އެއީ އަހުރެންގެ ފްލެޓާއި ޖެހިގެން ހުރި ފްލެޓުގައި ދިރިއުޅޭ ޒުވާން ދެމަފިރިންނެވެ. ލަފާކުރެވޭ ގޮތުން ފިރިމީހާ 30 އުން ތަނަކޮޅެއް މަތި އަނބިމީހާ 5 އަހަރުވަރު ހަގުވާނެއެވެ. އެމީހުންގެ 6 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. މުސްލިމުންނެއް ނޫނެވެ.
އަހުރެން އެމީހުންނަށް ވަރަށް ހެޔޮކޮށް ހިތަމެވެ. ހަދިޔާދެމެވެ. ބައްދަލުވާއިރަށް ޙާލުއަހައި ވާހަކަދައްކަމެވެ. އެމީހުން އަހުރެންގެ ކިބައިން ކަމަކަށް އެދުނު ދުވަހެކެވެ. ޒަމަޒަމް ފެންފޮދަކަށެވެ. "އަހުރެމެންގެ ދަރިފުޅު ނިދީގައި ބިރުގަންނަނީއެވެ. ބިރުން ހޭލެވެނީއެވެ. ސިއްސަސިއްސައިގެންދަނީއެވެ. އެކަން އެނގިގެން އެކުވެރިއަކު ބުނީ ރޭގަނޑު ނިދާއިރު ޒަމްޒަމް ފެންފޮދެއް ބުއިމަކީ އެކަމުން ސަލާމަތްވެވިދާނެ ކަމެއް ކަމަށެވެ. އޭނާ ފެންފުޅިއެއްވެސް ދިނެވެ. އޭނާ ބުނިގޮތަށް ކަންތައް ކުރުމުން ދަރިފުޅަށް ރަނގަޅުވިއެވެ. ޒަމްޒަމް ފެންފޮދަކަށް މިއެދުނީ އެހެންވެގެންނެވެ. ގަންނަންވެސް ނުލިބިގެންނެވެ."
އަހުރެންގެ ހިތަށް އެރިއެވެ. "ނިކަންވިސްނައިލަބަލާށެވެ! އެއީ މުސްލިމުންނެއްވެސް ނޫނެވެ. އެކަމަކުވެސް ޒަމްޒަމްފެނުގެ ބަރަކާތް މިންވަރުކުރެއްވެވީއެވެ."
މިހުރީ އަޅުގަނޑުމެން މުސްލިމުން ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. ޒަމްޒަމް ފެނަކީ ބަލިތަކަށް ޝިފާއެކެވެ. އެއިން ބަރަކާތް ލައްވަވާނީ ކޮންގޮތަކަށްކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވިސްނަންވީ ހަމައެކަނި ޒަމްޒަމްފެނާއިމެދަކު ނޫނެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދުގައެވެ. ރަޙްމަތުގެ ބޮޑުކަމާއިމެދުގައެވެ.
- މިއަދުނޫސް