ދަތިޙާލުގަ ހުރި މީހަކަށް އެހީތެރިވާން ފަސްޖެހުމަކީ ދެއްވަވަން އޮތް ބޮޑު ތަނަވަސްކަން ލިބެން ފަސްޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދަތިޙާލުގަ ހުރި މީހަކަށް އެހީތެރިވާން ފަސްޖެހުމަކީ ދެއްވަވަން އޮތް ބޮޑު ތަނަވަސްކަން ލިބެން ފަސްޖެހުން!

"އަޅުގަނޑުގެ ބައްޕަގެ އެއް ކިޑްނީވަނީ ފޭލްވެފައެވެ. ބަދަލުކުރުން ނޫން ގޮތެއް ނެތެވެ. ޑޯނަރެއް އެބަހުއްޓެވެ. އެއީ ބޭބެއެވެ. އާސަންދަވެސް ލިބިއްޖެއެވެ. ނުލިބިގެން މިއުޅެނީ އިތުރަށް ބޭނުންވާ ފައިސާކޮޅެވެ. ސަލާންޖެހީމާވެސް އެހީތެރިވަނީ މަދުމީހެކެވެ." 

މިއީ ކިޔުންތެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ. އެހެންކަމުން ކިޔުންތެރިންގެ ކިބައިން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ. ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވާން ފަސްޖެހުމަކީ ދެއްވަވަން އޮތް ބޮޑު ތަނަވަސްކަން ލިބެން ފަސްޖެހުމެވެ. ދުނިޔޭގައި އެކަން ނުފެނުނަސް އާޚިރަތް ދުވަހު ދައްކަވާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ    

މަގުމަތީގައި ހުރި ސަލާންޖަހާ މީހެކެވެ. އޭނާ އާއި ބައްދަލުވަނީ އޭނާގެ މަންމަގެ ކެންސަރު ބައްޔަށް ފަރުވާކުރާނެ ފައިސާ ހޯދަން މަސައްކަތްކުރަމުން އަންނަ މީހަކާއިއެވެ. ސަލާންޖަހާ މީހާ އޭނާއަށް ސަލާންޖެހުމުން އޭނާ ހުރިޙާލަށް ބަލައި އޭނާއަށް އެދުވަހު ލިބިފައި އޮތް 100 ޑޮލަރު ސަލާންޖަހާ މީހާއަށް ޞަދަޤާތްކުރިއެވެ.  

އެވަޤުތު ފައިސާ ދިން މީހާގެ އަތުގައި ހިފައިގެން ސަލާންޖަހާ މީހާ ހިނގައިގަތެވެ. ގޮސް މަޑުކޮށްލީ އެންމެ އަގުބޮޑު ކާރެއްގެ ކައިރިއަށެވެ. ކާރުގެ ދޮރުހުލުވާލައިގެން ހުރެ އޭނާ ލައިގެން ހުރި ސަލާންޖަހާ މީހާގެ ހެދުން ބާލައި ކާރުގެ ތެރެއަށް ލުމުން އޭނާއަށް އެހީތެރިވި މީހާ ދިއައީ ސިއްސައިގެންނެވެ.  

އޭނާ ބުންޏެވެ. "މިއޮތީ އަހަރެންގެ އެޑްރެސް ކާޑާއި ދިހަހާސް ޑޮލަރެވެ. އަދިވެސް ކަމަކު ބޭނުން ވެއްޖެނަމަ ގުޅައިލާށެވެ. އަހުރެން ބޭނުންވަނީ ދަތިޙާލުގައި އުޅޭ މީހުންނަށް އެހީތެރިވާ ކަލޭ ފަދަ ދީލަތި މީހުންނަށް އަހުރެންނަށް ވެވުނުވަރަކުން އެހީތެރިވެދޭށެވެ."  

100 ޑޮލަރު އޭނާއަށް ދިން މީހާ ވީއުފަލުން އޭނާގެ ޙަޤީޤީ ޙާލު ކިޔައިދިނުމުން ތަނަވަސްމީހާ ބުންޏެވެ. "ކަންބޮޑުނުވާށެވެ. ތިއަ ފައިސާކޮޅު އަތުގައި ބަހައްޓާށެވެ. އެކައުންޓް ނަންބަރު ފޮނުވާށެވެ. މަންމަގެ ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލްތައްވެސް ދައްކައިދޭނީ އަހުރެންނެވެ. އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރެވުނަސް ﷲ ދެއްވަވާނެ ދަރަޖަ އިޙްޞާޞް ކުރެވެއެވެ. ބަލިމީހުންގެ ބޭސްފަރުވާއަށް ޖަމާކޮށްދޭ ފައިސާ އަކީ އަހުރެންގެ މިދުނިޔޭގެ އެކައުންޓުން އަހުރެންގެ އާޚިރަތުގެ އެކައުންޓަށް ބަދަލުކުރެވޭ އެއްޗެކެވެ. އެއެކައުންޓަށް އިތުރުކޮށްދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ އެވެ."  

މިއީ އަޅުގަނދަށް ފެނިފައިވާ ވީޑިއޯއެކެވެ. މިވީޑިއޯ ފެނުމުން އަޅުގަނޑުގެ ހިތަށްއެރީ މާތް ﷲ ތަނަވަސްކަން ދެއްވަވާފައިވާ މީހުން މިމޭރުމުން ވިސްނައި ޢަމަލުކުރާނަމަ ދަތިޙާލުގައި އުޅެންޖެހޭ މީހުންނާއި ބޭސްފަރުވާ ނުކުރެވިގެން ދުނިޔެ ދޫކުރަންޖެހޭ މީހުން ހާދަ މަދުވާނެތާއެވެ.  

މިއަދުނޫހަކީ މިފަދަ ކަންކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށްދޭން ވަރަށް ގިނަ ލިޔުންތައް ޝާއިޢުކުރާ ނޫހަކަށްވުމުން އެމަސައްކަތުގައި އަޅުގަނޑުވެސް ބައިވެރިވުމުގެ ގޮތުން މިވާހަކަކޮޅު ޙިއްޞާކޮށްލީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން