އަހުރެން ފާހަގަ މިކުރަނީ މަންމަ ނޫން ދެވަނަ އެއްވެސް މީހަކު ތިބާއަށް ކޮށްނުދެވޭނެ 3 ކަންތަކެވެ.
ފުރަތަމަ ކަމަކީ 9 މަސްވަންދެން ބަނޑުގައި އުފުލުމެވެ.
ދެވަނަ ކަމަކީ 3 އަހަރުވަންދެން އުރައި، އުފުލައި ގެންގުޅުމެވެ.
ތިންވަނަ ކަމަކީ މަްނމަގެ ޢުމުރަށް މަންމަގެ ހިތުގައި ދަރިފުޅު އުފުލުމެވެ.
މީގެ ތެރެއިން ފުރަތަމަ ކަންތައް މަންމަ ނޫން އެއްވެސް މީހަކަށް ކޮށެއް ނުދެވޭނެއެވެ. ކަންތައް ދިމާވާ ގޮތަކުން ދެވަނަ ކަންތައް ފަހަރެއްގައި އެހެން މީހަކުކޮށްދީފާނެއެވެ. ނަމަވެސް މަންމަ ކޮށްދޭ ގޮތަކަށް ކޮށެއް ނުދެވޭނެއެވެ. ދެން އޮތީ 3 ވަނަ ކަންތަކެވެ. މިބުނަނީ މަންމަގެ ހިތް ދިނުމުގެ ވާހަކައެވެ. އެހެން މީހަކުވެސް ފަހަރެއްގައި އޭނާގެ ހިތް ދީފިން ކަމަށް ބުނެފާނެއެވެ. ނަމަވެސް އެކަން ދެމިއޮންނާނީ މަދުދުވަސްކޮޅަކަށެވެ. ނަމަވެސް މަންމަގެ ހިތް އަބަދުވެސް އޮންނާނީ ދަރިފުޅަށް ދީފައެވެ. ދުވަހަކުވެސް އަނބުރައި އަތެއް ނުލާނެއެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިބާއަށްޓަކައި މަންމައަށްވުރެ ބޮޑު ބުރައެއް އުފުލަނީ ކާކުހެއްޔެވެ؟ ތިބާއަށްޓަކައި އެންމެ އެންމެ ބޮޑު ޤުރްބާނީއެއްވަނީ ކާކުހެއްޔެވެ؟ ތިބާދެކެ އެންމެ ބޮޑަށް ލޯބިވަނީ ކާކުހެއްޔެވެ؟
ހަމައެކަނި މިމިންވަރުން ވިސްނައިލިޔަސް މައިންގެ އަގުވަޒަންކުރެވޭނެއެވެ. ހިތުގަ ޖެހިދާނެ ކަމެއް ނުކުރާނެއެވެ.
- އަލަފް / މިއަދުނޫސް