ޔާ ﷲ! ޔާ ރައްޒާޤް! އިނބަ ﷲ އީ ޖައްވުގައި އުދުހޭ ދޫނިތަކަށާއި ކަނޑުއަޑީގައި ފީނާ މަސްތަކަށްވެސް ރިޒުޤް ދެއްވަވާ ރަސްކަލާނގެއެވެ! މިއަޅާވެސް ހިމެނޭހެން އެންމެންނަށް ރިޒުޤް ދެއްވަވާނދޭވެ! މިހައިތަނަށް އިނބަ ﷲ ބަންދުކުރައްވަވާފައިވާ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! ދަރަނިވެރިވެފައިވާ އެންމެން އެކަމުން ސަލާމަތްކޮށްދެއްވަވާނދޭވެ! އިނބަ ﷲ ގެ ޙަޟްރަތުގައިވާ އުނިވުމެއް ނެތް ޚަޒާނާއިން އަޅަމެންނަށް ފުދުންތެރިކަން މިންވަރުކުރައްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ ގެ މަގުގައި ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަވާނެ މިންވަރަށް ތަނަވަސްކަން ދެއްވަވާނދޭވެ! އަދި ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނދޭވެ! އާމީން
މިއީ ތިމާއަށްޓަކައިވެސް އަދި އެމީހަކު ބޭނުން ކޮންމެ މީހަކަށްޓަކައިވެސް އަދި ދުނިޔޭގެ އެންމެންނަށްޓަކައިވެސް ކުރަން ފައިދާހުރި ދުޢާއެކެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން