ގިނަ ބައަކަށް ކަންކަން ވިސްނެނީީ ހަމައެކަނި ތިމާގެ ލޮލަށް ފެންނަ މިންވަރަކަށެވެ. އެއީ އިންސާނުންނަށް ދެއްވަވާފައިވާ ޢިލްމުގެ ކުޑަކަމުން ކަމަށްވެސް ބުނެވިދާނެއެވެ. އަދި ވިސްނުމުގެ ބާރު އެކި މީހުންނަށް ދެއްވަވާފައިވަނީވެސް އެކި މިންވަރަށެވެ.
ކިތަންމެ ބޮޑު އުފާވެރިކަމެއްގައި އުޅެމުންދަނިކޮށްވެސް ހިތްދަތިކަމެއް ކުރިމަތިވާއިރަށް ނުވަތަ ތަކްލީފެއް އުފުލަން ޖެހޭއިރަށް ގިނަބައަކަށް ކަންބޮޑުވެވެއެވެ. އެކިމީހުން އެކި މިންވަރަށެވެ. އެއީ އެކަމުގައި ފޮރުވިފައިވާ އެންމެ ބޮޑު ހިކުމަތް ނުވިސްނޭތީއެވެ.
މިސާލަކަށް:
ތިބާއަކީ އަޅުކަންކޮށް ރަނގަޅު ގޮތުގައި އުޅޭ މީހަކަށްވެދާނެއެވެ. ނަމަވެސް ތިބާއަށް އަޅުކަން ކުރެވެނީ ﷲ ތަޢާލާ ތިބާއަށް ސުވަރުގެއިން ދެއްވަވަން ބޭނުންފުޅުވެވޮޑިގަންނަވާ މަތީ ދަރަޖަ ލިބޭނެވަރަށް ނޫންކަމަށްވެދާނެއެވެ!
އެޙާލަތުގައި ތިބާއަށް ހިތްދަތިކަން މިންވަރުކުރައްވަވަތެވެ. ތަކްލީފްތައް އުފުލަންވެސް ޖައްސަވަތެވެ! އެއީ އެކަންކަމުގެ ސަބަބުން ތިބާ އަޅުކަންކުރުން ގިނަކުރަން ޝައުޤުވެރިކުރެއްވެވުމަށެވެ. އަޅުކަންކުރުން އިތުރުކުމުން ﷲ ތަޢާލާ ތިބާއަށް ސުވަރުގެއިން ދެއްވަވަން ބޭނުންފުޅުވެވޮޑިގަންނަވާ މަތިވެރި ދަރަޖަ ދެއްވެވުމަށެވެ.
ދުނިޔެއަށް ފޮނުއްވަވާ ކޮންމެ އިންސާނަކަށްވެސް ސުވަރުގޭގައިވެސް އަނި ނަރަކައިގައިވެސް މަޤާމެއްވެއެވެ. މަރުވެ ވަޅުލެވުމުން އެ ދެ މަޤާމުވެސް އެމީހަކަށް ދައްކަވާނެތެވެ. އެހިނދު ސުވަރުގެ ލިބުނު މީހުން އުފާކުރާނެތެވެ. ނަރަކައަށް ވަންނަން ޖެހޭނެ މީހުން ހިތާމަކުރާނެތެވެ!
ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެއިން ދެއްވަވާފައިވާ މަޤާމްދޫކޮށްނުލައި އެ މަޤާމް ކާމިޔާބް ކުރުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ކުރިމަތިވާ ޙާލަތުތަކަށް ކތްތެރިވެ އެކަމަށް މަސައްކަތްކުރި މީހަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން