ފަޟީހަތް ނުވާނަމަ ކުރި ފާފައިން ސަލާމަތްވެވުނީކަމަށް ވިސްނާ މީހުންނަށް އޮތް އިންޒާރު- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ފަޟީހަތް ނުވާނަމަ ކުރި ފާފައިން ސަލާމަތްވެވުނީކަމަށް ވިސްނާ މީހުންނަށް އޮތް އިންޒާރު- ޤުރްއާނުން!

ކުރެވޭ ފާފައަކުން ސަލާމަތްވެވުން އޮތީ އެކަން ސިއްރތުވުމާއި ނުވުމަކުން ނޫނެވެ. ފާފަ ކުރެވުމުން ތައުބާވުމުން ﷲ ތަޢާލާ އެމީހާގެ ތައުބާ ޤަބޫލުފުޅުކުރައްވަވައި ފާފަފުއްސަވައި ދެއްވެވުމުން ނޫނީ ސަލާމަތްކަމެއް ނެތެވެ. އެހެނަސް ގިނަ ބައަކު ބިރުގަންނަނީ ކުރެވުނު ފާފައާއިމެދަކު ނޫނެވެ. ބޭޒާރުވެ ފަޟީޙަތްވެދާނެތީއެވެ.  

މިއަދު މީސްތަކުންނަށް ޖެހިގެން އުޅޭ އެންމެ ނުބައިކަން ބޮޑު އެއް ބައްޔަކީ އެމީހުންގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެކެވެ. އެބަލީގެ ސަބަބުން ސިކުނޑިއަށް ޙަޤީޤަތް ޤަބޫލުނުކުރެވެނީއެވެ. ހިތަށް އަސަރުވެސް ނުކުރަނީއެވެ. ނަތީޖާއަކީ ލޮލަށް ކަންކަން ފެނުމުންވެސް ވިސްނައިނުލެވޭކަމެވެ.  

މިބަލީގެ ޝިކާރައަކަށްވެފައިވާ މީހުން ފާފަކުރާކަށް ބިރެއް ނުގަނެއެވެ. ކިރިޔާވެސް ޖެހިލުންވަނީ ކުރާ ފާފަ މީސްތަކުންނަށް އެނގިދާނެކަމަށްޓަކައެވެ. އެފާފަކުރާތަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ސިކުނޑިއަކަށް ނުވަދެއެވެ. ހިތަކަށް އަސަރެއްވެސް ނުކުރެއެވެ. ނަރަކައަށް ވަންޖެހިދާނެތީ ކަންބޮޑެއްވެސް ނުވެއެވެ.  

އެފަދަ މީހުން ގާތު އާދޭސްކޮށްފައި ބުނަމެވެ. ސިކުނޑި އާއި ހިތް ހުޅުވާލައިގެން އިނދެ އަޅެ ނިކަން މިއާޔަތް ކިޔާލަބަލާށެވެ! ހިތަށް ކަންތައްތަކެއް އިޙްޞާޞްވާނެއެވެ. އިން ޝާ ﷲ  

"އަދި ޣައިބްގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." (އަލްއަންޢާމް: 59) 

ދެން ނިކަން ބުނެބަލާށެވެ! ގެއާއި ކޮޓަރިތަޅުލައިގެން، ފާރަވެރިން ބައިތިއްބައިގެން ވިޔަސް ކިތަންމެ ސިއްރުން ނަމަވެސް ފާފައެއްކޮށްގެން ސަލާމަތްވެވޭނެ ހެއްޔެވެ؟ އަމިއްލަ ނަފްސަށް ޖަވާބުދިނުމުން ފުދޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން