ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 1- ވަޘަނީއްޔަތުގެ ފެށުން- އިބިލީސް ބުދުހަދައިދީ ކޮންމެ ގެއަކަށް ބުދެއްވެއްދުވުން

ކިޔުމަށް ހޭދަވާނީ 8މ 39ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 1- ވަޘަނީއްޔަތުގެ ފެށުން- އިބިލީސް ބުދުހަދައިދީ ކޮންމެ ގެއަކަށް ބުދެއްވެއްދުވުން

ޢަލީ އިޙްޞާން ފިރާޤް

 

نوح عليه السّلام

ވަޘަނީއްޔަތުގެ ފެށުން:

شيث عليه السّلام އާއި، إدريس عليه السّلام އަށްފަހު އެތައް ޒަމާނެއް ވަންދެން މީސްތަކުން މާތްالله سبحانه وتعالى ގެ އެއްކައުވަންތަކަން ޤަބޫލުކުރުންމަތީގައި ސާބިތުވެގެންތިއްބެވެ. އޭރު މީސްތަކުން ދެމިތިބީ މާތްالله سبحانه وتعالى އަށް އަޅުކަން ޚާލިޞްކޮށް އެކަލާނގެ ނަންފުޅު މަތިވެރިކުރުން މަތީގައެއެވެ. އެބައިމީހުންގެ ތެރޭގައި ހެޔޮކަމުގެ މަގަށް ގޮވާލައި ދީނުގެ ޢިލްމުވެރިން ތިއްބެވެ. އެ ޢިލްމުވެރީން، މީސްތަކުންނަށް މާތްالله سبحانه وتعالى ގެ ދީނުގެ މަތިވެރި އުޞޫލުތައް ބަޔާން ކޮށްދެއްވަމުން ގެންދެވިއެވެ.

މާތްالله سبحانه وتعالى ގެ ދީނުގައި މީސްތަކުން ފައިތިލަ ސާބިތުކޮށް، އެކަލާނގެ ދީން މަތިވެރި ވެގެން ދާތަން ލަޢުނަތްލެއްވި ޝައިޠާނާއަށް ފެނުމުން އެކަލޭގެ ޙަސަދަވެރިކަމާއި، ރުޅިވެރިކަން އޭގެ އިންތިހާއަށް ދިޔައެވެ. ނަތީޖާއަކަށްވީ، މީސްތަކުން މަގުފުރެއްދުމަށް އޭނާ މަސައްކަތް ފެށުމެވެ. އޭނާގެ މަސައްކަތުން މީސްތަކުންގެ ތެރޭގައި ބުދަށް އަޅުކަން ކުރުމުގެ ކުޅިގަނޑު ފެށުވިއެވެ.

نوح عليه السّلام ގެ ޤައުމުގެ މީސްތަކުން އަޅުކަން ކުރި މަޝްހޫރު ފަސް ބުދެއްވެއެވެ. އެއީ وَدُّ އާއި  سُوَاعُ އާއި يَغُوثُ އާއި يَعُوقُ އާއި نَسْر އެވެ. މި ބުދުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގެ  ނޫޙު ސޫރަތުގެ 23 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا ﴿٢٣

މާނައީ: [އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!]

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [نوح عليه السّلام ގެ ޤައުމުގެ މީސްތަކުން އަޅުކަން ކުރި ބުދުތައް އޭގެ ފަހުން ޢަރަބިން އަޅުކަންކުރާ ބުދުތަކެއް ކަމުގައި ވެގެން ދިޔައެވެ. ވައްދަކީ، ދައުމަތުލްޖަންދަލްގައިވާ ބުދެކެވެ. މިބުދަށް އަޅުކަންކޮށް އުޅުނީ ކަލްބު ވަންހައިގެ މީހުންނެވެ. سُواع އަކީ ހުޛައިލުވަންހައިގެ މީހުން އަޅުކަންކޮށް އުޅުނު ބުދެވެ. يَغُوثُ އަކީ މުރާދު ވަންހައިގެ ބުދެވެ. ދެން އޭގެފަހުން ޣުޠައިފުގެ ދަރިކޮޅުގެ ބުދު ކަމުގައި ވިއެވެ. يَعُوقُ އަކީ ހަމްދާނު ވަންހައިގެ ބުދެވެ. نَسْر އަކީ، ޛިލްކިލާޢު ދަރިކޮޅުގެ ގޮތްޕެއްކަމުގައިވާ ޙިމްޔަރުވަންހައިގެ ބުދެވެ.  

މި ބުދުތަކުގެ ނަންތައް ނިސްބަތްވަނީ ނޫޙުގެފާނުގެ ޤައުމުގައި އުޅުނު ދީންވެރި ޞާލިޙު ބަޔަކަށެވެ. އެބައިމީހުން މަރުވެދިޔުމުން ޝައިތާނާ މީސްތަކުނަށް ވަސްވާސްދިނެއެވެ. އެ ޞާލިޙު ބޭކަލުންގެ ނަމުގައި ބުދުތައް ހަދައި، އެބައިމީހުން އެއްވެ އުޅޭ މަޖިލިސްތަކުގައި ބެހެއްޓުމަށެވެ. ދެން އެބައިމީހުން އެގޮތަށް ބުދުތައް ހަދައި އެބައިމީހުންގެ މަޖިލިސްތަކުގައި ބަހައްޓައިފިއެވެ. ބުދުތައް ހެދިމީހުންގެ ދިރިތިބި އިރު އެއިން އެއްވެސް ބުދަކަށް އަޅުކަންކޮށްފައެއްނުވެއެވެ. އެބުދުތަކަށް އަޅުކަން ކުރަންފެށީ ބުދުހެދިމީހުން މަރުވެ އޭގެ ފަހުން އައި މީސްތަކުންނެވެ. {صحيح البخاري،كتاب التفسير، باب ‏وَدًّا وَلاَ سُوَاعًا وَلاَ يَغُوثَ وَيَعُوقَ‏ ޙަދީޘް ނަންބަރު 4920}

އިބްނު ޖަރީރު އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވައިފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. محمد بن قيس ވިދާޅުވެފައިވެއެވެ. އެ ބުދުތަކުގެ ނަންތައް ނިސްބަތް ކުރެވިފައިވަނީ ޞާލިޙު ބަޔަކެށެވެ. އެބަޔަކީ އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދުގައި އުޅެމުން ދިޔަ ބަޔެކެވެ. އެ ޞާލިޙުބޭކަލުންނަށް ތަބާވާ ބަޔަކު އާންމުގެ ތެރޭގައި އުޅުނެވެ. އެ ޞާލިޙު ބޭކަލުން މަރުވެ ނެތިދިޔުމަށްފަހު އެބައިމީހުންނަށް ތަބާވި މީސްތަކުން ބުންޏެވެ. [އެބޭކަލުންގެ ނަމުގައި ބުދު (ނުވަތަ ތަސްވީރު) ހަދައިފިނަމަ އެބޭކަލުންގެ ހަނދާންއާވެ ޒިކުރާ އާކުރެވޭނެއެވެ. އެކަމުގެ ސަބަބުން އަހަރެމެންގެ ހިތުގައިވެސް އަޅުކަން ކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެއެވެ.] 

ދެން އެބައިމީހުން އެ ޞާލިޙުބޭކަލުންގެ ނަންނަމުގައި ބުދުތައް ހަދަންފަށައިފިއެވެ. ބުދުތައް ހެދިމީހުން މަރުވެގޮސް ދެން ފަހުން އައި މީސްތަކުންގެ ގާތަށް ޝައިތާނާ ގޮސް ބުންޏެވެ. [ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށް އުޅުނީ މި ބުދުތަކަށެވެ. އެބައިމީހުންގެ މައްޗަށް ވާރޭ ވެއްސަވަނީވެސް އެ ބުދުތަކުގެ ބަރަކާތުންނެވެ.] އެބައިމީހުން ޝައިތާނާގެ ބަހަށް ހެއްލި އެ ބުދުތަކަށް އަޅުކަން ކުރަންފަށައިފިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދު، ޞަފްޙާ 189} 

އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ. وَدُّ އާ ބެހޭގޮތުން، أبو جعفر  الباقر ވިދާޅުވެފައިވެއެވެ. وَدُّ އަކީ ޞާލިޙު މީހެކެވެ. އޭނާގެ ޤައުމުގެ މީސްތަކުންގެ ލޯބިލިބިފައިވާ މީހެކެވެ. އޭނާ މަރުވީ ބާބިލުގައެވެ. އޭނާ މަރުވުމުން އޭނާގެ ޤައުމުގެ މީސްތަކުން އޭނާގެ ޤަބުރުވަށައިގެން ތިބެ ރޮއެހިތާމަކުރަންފެށިއެވެ. އިބްލީސް މިތަންދެކެ އިންސާނެއްގެ ސިފައިގައި އައިސް އެބައިމީހުންނަށް ބުންޏެވެ. 

[ތިޔަބައިމީހުން އޭނާގެ މައްޗަށް ހިތާމަކުރާތަން އަހަރެން ދެކެފީމުއެވެ. އަހަރެން ތިޔަބައިމީހުންނަށް އޭނާގެ ސޫރައިގައި ބުދެއް ހަދައިދެން ހެއްޔެވެ؟ އޭރުން އެބުދު ތިޔަބައިމީހުންގެ ނާދީތަކުގައި ބަހައްޓައިގެން އޭނާގެ ޒިކުރާ އާ ކުރެވޭނެއެވެ.] 

ދެން އެބައިމީހުން އެކަމާ އެއްބަސްވެއްޖެއެވެ. އިބްލީސް އެބައިމީހުންނަށް ބުދެއް ހަދައިގެން ގެނެސްދިނެއެވެ. އެބައިމީހުންގެ ނާދީތަކުގައި އެބުދު ބަހައްޓައިގެން وَدُّ ގެ ޒިކުރާ އާ ކުރަންފަށައިފިއެވެ. އެތަންދެކެ އަނެއްކާވެސް އިބްލީސް އައިސް އެބައިމީހުންގެ ގާތުގައި ބުންޏެވެ.  

[ތިޔަބައިމީހުން ކުރެ ކޮންމެ މީހެއްގެ ގޭގައި ބެއްހެއްޓުމަށް އޭގެ ބުދެއް އަހަރެން ހަދައިދީފާނަމެވެ. އޭރުން ގޭގައި ތިބެގެންވެސް އޭނާގެ ޒިކުރާ އާކުރެވިދާނެއެވެ.] 

އެބައިމީހުންނަށް މިއީ މާ ރަނގަޅު ގޮތެއްކަމުގައި ވެއްޖެއެވެ. އިބްލީސް ކޮންމެ ގެއަކަށް ބުދެއް ހަދައިގެން ގެނެސްދީފިއެވެ. ގޭގައި ތިބެގެން وَدُّ ގެ ޒިކުރާ އާ ކުރަންފަށައިފިއެވެ. ގޭގައި ތިބޭ ކުޑަކުދިންނަށް، ބޮޑެތި މީހުން އެކަން ކުރާގޮތް ފެނިގެން އެކުދީންވެސް އެފަދައި އަމަލުކުރަންފެށިއެވެ. އެންމެފަހު އެބައިމީހުންގެ ދަރީންގެ ދަރިން އެބުދަށް އަޅުކަން ކުރަންފަށައިފިއެވެ. އެންމެ ފުރަތަމަ މާތް، ފިޔަވައި އަޅުކަން ކުރެވުނު ބުދަކީ وَدُّ އެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 248}

ابن أبي حاتم، ރިވާކުރައްވައިފައިވާ ކަމަށް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. [وَدُّ އާއި  سُوَاعُ އާއި يَغُوثُ އާއި  يَعُوقُ އާއި نَسْر އަކީ آدم عليه السّلام ގެ ބޭފުޅުންނެވެ. آدم عليه السّلام ގެ ބޭފުޅުންގެ ތެރެއިން އެންމެ ދޮށިފުޅީ وَدُّ އެވެ. އެކަލޭގެފާނަށް އެންމެ ކިޔަމަންތެރި ދަރިކަލަކީވެސް އެއީއެވެ.]  {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 248} 

ޞާލިޙުން މަރުވެދިޔުމުން އެބައިމީހުންގެ ޒިކުރާ އައުކުރުމުގެ ގޮތުން ތަސްވީރު ހަދާ ބުދުހަދާ ހެދުމަކީ މަނާކަމެކެވެ. އެކަން ބުޚާރީ އާއި މުސްލިމު ރިވާކޮށްފައިވާ މިދަންނަވާ ޙަދީޘުން ޘާބިތުވެއެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނާއި އުއްމުލް މުއުމިނީން އުއްމުޙަބީބަތުގެފާނަށް ޙަބަޝާއިން ފެނިވަޑައިގެން ކަނީސާއެއްގެ ވާހަކަ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ. އެ ކަނީސާއަކީ ވަރަށް ގިނަ ސޫރަތަކެއް ކުރަހައި ޒީނަތްތެރިކޮށްފައިވާ ތަނެކެވެ. އެވާހަކަ ވިދާޅުވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. 

[އެބައިމީހުންގެ ތެރެއިން ހެޔޮލަފާ ޞާލިހު މީހަކު މަރުވެއްޖެނަމަ، އޭނާ މަރުވުމުން ވަޅުލާތަނުގައ އެބައިމީހުން ކަނީސާ ނުވަތަ ފައްޅި ބިނާކުރެއެވެ. އެތަން އެބައިމީހުން ތަފާތު ކުރެހުންތަކާއި ސޫރަތަކުން ޒީނަތްތެރި ކުރެއެވެ. އެފަދަ މީހުންނަކީ، ޤިޔާމަތްދުވަހުން، މާތް ގެ ޙަޟްރަތުގައި އެންމެ ނުބައިމީހުންނެވެ.] {ބުޚާރީ މުސްލިމު}

 

- ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން