އެންމެ އަގުބޮޑު ސެންޓުޖަހައިގެން ގޭގެއަށްގޮސް ނުވަތަ އެނޫންވެސް ތަންތަނުގައި ދެބައުޑުވާ މީހުން ހީކުރަނީ އެމީހުންގެ ގައިން ދުވާނީ ޖަހައިގެންހުރި ސެންޓުގެ މީރުވަސް ކަމަށެވެ. އެމީހުންގެ ގައިން ކުނިވަސް ދުވާކަން އެމީހުންކަށް ނުވިސްނެއެވެ.
"އެއްދުވަހަކު ނަބިއްޔާ ﷺ އަރިހުގައި ޞަޙާބީން ތިއްބަވަނިކޮށް ނުބައި ވަހެއް ދުވަން ފެށިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
"أتدرون ما هذه الريح؟ هذه ريح الذين يغتابون المؤمنين" "
މާނައ: "މިއީ ކޮން ވަހެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ މީ މުއުމިނުންނަށް ޣީބަބުނާ މީހުންގެ ވަހެވެ."
ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ފިކުރު ތަފާތުވެލާއިރަށް މުސްލިމް އަޚުން އެކަކު އަނެކަކަށް ޣީބަ ބަސް ބުނަމުން 0ދެބައުޑުވަމުން) ގެންދާއިރު އެކަމުގެ ސަބަބުން ތިމާގެ ގައިން ދުވާ ނުބައި ވަސް އެމީހުންނަށް ދުވާނަމަ ހަމަ އެކަކުވެސް އެކަމެއް ނުކުރާނެއެވެ.
ޣީބަ ނުބުނަންވީ އެއީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމަކަށްވާތީއެވެ! އެކަމުގެ ސަބަބުން ދެދުނިޔޭގައިވެސް އެމީހަކަށް ނިކަމެތިކަން ލިބޭނެތީއެވެ! ވިސްނާލަންވީ ފާފައެއް ކުރެވުމުން އެމީހެއްގެ ގައިން ނުބައި ވަސް ދުވަން އިރާދަކުރައްވަވާނީ އެކަމަކީ ކިހައި ބޮޑު ކަމަކަށްވާތީކަމާއިމެދުގައެވެ. އަހުރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވަވާށިއެވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން