ނަރަކައިގެ ބިރުވެރިކަމާ ޢަޛާބުގެ ގަދަފަދަކަމުން ކުޑަ މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ނަރަކައިގެ ބިރުވެރިކަމާ ޢަޛާބުގެ ގަދަފަދަކަމުން ކުޑަ މިންވަރެއް!

ނަރަކައާއި ނަރަކައިގެ ގަދަފަދަ ޢަޛާބުގެ ވާހަކަތައް އަޑުއަހަން ބޭނުންނުވާ ބައަކު އުޅޭނެއެވެ. އެއީ އެފަދަ ވާހަކަތަކުގެ އަޑުއިވުމުން ބިރުވެތިވެ އިޞްލާޙްވެދާނެތީ ޝައިޠޯނާ އެކަމަށް ހުރަސްއަޅާތީއެވެ. ހުޅުވިފައިވާ ހިތަކާއިގެން ނިކަން މިކަންކަމަށް ވިސްނައިލަބަލާށެވެ!  

(إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا  ) " ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. "  

ﷲ ގެ އާޔަތްތަކަށް ކާފިރު ވުމަކީ އަމިއްލަ ނަފްސަށް ވެވޭ އަނިޔާ އެކެވެ. ސޫރަތުލް ބަގަރާގެ 254 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالْكَافِرُونَ هُمُ الظَّالِمُونَ  ) މާނައަކީ: " كافر ންނަކީ ހަމަ އަނިޔާވެރިންނެވެ." 

(وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا   ) " އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!" 

ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ  ) މާނައަކީ: " އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟" 

ސޫރަތުއް ނިސާގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ ) މާނައަކީ: " އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ."

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން