ގޭގައިވެސް އަދި މަސައްކަތު މާޙައުލުގައިވެސް އަދި އެހެންތަނެއްގައިވެސް އެހެން މީހުންގެ ވާހަކަތައް ނުދައްކަން މިބުނަނީ ސަބަބުތަކެއް ނޫނެވެ. މިވާހަކަ ދައްކަނީ އަހުރެން އެކަންޏެއް ނޫނެވެ. ހެޔޮނަޞީޙަތްދޭ އެންމެންވެސް މިކަން ފާހަގަކުރެއެވެ.
މީސްތަކުންނޭވެ! އަހުރެމެންގެ މައްޗަށް އޮތް އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ވާޖިބަކީ ލޯތްބާއި ޞުލްޙަވެރިކަން ދެމެހެއްޓުމެވެ. މިދެކަންތަކާއި ނުލައި ޢާއިލާގެ ތެރޭގައިވެސް އަދި މަސައްކަތްކުރާ މާޙައުލުގައިވެސް އުފާވެރިކަމެއްވެސް ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ.
ތިމާގެ އަމިއްލަ ޢާއިލާތެރޭގައިވެސް، މުޖުތަމަޢުގައިވެސް، އަދި މަސައްކަތްކުރާ މާޙައުލުގައިވެސް ލޯތްބާއި ޞުލްހަވެރިކަން ދަމަހައްޓަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ނެތިމޮށުން ހުއްޓައިލާށެވެ. މިބުނަނީ މީހުން ނެތް ތަންތަނުގައި އެމީހުންގެ ވާހަކަ ނުދައްކާށެވެ. އެކަން ކުރުމަކީ ޣީބަބުނުމެވެ. ޣީބަ ބުނުމަކީ އެންމެ ބޮޑު އެއްފާފައެވެ.
ބޮޑެތި ޢާއިލާތައް ކީއްކުރަންހެއްޔެވެ؟ ކުދިކުދި ޢާއިލާތަކަށް ބެލިނަމަވެސް އެކަކު އަނެކަކަށް މޫނުދިމާނުކުރެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ނެތިމޮށުމެވެ. ޣީބަ ބުނުމެވެ. އެހެން މީހުން ނެތި އެމީހުންގެ ވާހަކަތައް ދެއްކޭކަމެވެ. ކުރެވޭ ޝައްކުތަކުގެ މައްޗަށް ބުރަވެ ވާހަކަދެއްކޭ ކަމެވެ.
އެއްވެސް މީހަކާއި ބެހޭ ގޮތުން ކޮންމެހެން ވާހަކައެއް ދައްކަން ޖެހިއްޖެނަމަ ޒުވާބަކަށް ނުވާނެ ގޮތަށް އެމީހެއްގެ ޙާޒިރުގައި އެވާހަކައެއް ދައްކާށެވެ. ނަމަވެސް އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް އެމީހުންގެ އަޚުންގެ ވާހަކަ ދެއްކަނީ ޣައިރު ޙާޒިރުގައެވެ.
އެމީހުން ނެތްތަންތަނުގައި އެމީހުންނާއި ބެހޭ ގޮތުން އެމީހުންގެ ހިތް ނުއެދޭނެ ފަދަ ވާހަކަތައް ދެއްކުމަށްފަހު އެމީހުން ފެނުމުން ތިބެވެނީ ހިނިތުންވެގެންނެވެ. އެމީހުންނާއިމެދު ހިތުގައި އެއްވެސް ބުރަކަމެއް ނެތްކަން ދައްކައިގެންނެވެ. އަބަދުވެސް ހަނދާންކޮށްދެވޭ ފަދައިން މިއީ މުނާފިޤުންގެ ސިފައެކެވެ.
ވިސްނައިލާށެވެ! އެއްވެސް މީހަކީ އެމީހަކާއިމެދު އެހެން މީހަކު ނުބައި ވާހަކަ ދައްކަން ރުހޭނެ މީހެއް ނޫނެވެ. އެހެން މީހަކު ތިމާއާއިމެދު ނުބައި ވާހަކަދައްކަން ރުހި ޤަބޫލުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމަށްވާއިރު ތިމާވެސް އެހެންމީހުންނާއިމެދު ނުބައި ވާހަކަ ދެއްކުމުން އެމީހުން ނުރުހޭނެކަން ޤަބޫލުކުރަން އެބަޖެހޭ ނޫންހެއްޔެވެ؟
މިކަންކަމަކީ ސްކޫލް މަދުރަސާތަކުގައި އެންމެ ކުޑަކުދިންނަށްވެސް ދަސްކޮށްދެވޭ ފިލާވަޅުތަކުގައި ހުންނަ ވާހަކަތަކެވެ. ހުކުރު ޚުޠުބާތަކުގައި އެންމެ ގިނައިން ބުނެދޭ ވާހަކަތަކެވެ. މިއަދު މިޖެހެނީ މިހައި ގިނަ މީހުން އެއްވެސްފައި އޮންނަ ބޮޑެތި މަޖިލިސްތަކުގައި ދައްކާށެވެ. އެހެންކަމަށްވާއިރު އެންމެ ކުޑައިރު ދަސްކުރި ފިލާވަޅުތަކުން ނުވަތަ ހުކުރު ޚުޠުބާ އަޑުއަހާކަމުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟
މިހިރަ ކަންކަމަކީ އަހުރެމެންގެ މެދުގައި ހުރި އެންމެ ބޮޑެތި މައްސަލަތަކެވެ. އެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ސުވާލަކީ ޙައްލުނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އޮތީ ހަމަ އެންމެ ސަބަބެކެވެ. ބޭކާރު ވާހަކަ ދެއްކޭކަމެވެ. އެކަން ޙައްލުކުރެވިއްޖެނަމަ ގިން މައްސަލަތަކެއް ޙަލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން