ސަލާމް ގޮވައި ގޭގެއަށްވަނުމަށްފަހު އެގޭގަ ހުޅުޖަހާ މީހުންނަކީ ކޮންބައެއްކަން އެނގޭތަ؟ ގިނަވަމުން މިދަނީ އެފަދަ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ސަލާމް ގޮވައި ގޭގެއަށްވަނުމަށްފަހު އެގޭގަ ހުޅުޖަހާ މީހުންނަކީ ކޮންބައެއްކަން އެނގޭތަ؟ ގިނަވަމުން މިދަނީ އެފަދަ މީހުން!

ގޭގެއަށް ގިނަ ބައަކު ވަންނަނީ ވަރަށް ރިވެތިކޮށެވެ! ގޭގެ އެންމެންނަށް ސަލާމް ގޮވާފައެވެ. ތިމާއަކީ އެއެންމެންނަށް ހުރި ރައްކައުތެރިކަމެއް ކަމަށް ބުނަމުންނެވެ. ނަމަވެސް ވަދެވުމުންނާއި ގެއިން ނުކުތުމަށްފަހު ޢަމަލުކުރެވޭ ގޮތާއިމެދު ވިސްނާލަމުހެއްޔެވެ؟  

މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާހިނދު "އައްސަލާމް ޢަލައިކުމް" ކިޔުމަކީ ވެވޭ ވަޢުދެކެވެ. އެ ވަޢުދަކީ ތިމާގެ ފަރާތުން ތިބާއަށް ސަލާމަތްކަން ހުރިކަމަށާއި އެއްވެސް ގެއްލުމެއް ނުދޭނަން ކަމަށްވާ ވަޢުދެކެވެ.  

މީހުންނާއި ބައްދަލުވުމުގެ އިތުރުން އަހުރެމެން ގޭގެއަށް ވަންނަނީވެސް މި ވަޢުދު ވަމުންނެވެ. އެހެނަސް ކަންކަން ވެގެންދަނީ ކިހިނަކުން ހެއްޔެވެ؟ ދެމީޙުންގެ މެދުގައިވެސް އަދި ގެއަށް ވަދެވެސް ދައްކަނީ ފިތުނަވެރި ވާހަކަތަކެވެ. ޢާއިލާތަކުގެ މެދުގައި ބޮޑެތި ހުޅުޖެހުން ފަދަ ވާހަކަތަކެވެ.

އަދި އެވަރަކުންވެސް ފުއްދައިލަނީއެއް ނޫނެވެ. އެގެއިން ނުކުމެގެން ގޮސް ދެން ބައްދަލުވާ މީހުންގެ ޣާތުގައިވެސް ދައްކަނީ ފިތުނަވެރި ވާހަކަތަކެވެ. އެގޭގައި އެވެނިކަމެއް މިވެނިކަމެއް، އެވެނި މީހަކު އެހެންބުނި މިހެން ބުނި ކިޔައިގެން ދައްކާ ވާހަކަތަކުގެ ސަބަބުން ދަނީ ބޮޑެތި މައްސަލަތައް އުފެދެމުންނެވެ.  

ސުވާލަކީ އެހެންކަމަށްވާނަމަ ތިބާ ގޮވި ސަލާމް ކޮބައިހެއްޔެވެ؟ ތިބާގެ ކިބައިން އެބައަކަށް ރައްކައުތެރިކަން ފޯރުކޮށްދޭން ވީވަޢުދު ކޮބައިހެއްޔެވެ؟ 

މީސްތަކުންނޭވެ! އައްސަލާމް ޢަލައިކުމް ކިޔާފައި އެމީހުންގެ ތަޅައި އަނިޔާނުކުރާށެވެ. ނެތިނުމޮށޭށެވެ! ފިތުނަ ނުއުފައްދާށެވެ. ޢާއިލާތަކުގެ ގުޅުން ކެނޑޭނެފަދަ ވާހަކަތައް ނުދައްކާށެވެ! އެފަދަ ކަންކަމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން