިޔާއަކީ އަތުން ދިއްކޮށްލެވޭ ހަދިޔާ ނޫންކަންވެސް ދަންނަން ޖެހޭނެއެވެ. އަދި ހަދިޔާގެ އަގުއަރަނީ ދޭއެއްޗެއްގެ އަގުބޮޑުވުމުން ނޫންކަންވެސް އެނގެންޖެހޭނެއެވެ.  

މިޘާލަކަށް އަހުރެންގެ އެންމެ ގާތް އެކުވެރިޔާއާއިއެކުގައި އަހުރެން ހޭދަކުރާ ވަޤުތުތަކުގައި އަހުރެންގެ މޫޑަށް އަންނަ ބަދަލުތައް ދެނެގަނެއެވެ. ކަންބޮޑުވެފައި އިންނަމަ އެކަމާއި ދުރުކުރަން ވާހަކަދައްކައެވެ. މިޒާޖު ބަދަލުކޮށްލުވުމަށްޓަކައި ނިކަން "މިކައިލަބަލަ" ބުނެފައި ކުޑަކުޑަ ޗޮކްލެޓެއް ފަދައެއްޗެއްވެސް ދިއްކޮށްލައިފާނެއެވެ. ނުވަތަ ކޮންމެވެސް މުހިންމު ވާހަކައެއް ދައްކަން ފަށައިފާނެއެވެ.  

މިކަމުން އަހުރެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އަހުރެންގެ މިޒާޖް، ނުވަތަ މޫޑާއިމެދު އޭނާ ވިސްނާކަމެވެ. އަދި އަހުރެން ހިތްދަތިވެފައި ނުވަތަ ކަންބޮޑުވެފައި އިންނަން އޭނާ ބޭނުންނުވާކަމާއި އެޙާލަތުން އަހުރެން ސަލާމަތްކޮށްދޭން އޭނާ މަސައްކަތްކުރާ ކަމެވެ.  

މިއީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. އެކަކު އަނެކެއްގެ މިޒާޖަށް ބަލައިގެން އެހީތެރިވުމެވެ. ކަންބޮޑުވުމެއްގައި އިންނަމަ އެކަމެއް އޭނާގެ ސިކުނޑިން ފުހެލެވޭނެ، ނުވަތަ ދުރަށްލެވޭނެ ގޮތަކަށް ކަންކަން ކުރަންޖެހޭނެއެވެ.  

އެޙާލަތުގައި ބުނަންވީ ކަންބޮޑުނުވުމަކަށް ނޫނެވެ. ކަންބޮޑުވުމުގެ ވާހަކަ ދެއްކުމުން އިތުރަށް އެކަން ސިކުނޑިއަށް ވަދެގަންނާނީއެވެ. މަސައްކަތްކުރަންވީ އެހެން ކޮންމެވެސް ގޮތަކުން ނުވަތަ އެހެން ކޮންމެވެސް ކަމަކުން އޭނާގެ ވިސްނުން ބަދަލުކޮށްލުވުމަށެވެ.  

މިޘާލަކަށް ފިރިމީހާ ގެއަށް އައިސް ކަންބޮޑުވުމެއްގައި އިންނަ ކަމަށް ޝައްކުވެއްޖެނަމަ އެދުވަހު ދިމާވި ކޮންމެވެސް މަޖާކަމެއްގެ ވާހަކަކިޔައިދޭށެވެ. ދަރިއަކު ކުރި ކޮންމެވެސް ކަމެއްގެ ވާހަކަނަމަވެސްމެއެވެ. ހަމައެފަދައިން އަނބިމީހާ ކަންބޮޑުވެފައި އިންކަން ފާހަގަކުރެވިއްޖެނަމަ އެދުވަހު އަނބިމީހާއަށް ކުރަންޖެހުނު މަސައްކަތެއްގެ ވާހަކަ ދައްކާށެވެ. ގޭތެރޭގައި ނުކުރެވި ހުރީ ކޮންކަމެއްތޯ ސުވާލުކޮށް އެކަންކަން ކުރަން އެހީތެރިވެދޭން މަސައްކަތްކުރާށެވެ. 

ބައަކަށް މިއީ ވަރަށް އާދައިގެ ކަންކަމަމަށް ވިސްނުނަސް މިއީ ވަރަށް ބޮޑެތި ކަންތަކެވެ. މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅެން މަސައްކަތްކުރާނަމަ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ގުޅުންދާނީ ބަދަހިވަމުންނެވެ. ޖެހޭ މައްސަލަތައް މަދުވާނެއެވެ. އިން ޝާ ﷲ  

ފިރިންނަށް ބުނެލަން އޮތީ ގެއަށް ދަމުން އަނބިމީހާއަށް ގެންގޮސްދެވޭ އަގުބޮޑު ހަދިޔާއަކަށްވުރެ މިގޮތަށް ކަންކަން ކުރުމުން އަނބިމީހާއަށް ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މިއީ ނަފްސާނީ ޢިލްމުވެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ.   

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން