ފަރުވާތެރިވެ ޛިކުރުކުރަމުން ގެންދާ މީހާގެ ދަރަޖަ މިހާމަތިވެރިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފަރުވާތެރިވެ ޛިކުރުކުރަމުން ގެންދާ މީހާގެ ދަރަޖަ މިހާމަތިވެރިކަން އެނގޭތަ؟

އަޅުކަމުގައި ނުވަތަ ވަކިއަޅުކަމެއް ކުރުމުގައި ދެމިހުންނަ ވާހަކަދައްކާއިރަށް ގިނަ ބައަކު އަޑުއަހަން ފޫހިވެއެވެ. އެއީ ތިމާއަށް އެކަން ނުކުރެވޭނެކަމަށް ވިސްނޭތީއެވެ. އެހެންވެ އަޅުކަންކުރުމުގައި ދެމިހުރުމަކީ ކުރަން މާލުއިކަމެއްކަން މިރޭ ބުނެދޭނަމެވެ. އިން ޝާ ﷲ

ޛިކުރުކުރުމުގައި ދެމިހުންނަ މީހާ އާއިމެދު ރިވާވެގެންވެއެވެ. އޭނާއަކީ ޖިހާދުކުރުމުގެ މައިދާނުން މީސްތަކުން ފިލަންދުވާއިރުވެސް ފިލަން ނުދުވެ މައިދާނުގައި ސާބިތުވެ ހުންނަ މީހެއް ފަދަ މީހެކެވެ.  

ޛިކުރުކުރުންމަތީގައި ދެމިހުރުމަކީ އެއްވެސް ޙާލެއްގައި އެހެން އެއްވެސް ކަމެއް ނުކޮށް އަބަދު ތަސްބީޙް ކިޔުމެއްވެސް ނޫނެވެ. އެއީ އެކަމަށް ޚާއްޞަ ވަޤުތުތަކުގަ އާއި ލިބޭ ހުސްވަޤުތުތަކުގައި އެކަން ކުރުމެވެ. ވީހައި ގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. އެއީ ސަމާލުކަންދީގެން ކުރާ ކަމަކަށް ހެދުމެވެ.  

މިހެން މިބުނާ ސަބަބަކީ އަތުންފައިން މަސައްކަތް ނުކޮށް އަބަދު އަޅުކަންކުރުމުގައި ދެމިހުރުމަކީ އިސްލާމް ދީނުގައި އޮތްގޮތެއް ނޫނެވެ. އިސްލާމް ދީނުގައި އޮތީ ދިރިއުޅެން މަސައްކަތްކުރަމުން އަޅުކަންކުރުމެވެ. ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ކުރަންހުރި މަސައްކަތް ބަހައްޓާފައި ކުރަން އޮތް އަޅުކަމަކީ ބަންގި ގޮވުމުން މިސްކިތައް ގޮސް ޖަމާޢަތުގައި ނަމާދުކުރުމެވެ.  

ވީމާ ކޮންމެ ގޮތަކުން ނަމަވެސް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަން މަސައްކަތްކުރާށެވެ! އަދި ލިބޭ ހުސްވަގުތުތަކުގައި ޛިކުރުކުރުން ގިނަކުރާށެވެ! ޛިކުރުކުރުންމަތީގައި ނިދާށެވެ! ޛިކުރުކުރުން ގިނަކުރުމަކީ އެއީއެވެ.  

ހިތަށް ގެންނާށެވެ! ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ މައިދާނެކެވެ. އެއްބައަކު މައިދާން ދޫކޮށްލައި ފިލަން ދުވަނީއެވެ. އަނެއްބައަކު ސާބިތުވެ ތިބީއެވެ. ތިބާއަކީ އެ މައިދާނުގައި ޖިހާދުކުރުންމަތީގައި ސާބިތުވެ ހުންނަ މީހަކަށްވާން ބޭނުން ހެއްޔެވެ؟ އަހުރެން ޤަބޫލުކުރާ ގޮތުގައި ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ސާބިތުވެހުންނާށެވެ! މައިދާން ދޫކޮށް ފިލަން ދުވާ މީހުންގެ އީމާންކަމުގައި މައްސަލައެއް އުޅޭނެއެވެ. އެއީ ހަމަ ޔަޤީންކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން