ޚުޠުބާ: އިސްލާމީ ޙަޟާރަތު ކުރިއަރައިދިއައީވެސް އަދި ކުރިއަރައިދާނީވެސް ޢިލްމް އުނގެނި ދީނަށް ޢަމަލުކުރިވަރަކުން-

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 17ސ
ޚުޠުބާ: އިސްލާމީ ޙަޟާރަތު ކުރިއަރައިދިއައީވެސް އަދި ކުރިއަރައިދާނީވެސް ޢިލްމް އުނގެނި ދީނަށް ޢަމަލުކުރިވަރަކުން-

މުސްލިމް އަޚުންނޭވެ! އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުންނެވެ. އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ. އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައެވެ. 

މުސްލިމް އަޚުންނޭވެ! އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ، ޙުކުމްތަކާއި، ރިވެތި އަޚްލާޤު ހިމެނެއެވެ. ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރިއެވެ. ކީރިތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (طَلَبُ الْعِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ)[1] މާނައީ: "ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބުވެގެންވާ ކަމެކެވެ." ނަތީޖާއަކީ، މުސްލިމުން ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދުމެވެ. އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށި އިރު، އެ ސަރަހައްދު އޮތީ ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއް ފަދައިން އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢިލްމީ ގޮތުން، ވަރަށް ވެސް ދަށް ފެންވަރެއްގައެވެ. އެ ތަނުގައި މުސްލިމުންގެ ވެރިކަން ގާއިމުވެ، ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު، މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި، މުސްލިމުން ވެރިކަންކުރަމުން ދިޔަ އަންދަލުސްގެ ޤުރްޠުބާ ވިއެވެ. އޭރު ރޭގަނޑުގެ ވަގުތުތަކުގައި އެ ރަށުގެ މަގުތައް ދިއްލައި އަލިކޮށްފައި ވެއެވެ. މީސްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ރެއާއި ދުވާލު ފޯރިމެރުމަށް ފުލުހުންގެ ފައުޖުތައް ރުކުރުވައިލެވިފައި ވެއެވެ. ގޭބިސީތަކުގައި އުފެދޭ ކުނިތައް އަސްގާޑިޔާ ބޭނުންކޮށް ރަށުތެރެއިން ނެރެ ނައްތައިލެވެއެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕުގެ އެހެން ގައުމުތަކުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން،  މީސްތަކުން އެ ތަނަށް ހިޖުރަކުރާން ފެށިއެވެ. 

މުސްލިމް އަޚުންނޭވެ! މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަޚްލޫޤުންނާ މެދު ވިސްނައިފިކުރުކުރުމަށް  ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި  އެކަލާނގެ އަންގަވައިފައި ވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ފަހެ، ޖަމަލު ހައްދަވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ؟ އަދި އުޑު އުފުއްލަވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟" މާތް ﷲ މި ފަދައިން އަމުރުކުރައްވައި އެންގެވުމާއި، ޢިލްމު އުނގެނުމަށް އެންގެވި އެންގެވުންތަކުގެ ސަބަބުން، މުސްލިމުން ޢިލްމު އުނގެނުމަކީ ވާޖިބެއްކަމުގައި ދެކި ޢިލްމީ ތަފާތު ރޮނގުތަކުގައި ކުރިއަރައި ދިޔައީ، ހަލުވިކަމާއެކުގައެވެ. ނުހަނު ޅަ ޢުމުރުގައި ޤުރްއާނާއި ޙަދީޘް ޢިލްމު އުނގެނި، އޭގެ އިތުރަށް ދުންޔަވީ ޢިލްމުގެ ހޯދުންތަކަށް އެ ބޭކަލުން ވަގުތުތައް ހުސްކުރެއްވީ، އަމިއްލަ ވާޖިބެއްކަމުގައި ދެކިވަޑައިގެންނެވެ. މިއަދު އަހަރެމެންގެ ޙާލަތާ މެދު ވިސްނައިލާށެވެ! ހަމައެކަނި ދުންޔަވީ އެދުންތަކުގައި މަޝްޣޫލުވެ، ޣާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން އަހަރެމެންގެ ތެރޭގައި އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެކެވެ. 

މުސްލިމް އަޚުންނޭވެ! އޭރުގެ ބޭސްވެރިކަމުގެ ދާއިރާއަށް ބަލާ ނަމަ، މި ޒަމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފެށީ، މުސްލިމުންނެވެ. ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްޞަވެ ފަރުވާކުރާން ފެށީ މުސްލިމު ޑޮކްޓަރުންނެވެ. މި ޒަމާނުގައި ސާޖަރީކުރާފަދައިން، ސާޖަރީކުރާން ފެށީ ވެސް ހަމަ މުސްލިމުންނެވެ. ބޭސްވެރިކަމުގެ ދާއިރާގައި އެންމެ އަރައިހުންނެވި އެއް ޢިލްމުވެރިޔަކީ، مُحَمَّدُ بْنُ زَكَرِيَّا الرَّازِيއެވެ. އައްރާޒީގެ ޚިދުމަތްތަކުގެ ތެރޭގައި ބޭހުގެ ޞައްޙަ މިންގަނޑާއި ބަރުދަން ބެލުމަށް މީޒާނެއް ހެއްދެވިއެވެ. މިއީ މިހާރު ވެސް ދުނިޔޭގެ ހުރިހައި ސައިންސުވެރީންގެ ކޮޓަރިތަކުގައި ވެސް ބޭނުންކުރެވޭ މީޒާނެކެވެ. ފާނަބަސަންދު ފަދަ ބަލިތަކާ ބެހޭ ގޮތުން ދިރާސާކުރައްވައި، ހޯދުންތައް ހޯއްދަވައި އެ ބަލިޖެހޭ ސަބަބާއި އެއިން ރައްކާތެރިވާނޭ ގޮތާއި ބަލީގެ ފަރުވާ ހޯއްދެވިއެވެ. ހަމަ އެހެންމެ މި މައުޟޫޢުގައި ފޮތެއް ލިޔުއްވައި ނެރުއްވިއެވެ. މި ފޮތަކީ އެތައް ޒަމާނެއް ވަންދެން ޔޫރަޕުގެ ޔުނިވަރުސިޓީތަކުގައި ކިޔަވައިދެވުނު ފޮތެއް ވެސް މެއެވެ. ހަމަ އެހެންމެ، އެންމެ ފުރަތަމަ ދެވޭ އަވަސް ފަރުވާގެ އުސޫލު ކަނޑައެޅުއްވި ޢިލްމުވެރިއަކީ ވެސް ރާޒީއެވެ. ނަވާރަ ސަތޭކަ ތޭރަ ވަނަ އަހަރު، ލަންޑަނުގައި ބޭއްވުނު ބައިނަލްއަޤްވާމީ ބޭސްވެރިކަމުގެ ކޮންފަރެންސުގައި ރާޒީގެ ޙަޔާތްޕުޅާއި ޢިލްމީ މަސައްކަތްޕުޅުތަކުގެ މައްޗަށް، އޭނާ ކުރެއްވި ތަޙުޤީޤުތަކާއި، އޭނާގެ ނަޒަރިއްޔާތަކުގެ މައްޗަށް ވާހަކަދެކެވުނެވެ. އަދި އޭނާއަކީ، ބޭސްވެރިކަމުގެ ފަންނުގެ އިމާމުކަމުގައި ޤަބޫލުކުރިއެވެ. މި ދާއިރާގައި އިބުނު ސީނާއަކީ ވެސް ފުންނާބު އުސް ޢިލްމުވެރިއެކެވެ. ބޮޑެތި ބަލިތަކުން މީސްތަކުން ރައްކާތެރިކުރުމަށް އެކަހެރިކުރުން ނުވަތަ ކަރަންޓީނުކުރުމުގެ ޒަމާނީ އުސޫލުތައް އެކުލަވައިލެއްވީ އިބުނު ސީނާއެވެ. ބޭސްވެރިކަމާ ބެހޭ ގޮތުން ލިޔުއްވި ފޮތް "އަލްޤާނޫނު"އަކީ ބޭސްވެރިކަމާ ގުޅޭ ގޮތުން މި ޒަމާނުގެ ފޮތްތަކާ ދާދި އެއް ގޮތަށް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި އޭނާ ވިދާޅުވެފައިވަނީ ބަލިފެތުރެނީ އިންސާނުންގެ ލޮލަށް ވެސް ނުފެންނަ ކުދިކުދި އެއްޗެހިތަކެއްގެ ޒަރިއްޔާއިންކަމުގައެވެ. މި ޒަމާނުގައި ޓެލެސްކޯޕުގެ އެހީގައި މިކަންވަނީ ކަށަވަރުކުރެވިފައެވެ. ޢިލްމުން ފުރިގެންވާ މި ފޮތަކީ ޔޫރަޕުގެ ބަސްތަކަށް ތަރުޖަމާކުރެވި،

އެ ބައިމީހުންގެ ބޭސްވެރިކަން ކުރިއެރުވުމަށް ޓަކައި، ސަތާރަ ވަނަ ޤަރުނުގެ މެދާ ހަމަޔަށް، މުޅި ދުނިޔޭގައި ވެސް ބޭނުންކުރެވުނު ބޭސްވެރިކަމުގެ އެންމެ ބޮޑު މަރުޖިޢެވެ. ޢިލްމީ ގޮތުން މި ބޭބޭފުޅުން ކޮށްދެއްވި އަގުނުކުރެވޭނޭ ޚިދުމަތްތަކަކީ އެ ކަންކަމާ މެދު ފުންކޮށް ވިސްނައިލުމުން ބަޔަކަށް އޭގެ ޒަރީޢާއިން މަންފާ ހުރި، މުޖުތަމަޢު ބިނާކުރުމަށް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެއް ފެންނާނެ ޚިދުމަތްތަކެކެވެ. 

މުސްލިމް އަޚުންނޭވެ! މުސްލިމު ޢިލްމުވެރީން ކުރެ އިބްނުލްހައިޘަމަކީ ވެސް އިންޖިނޭރުކަމުގައި ފާހަގަކޮށްލެވޭ މޮޅު ޢިލްމުވެރިއެކެވެ. ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އައްޔާއި ލޮލާ ބެހޭ ގޮތުން ހޯއްދެވި ހޯދުންތަކުގައެވެ. ކުރީގެ ޢިލްމުވެރީން ޤަބޫލުކުރި ގޮތުގައި ލޮލަށް ތަކެތި ފެންނަނީ ލޮލުން އަލީގެ ދޯދިތަކެއް ނުކުމެގެން ގޮސް އެއްޗިއްސަށް އެޅުމުންނެވެ. ނަމަވެސް އިބްނުލްހައިޘަމް އެ ކަން ދޮގުކުރެއްވިއެވެ. އަދި އެއްޗަކަށް އައްޔެއް އެޅިއްޖެ ނަމަ އެ ދޯދިތައް އޭގައި ޖެހި އަނބުރާ އަންނަކަން ސާބިތުކޮށްދެއްވިއެވެ. އަހަރެމެންގެ ލޮލަށް ފެންނަނީ އެ ދޯދިތައް ލޮލަށް އެޅުމުންކަމުގައި ބަޔާންކުރެއްވިއެވެ. މި ޒަމާނުގެ ސައިންސުވެރީން ކެމެރާ އުފައްދައިފައިވަނީ އިބުނުލްހައިޘަމުގެ މި ނަޒަރިއްޔާގެ މައްޗަށް ބިނާކުރައްވައެވެ. އިބްނުލްހައިޘަމުގެ ފޮތްތަކުގެ ތެރެއިން މިހާރު ފެންނާން ހުރީ ތަރުޖަމާކުރެވި ޔޫރަޕުގެ ތަންތާގައި ކިޔަވައިދެވޭ މަދު ފޮތްކޮޅެކެވެ. 

މުސްލިމް އަޚުންނޭވެ! ހިސާބު ޢިލްމަށް ބަލާ އިރު، އަލްޚަވާރިޒްމީއަކީ މުޅިދުނިޔޭގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެކެވެ. ޖިއޮމެޓްރީގެ އިތުރަށް، އަލްޖިބުރާ އުފަންކުރި ޢިލްމުވެރިއަކީ އަލްޚުވާރިޒަމީއެވެ. ޢިލްމުލްޙިސާބުގެ ނަމުގައި ޖިއޮމެޓްރީ ފޮތެއް ލިޔުއްވިއެވެ. އެއީ ނުހަނު ފުރިހަމަ ފޮތެކެވެ. އަދި އަލްޖަބްރު ވަލްމުޤާބަލާގެ ނަމުގައި ލިޔުއްވި ފޮތަކީ އަލްޖަބުރާގެ ފެށުމެވެ. މި ފޮތުގައި ގެންނަވައިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަކީ މިއަދު ވެސް އިސްކޫލުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޤަވާއިދުތަކެކެވެ. މިއަދު ތަރައްޤީގެ އެންމެ އުހުގައި ތިބިކަމަށް ބުނެވޭ ޔޫރަޕު، އޭރު އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. މާ ބޮޑު ތަޢުލީމެއް ނެތް ބަޔެއްގެ ގޮތުގައެވެ. ސާދަވަނަ ޤަރުނާ ހަމައަށް ޔޫރަޕު މީހުން ހިސާބު ޖަހާން ބޭނުންކުރީ ރޯމަން އަކުރެވެ. އެ މީހުންނަށް މިހާރު މި ބޭނުންކުރާ ހިސާބު އަކުރުތައް އެނގުނީ ވެސް ނުވަ ވަނަ ޤަރުނުގެ ޢިލްމުވެރިޔާ ޚުވާރިޒަމީގެ ފޮތް ފެނުމުންނެވެ. 

މުސްލިމް އަޚުންނޭވެ! މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެންނެވެ. އެބައިމީހުންގެ ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. އިސްލާމީ އުންމަތް މި އަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންނެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ zގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުމުވެ. 

މުސްލިމް އަޚުންނޭވެ! ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެކެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ z މަނާކުރައްވައިފައިވާ ކަމެކެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ.)[2]  މާނައީ: "ބަޔަކު މީހުންނާ ވައްތަރުވެގަތް މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ." އެހެންކަމުން މި ފަދަ ކަންކަމުން ދުރުހެލިވެ ޙަޤީޤީ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބުމަށް ތިޔަ އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ.

މިއަދު އޮންލައިން