ބުއްދިވެރިންނަކީ ކޮންބައެއްކަން ކަނޑައެޅުމުގައި ނުވަތަ މާނަކުރުމުގައި ވިސްނުން ތަފާތުވެދާނެއެވެ. އެހެނަސް ކޮންމެ މުސްލިމަކުވެސް ތިމާއަކީ ބުއްދިވެރިއަކު ކަމުގައިވުމަށް 3 ކަމެއް ކުރަން ޖެހެއެވެ.
ފުރަތަމަ ކަމަކީ ދުނިޔެއިން ތިމާ ވަކިވާންޖެހުމުގެ ކުރިން ދުނިޔެއާއި ތިމާ ވަކިވުމެވެ. މާނައަކީ މަރުވުމުގެ ކުރިން ދުނިޔޭގެ އެދުންތައް ދޫކޮށްލައި ޢާޚިރަތަށްދާން ތައްޔާރުވުމެވެ.
ދެވަނަ ކަމަކީ ބޮޑެތި ތަނަވަސް، ރީތި ގެތައް އަޅަން ޢުމުރުގެ ދަވަސްތައް ނަގާލުމުގެ ބަދަލުގައި ކައްވަޅަކީ ތިމާއަށްޓަކައި ސުވަރުގޭގެ ބަގީޗާއެއް ކަމުގައި ހަދަން މަސައްކަތްކުރުމެވެ. އެކަން ކުރެވޭނީ ތަޤްވާވެރިކަން އިތުރުކޮށް ހެޔޮ ޢަމަލުކުރުން ގިނަކޮށް ކައްވަޅަކީ ތިމާއަށްޓަކައި އުފާވެރިތަނަކަށް ހެދުމަށް މަސައްކަތްކުރެވުނުވަރަކުންނެވެ.
ތިންވަނަ ކަމަކީ މަރުވެ ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމުގެ ކުރިން ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ ހުރިހާ ކަމަކަށްވުރެ ބޮޑަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަލެއްގެ ގޮތުގައި މަރުވަން މަސައްކަތްކުރުމެވެ.
އެކަން ޙާޞިލްކުރެވޭނީވެސް ހަމަ ކުރިން ބުނި ކަންތައްތައް ކުރިވަރަކުންނެވެ. އާޚިރަތް ހޯދަން މަސައްކަތްކުރުމުންނެވެ. ޢާޚިރަތް ހޯދަން މަސައްކަތްކުރުމަކީ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހޭދަކުރަން ލިބޭނީ ކިތައް ދުވަސްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ ބުއްދިވެރިންނަކީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ބަލައި މިބުނި މަގުން މަރަށް ތައްޔާރުވެ ހުންނަ މީހާއެވެ.
- މަޢްލޫމާތު: ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން