އަހުރެމެން މިސްކިތަށް ދަނީ ނަމާދުކޮށް ވީހާ ގިނަ ޘަވާބުހޯދަން މަސައްކަތްކުރާށެވެ. އެހެންކަމުން މިސްކިތުގައި ހޭދަކުރާ ވަޤުތުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރަން އެބަޖެހެއެވެ. ފަރުޟުނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުކުރުމަށާއި ޛިކުރުކޮށް ޤުރްއާން ކިޔަވަން މަސައްކަތްކުރަން އެބަޖެހެއެވެ.
ގިނަ ބައަކު މިހާރު މިސްކިތަށްދަނީ އޮފީސް ހިފައިގެންނެވެ. އަދި އެހެން މީހުންނާއި ބާއްވަންޖެހޭ ގުޅުންތައްވެސް ހިފައިގެންނެވެ. ވީމާ އޮފީހުން ނުކުތުމަކުން ނުވަތަ ގެއިން ނުކުތުމަކުން އަދި ކުރަންހުރި ކަންކަން ނިމުނު ކަމަކަށް ނުވެއެވެ. މަސައްކަތްތައްވަނީ އެމީހަކާއިއެކުގައެވެ.
މިބުނަނީ ފޯނަށް އަބަދުވެސް ކޯލްތަކާއި މެސެޖުތައް ލިބެމުންދާނެ ވާހަކައެވެ. އެކަންކަމަށް ސަމާލުކަންދޭންވެއްޖެނަމަ މިސްކިތުގައި އިނެއް ކަމަކު އެއިނދެވެނީ މިސްކިތުގައި ކަމަށް ބެލެވޭކަށް ނެތެވެ. އެއިނދެވެނީ މަސައްކަތަށް ނުވަތަ އެހެން ކަންކަމަށް ސަމާލުކަން ދެވިގެންކަމަށްވާތީއެވެ.
ވީމާ މިސްކިތަށް އެރުމަށްފަހު ފޯނުން އަތްދޫކޮށްލާށެވެ! ވިސްނުމުން ފޯނުދޫކޮށްލާށެވެ. އެކަން އެގޮތަށް ނުކުރެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. އަތުވެދާނެ މުހިންމު ކޯލަކާއި މެސެޖަކަށް ސަމާލުވާން ޝައިޠޯނާ ހަނދާންކޮށްދޭތީއެވެ. މިސްކިތުގައި ހޭދަކުރެވޭ ވަޤުތުކޮޅުގެ ފައިދާ ލިބިގަނެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ބައެއް މީހުން ޢަޞްރު، މަޣްރިބް އަދި ޢިޝާ ނަމާދުގެ އިހު ސުންނަތެއް ނުކުރެއެވެ. ބުނަނީ އެއީ ރަވާތިބް ސުންނަތެއް ނޫންކަމަށެވެ. އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް މިއުޅެނީ ސުވާލެއް ކުރަންވެގެންނެވެ.
އެއްރޭ އަހުރެންނާއި ޖެހިގެން ސަފުގައި އިން މީހެކެވެ. އޭނާ މަޣްރިބް ނަމާދުގެ އިހުސުންނަތެއް ނުކުރެއެވެ. އިށީނދެގެން އިނީއެވެ. އިނދެގެން ކުރިކަމަކީ ފޯނުން ފޭސްބުކް ބެލުމެވެ. މެސެޖުތަކަށް ޖަވާބުދީ ކޮމެންޓްކުރުމެވެ. (މީނާ ނޫނަސް މިގޮތަށް ކަންތައްތައް ކުރާ މީހުންނާއި ބައްދަލުވެއެވެ. މިފާހަގަކޮށްލީ އެކެއްގެ ވާހަކައެވެ.)
އަޅުގަނޑުގެ ސުވާލަކީ ފޯނުން އެބާވަތުގެ ކަންކަން ކުރުމަކީ ސުންނަތަކީތޯއެވެ؟ އެވަޤުތު ކުރާނެ އެހެންކަމެއް ސުންނަތުން ފެންނަން ނެތީތޯއެވެ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުން ހަމަ ޤައިމުވެސް ބަންގިއާއި ޤަމަތާއި ދެމެދުގައިވާ ވަޤުތަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެވެ. ސުންނަތަށް ޢަމަލުކުރަން ޛިކުރްކޮށް ދުޢާނުކުރީ ކީއްވެގެންތޯއެވެ؟
މިއަދުނޫސް މެދުވެރިކޮށް މިމައްސަލަ ފާހަގަކުރަން ބޭނުންވީ މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ވިސްނައިދެވޭތޯއެވެ؟ އަޅުގަނޑަކީ މާބޮޑު ޢިލްމްވެރިއެއް ނޫނެވެ. ޝައިޚެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑު މިބުނީ ޝައިޚުން ދަރުސްތަކުގައި ވިދާޅުވާ ވާހަކައެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް