ގިނަ މީހުން އެމީހުންގެ އަގުހުރި ވަޤުތުތަކުގެ ތެރެއިން ގިނަ ވަޤުތު ހޭދަކުރެވެނީ އެހެން މީހުންގެ ކަންކަން ބަދަލުކުރަން މަސައްކަތްކުރުމުގައެވެ. ސުވާލަކީ އެއީ ކުރެވޭނެ ކަމެއް ހެއްޔެވެ؟
ޖަވާބަކީ ޢާއެކެވެ! ކަމަށް ބުނާ މީހުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ މިހައިތަނަށް ބަދަލުކުރެވުނީ ކިތައް މީހުން ހެއްޔެވެ؟ ބަދަލު ނުކުރެވުނީ ކިތައް މީހުން ހެއްޔެވެ؟ ޖަވާބު އެނގޭނީ އެމީހަކަށެވެ.
ކޮންމެއަކަސް އަހުރެމެން އެންމެންވެސް ޤަބޫލުކުރާ އެއްކަމެއް އެބައޮތެވެ. އެއީ ދުނިޔޭގައި ހޭދަކުރަން ލިބެނީ ދާދި މަދު ނުވަތަ ވަރަށް ކުޑަކުޑަ ވަޤުތުކޮޅެއްކަމެވެ. އަދި ޤިޔާމަތް ދުވަހުން ތިމާއަށް ފައިދާކުރާނީ ތިމާއަށް ބަދަލުވެވުނު ކަމެވެ.
ބަދަލުވުމެވެ މިބުނަނީ ނުބައި ޢަމަލުތައް ކުރުން ހުއްޓާލައި ހެޔޮ ޢަމަލުތައް ކުރަން ފެށުމަށެވެ. ޝައިޠޯނާގެ މަގު ދޫކޮށްލައި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށެވެ. ފާފަކުރުން ހުއްޓާލައި ތައުބާވެ ހެޔޮޢަމަލުތައް ކުރަން ފެށުމަށެވެ.
ވީމާ ކޮންމެ މީހަކުވެސް އެންމެ ގިނަ ވަޤުތު ހޭދަކުރަންވީ ތިމާގެ އަމިއްލަ ނަފްސާއިމެދު ވިސްނުމަށެވެ. ނަފްސްގައި ހުރި އުނިކަންކަން އިޞްލާޙްކުރަން މަސައްކަތްކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމަށެވެ. ނޫންނަމަ އާޚިރަތް ދުވަހު އެމީހަކަށް ކުރާނެ ފައިދާއެއް ނެތެވެ.
އަހުރެންގެ ބަސްކޮޅުގެ މާނަ އޮޅުވައިނުލާށެވެ! އެކުވެރިންނާއި ޢާއިލާގެ މީހުންގެ އިތުރުން ވީހާ ގިނަ ބައެއްގެ ޢަމަލުތައް އިޞްލާޙްކުރުވޭތޯ މަސައްކަތްކުރާށެވެ. ނަމަވެސް ފުރަތަމަ ކަމަކަށް ތިމާ އިޞްލާޙްވެ ހެޔޮ ޢަމަލުތައްކުރަމުން ގެންދާށެވެ! އެހެން މީހުން އިޞްލާޙްކުރަން ކުރާ މަސައްކަތުގެ ފައިދާވެސް ކުރާނީ އެއިރުންނެވެ.
އާޚިރަތް ދުވަހު ފައިދާއެއް ނުކޮށްފި މީހަކަށް ކަންކަން މެދުވެރިވާނެ ގޮތް ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން