މީހަކު މަރުވާއިރަށް "ތިމަންނާއަކީ ވެސް އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ މީހެއް" ކަމަށް ދަންނަވާފަ ޢަމަލުކުރުމުގަ ފޭލްވާ މީހުން ނިކަން ވިސްނައި ބިރުވެތިވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
މީހަކު މަރުވާއިރަށް "ތިމަންނާއަކީ ވެސް އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ މީހެއް" ކަމަށް ދަންނަވާފަ ޢަމަލުކުރުމުގަ ފޭލްވާ މީހުން ނިކަން ވިސްނައި ބިރުވެތިވެބަލަ!

އަހުރެމެންގެ މުޅި ޙަޔާތަކީވެސް ހުވަފެނެކެވެ. ސަބަބަކީ ކުރެެވެނީ އުންމީދުތަކެކެވެ. ޙާޞިލުކުރެވެނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެކެވެ. އެކަން އެނގިތިބެވެސް މަރަށް ތައްޔާރުވެވެނީ ހާދަ މަދު މީހަކަށެވެ. ވީމާ މިކަންކަމަށް ވިސްނައިލާށެވެ.  

މީހަކު މަރުވެއްޖެކަމުގެ ޚަބަރުލިބޭއިރަށް އަހުރެމެން އަވަސްވެގަންނަނީ މިފަދައިން ކިޔުމަށެވެ.  

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 

މިހެން މިކިޔަނީ މިޔާތުންނެވެ!  

156﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 

"އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲއަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ."

(އަލް ބަޤަރާ: 156) 

ދެން ބަލައިލަންވީ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ގެ މާނަ އަށެވެ. އެބުނެވެނީ ތިމަންނާއަކީ ވެސް " އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ މީހެއް" ކަމަށެވެ. މިއީ ވެވޭ ވަރަށް ވަރުގަދަ އިޤްރާރެކެވެ.  

އިޤްރާރްވުމަކުން އެކަނި ނުފުދެއެވެ. ވެވުނު އިޤްރާރަށް ޢަމަލުކުރަންޖެހެއެވެ. ތިމާއަށް އެކަމުން ފައިދާއެއް ކުރާނީ ޢަމަލުކުރެވުނު ނަމައެވެ.  

ވީމާ އޭނާ ދުނިޔެ ދޫކޮށް ﷲ ތަޢާލާގެ ޙަޟްރަތަށް ދިއަފަދައިން ތިމާވެސް އެނބުރި އެކަލާނގެ ޙަޟްރަތަށް ދާންޖެހޭނެކަން އެބަ ޤަބޫލުކުރެވެއެވެ. ސުވާލަކީ އެހެން ބުނެލުމުން ފުދޭހެއްޔެވެ؟ އެނބުރި ދިއުމަސް ތައްޔާރުވެވޭހެއްޔެވެ؟ ހޭލުންތެރިވެ ތައުބާ ވެވޭ ހެއްޔެވެ؟ ހެޔޮޢަމަލުތައް ކުރަން ފެށޭހެއްޔެވެ؟   

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ކޮންމެ މަރަކީވެސް ތިމާއަށް ލިބިދޭ އިންޒާރެކެވެ. ކޮންމެ ވަޤުތަކު ތިމާވެސް މަރުވެދާނެ ކަމުގެ އިންޒާރެވެ. އެއިންޒާރަށް ހޭލުންތެރިވެ ޢަމަލުކޮށް މަރަށް ތައްޔާރުނުވެހުންނަ މީހާ އަސް އެހުރެވެނީ ވަރަށް ބޮޑު ޣާފިލްކަމެއްގެތެރޭގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން