ރީތިކަމާ ތަނަވަސްކަމަކީވެސް ﷲ ދެއްވަވާ ނިޢުމަތެއް! ނިޢުމަތަށް ޝުކުރުވެރިވުމުގެ ބަދަލުގަ ފުރަގަސްދީ ދީނަށްދެވޭ ގެއްލުމުގެ ޒިންމާ އުފުލޭނެތަ؟ ބަދަލު ދެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރީތިކަމާ ތަނަވަސްކަމަކީވެސް ﷲ ދެއްވަވާ ނިޢުމަތެއް! ނިޢުމަތަށް ޝުކުރުވެރިވުމުގެ ބަދަލުގަ ފުރަގަސްދީ ދީނަށްދެވޭ ގެއްލުމުގެ ޒިންމާ އުފުލޭނެތަ؟ ބަދަލު ދެވޭނެތަ؟

ނިކަން އަހުރެންގެ މިސުވާލަށް ޖަވާބުދީބަލާށެވެ! ތިމާގެ ސަބަބުން އިސްލާމް ދީނަށް ދެރައެއް ދެވިއްޖެނަމަ (ފާފަކުރަން ބައަކު ޝައުޤުވެރިވެއްޖެނަމަ) އެކަމަށް ބަދަލުދެވޭނެ ހެއްޔެވެ؟ އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ މިސުވާލުތައް ހިތުގައި ބަހައްޓައިގެން ރަނގަޅަށް އަޑުއަހާށެވެ! 

ﷲ ތަޢާލާ ރީތިކަން ނުވަތަ މަޝްހޫރުކަން ދެއްވަވާފައިވާ މީހަކު ފާޙިޝް ޢަމަލެއްކޮށްފިކަން އެނގިއްޖެނަމަ އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައުދެއެވެ. އެހެންވެ ސޯޝަލް މީޑިއާއިން ވެސް އަދި އެނޫން ގޮތްގޮތުންވެސް އެފަދަ ވާހަކަތައް ފެތުރޭވަރު ބޮޑުވެގެންދެއެވެ. 

އެއިގެ މާނައަކީ އެނޫން މީހުން، ހުތުރު މީހުން، ނުވަތަ މަޝްހޫރު ނޫން މީހުން އެފަދަ ޢަމަލުތައް ނުކުރާކަމެއް ނޫނެވެ. އެފަދަ މީހުން ކުރާ ކަންކަމަށް މީސްތަކުން ސަމާލުކަން ނުދެނީއެވެ. ސަމާލުކަންދޭ މިންވަރު ކުޑަވަނީއެވެ. 

އަހުރެން މިއުޅެނީ ފާޙިޝް ޢަމަލުތައް ކުރަން އެއްބައަކަށް ހުއްދަކޮށްފައި އަނެއްބައަކަށް މަނާކުރާކަށް ނޫނެވެ. ކޮންމެ މީހަކު ކުރިނަމަވެސް، ފާޙިޝް ކަމެއް، ޙަރާމް ކަމެއްގެ ޙުކުމަކީ ހަމަ ޙަރާމް ކަމެކެވެ. އެޙުކުމް ބަދަލެއް ނުވާނެއެވެ. ނުވެސް ކުރެވޭނެއެވެ. 

ފުރަތަމަ ކަމަކަށް އަހުރެން ބުނެލަން ބޭނުންވަނީ މީސްތަކުން ކުރާ އެފަދަ ކަންކަން ހާމަނުކުރާށެވެ. އެންމެ ބޮޑު ސަބަބަކީ އެފަދަ ކަންކަން ހާމަކުރުމުން އެފަދަ ކަންކަން ކުރަން ޝައުޤުވެރިވާ މީހުން ގިނަވާނެތީއެވެ. އެއްވެސް މީހަކު ފަޟީޙަތް ކުރުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. ދީނުގައި ނަހީކުރައްވަވާފައިވާ ކަމެކެވެ. 

ބަރަހަނާ ވާހަކަތަކާއި ވީޑިއޯތަކާއި ބަރަހަނާކޮށް އުޅުން ޢާންމުކުރަން ޝައިޠޯނާ އެހައިބޮޑަށް ބާރުއަޅަނީ މީސްތަކުން ޝައުޤުވެރިކުރުވައި ފާޙިޝް ޢަމަލުތައް ކުރުވަން ހިތްވަރުދިނުމަށެވެ. ގިނަ ބައަކަށް އެކަން ނުވިސްނެނީއެވެ. މީހަކު ފަޟީޙަތްކުރުމުގެ ގޮތުން ނަމަވެސް އެފަދަ ކަންކަން ޢާންމުކުރުމަކީ ޝައިޠޯނާއަށް ކޮށްދެވޭކަމެއްކަން ނުވިސްނެނީއެވެ. 

ދެން ބުނެލަން ބޭނުންވަނީ ރީތި، މަޝްހޫރު، މަތީދަރަޖަތަކުގައި ތިބޭ މީހުން އެފަދަ ކަންކަން ނުކުރާށެވެ. އެއިރުން އެކަންކަން ފެތުރުމުގެ ފުރުޞަތުކުޑަވެގެންދާނެތީއެވެ. މުޖުތަމަޢުތަކުގައި ފާޙިޝް ޢަމަލުތައް ފެތުރުން މަދުވެގެންދާނެތީއެވެ. 

ﷲ ތަޢާލާ ރީތިކަން ދެއްވެވުމުން، މަޝްހޫރުކަން ދެއްވެވުމުން، މަތީ ދަރަޖަ ދެއްވެވުމުން އަދި ތަނަވަސްކަން ދެއްވެވުމުން އޮތީ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކޮށްހުރުމެވެ. ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން