ޢަލީ އިޙްޞާން ފިރާޤް
ވަޅުގަނޑުގެ އަހުލުވެރީންގެ ވާހަކައަކީ، ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޢިބްރަތްތެރި ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ކީރިތި ޤުރްއާނުގައި މިވާހަކައަށް ނަންދެއްވައިފައިވަނީ، أَصْحَابُ الْأُخْدُودُ ގެ ނަމުންނެވެ. ބުރޫޖު ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން އެ ސޫރަތުގެ ދިހަ ވަނަ އާޔަތުގެ ނިޔަލަށް އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَالسَّمَاءِ ذَاتِ الْبُرُوجِ ﴿١﴾ وَالْيَوْمِ الْمَوْعُودِ ﴿٢﴾ وَشَاهِدٍ وَمَشْهُودٍ ﴿٣﴾ قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾ النَّارِ ذَاتِ الْوَقُودِ ﴿٥﴾ إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ﴿٧﴾ وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّـهِ الْعَزِيزِ الْحَمِيدِ ﴿٨﴾ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٩﴾ إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ﴿١٠﴾
މާނައީ: [برج ތަކުގެވެރި އުޑު ގަންދެއްވަމެވެ.އަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ.އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ.(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ.مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ.އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ.އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ.]
މިދެންނެވި އާޔަތުގެ ތަފްސީރު ޢިލްމުވެރިން އިހުޒަމާނުގައި ހިނގައިފައިވާ ޙާދިޘާއެއް ގެންނަވައިފައިވެއެވެ. އެވާހަކަ ޞަޙީހު މުސްލިމުގައި ވާރިދުވެގެންވާ އައިސްފައި ވާގޮތަށް މިތަނުގައި ނަކަލުކޮށްލަމެވެ. ޞުހައިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘު ކުރައްވައިފައިވެއެވެ.
އިހުޒަމާނުގައި ރަސްކަލަކު އުޅުނެވެ. އެ ރަސްގެފާނުގެ ވަރަށް ވަރުގަދަ ސިޙުރުވެރިއެއް ހުރެއެވެ. އެ ސިޙުރުވެރިޔާ މުސްކުޅިވެ ގައިބާރު ދެރަވުމުން ރަސްގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. [އަޅުގަނޑު މުސްކުޅިވެ ގައިބާރު ދެރަވެއްޖެއެވެ. އަޅުގަނޑުގެ ފަރާތުން ސިޙުރު ދަސްކުރާނެ ކުއްޖަކު ހަމަޖައްސަވައި ދެއްވާށެވެ.] ދެން ރަސްގެފާނު އޭނާގެ ގާތުން ސިޙުރު އުނގެނުމަށް ޒުވާން ފިރިހެންކުއްޖަކު ހަމަޖައްސަވައި ދެއްވައިފިއެވެ.
ދެން މިޒުވާނާ ކޮންމެ ދުވަހަކު ސިޙުރުވެރިޔާގެ ގާތަށް ދިޔުމަށްދާ މަގުމަތީގައި ރާހިބަކާ ބައްދަލުވާން ފަށައިފިއެވެ. މިގޮތަށް ބައްދަލުވެ، ރާހިބުމީހާގެ ވާހަކަތައް މިފިރިހެންކުއްޖާއަށް ކަމުގޮސްފިއެވެ. މިގޮތަށް ރާހިބުމީހާގެ ވާހަކަތައް އަޑުއަހަން ހަދައިގެން މިޒުވާނާއަށް ސިޙުރުވެރިޔާގެ ގާތަށް ދެވެނީ ލަހުންނެވެ. މިކަމާ އަންނަ ރުޅީން ސިޙުރުވެރިޔާ މިކުއްޖާގެ ގައިގައި ތަޅާ އަނިޔާކޮށް ހަދައެވެ. މިކަމުގެ ޝަކުވާ ރާހިބު މީހާގެ ގާތުގައި ކުރުމުން އޭނާ ބުންޏެވެ. [ތިބާ ސިޙުރުވެރިޔާއަށް ބިރުގަންނަ ނަމަ ބުނާށެވެ. ތިމަންގެ ޢާއިލާގެ މީހުން ތިމަން ހިފެހެއްޓީއެވެ. ތިބާގެ ޢާއިލާއާ މެދު ބިރުގަންނަ ނަމަ ބުނާށެވެ. ސިޙުރުވެރިޔާ ތިމަން ހިފެހެއްޓީއެވެ.]
އެއްދުވަހަކު ބޮޑު ދާއްބައެއް އެރަށަށް އަރައި މަގުބަންދުކޮށްގެން އޮވެއްޖެއެވެ. މިތަންދެކެ އެ ޒުވާނާ ހިތުގައި ޖެހުނެވެ. [ސިޙުރުވެރިޔާތޯ މޮޅީ ނުވަތަ ރާހިބުތޯ މޮޅީ މިއަދު އަހަރެން ބަލާނަމެވެ.] މިހެން ހިތައި ބޮޑު ގާބުރިއެއް ނަގައި ބުންޏެވެ. [އޭ ﷲ އެވެ. އިބަރަސްކަލާނގެ ޙަޟުރަތުގައި ސިޙުރުވެރިޔާއަށްވުރެ ރާހިބުމީހާގެ ދަރަޖަ މަތިނަމަ މި ގާބުރިން ޖެހުމުގެ ސަބަބުން އެ ދާއްބަ މަރުވާނދޭވެ.] މިހެން ބުނެ އެއްލި ގާބުރިންޖެހި އެ ދާއްބަ މަރުވެއްޖެއެވެ. ދެން އެމަގުން މީސްތަކުން ހިނގާބިނގާވެ އުޅެން ފަށައިފިއެވެ.
ދެން އެޒުވާނާ ރާހިބުމީހާގެ ގާތަށް ގޮސް މިވާހަކަތައް ކިޔައިދީފިއެވެ. ރާހިބުމީހާ ބުންޏެވެ. [މިއަދު އަހަރެންގެ ގާތުގައި ތިބާގެ މަޤާމު ވަރަށް މަތިވެރިވެއްޖެއެވެ. ހީވާގޮތުގައި ދާދި އަވަހަށް ތިބާއަށް އިމްތިޙާނުތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެގޮތަށް ކަންތައްވިޔަސް އަހަރެންގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނައްޗެވެ.]
ދެން އެ ޒުވާނާ ޖުޒާމްބަލީގެ މީހުންނާއި، ލޯކަނު މީހުންނަށް ފަރުވާ ކުރަންފެށިއެވެ. އަދި އެނޫންވެސް ބަލިބަލި ޖެހިފައިވާ މީހުންނަށް އޭނާ ފަރުވާދީ ރަނގަޅުކޮށް ހަދައެވެ. އެއްފަހަރަކު ރަސްގެފާނު ކައިރީގައި އުޅުނު ލޯފަން މީހަކު ވަރަށް ގިނަ ވެދުންތަކާއެކު އެޒުވާނާގެ ކައިރިއަށް ގޮސް ބުންޏެވެ. [އަހަރެންގެ ލޮލުގެ ފެނުން ރަނގަޅުކޮށްދީފިނަމަ، މިގެނައި ހުރިހާ ހަދިޔާއަކީ ކަލޭގެ އެއްޗެއްސެވެ.] އެޒުވާނާ ބުންޏެވެ. [ޝިފާދެއްވަނީ މާތްﷲ އެވެ. އަހަރެންނެއް ނޫނެވެ. ކަލޭ ﷲ އަށް އީމާންވާށެވެ. އޭރުން އަހަރެން ކަލެއަށް ދުޢާކޮށްދޭނަމެވެ. ދެން ކަލޭގެ ލޮލުގެ ފެނުން މާތްﷲ ރައްދުކޮށްދެއްވާނެއެވެ.] ދެން އޭނާ އެޒުވާނާ ބުނިގޮތަށް ކަންތައްކުރުމުން އޭނާގެ ލޮލަށް ފެންނަ ގޮތްވެއްޖެއެވެ.
ދެން އޭނާ ރަސްގެފާނުގެ ދަރުބާރަށް ދިޔުމުން ރަސްގެފާނު ބުންޏެވެ. [ކަލޭގެ ލޮލުގެ ފެނުން ރައްދުކޮށްދިނީ ކާކު ހެއްޔެވެ؟] އެމީހާ ބުންނެވެ. [އަހަރެންގެ ވެރިރަސްކަލާނގެއެވެ.] ރަސްގެފާނު ބުންޏެވެ. [އަހަރެން ފިޔަވައި ކަލެއަށް އިތުރު ކަލާނގެއެއްވެސް ވޭ ހެއްޔެވެ؟] އެމީހާ ބުންޏެވެ. [އަޅުގަނޑާއި ރަސްގެފާނުގެ ވެރިރަސްކަލާނގެއަކީ މާތްﷲ އެވެ.] ދެން ރަސްގެފާނު ރުޅިއައިސްގެން މީނާ ހިފައި ހައްޔަރުކޮށް ޒާތްޒާތުގެ އަނިޔާ ދޭން ފެށުމުން އޭނާ، އެޒުވާނާގެ ވާހަކަ ބުނެފިއެވެ.
ދެން ރަސްގެފާނުގެ ދަރުބާރަށް އެޒުވާނާ ހާޒިރުކޮށް ބުނެފިއެވެ. [އޭކުއްޖާއެވެ. ކަލޭ ސިޙުރުގެ މޮޅުކަމާއި، އެސިޙުރުގެ ސަބަބުން ލޯކަނުމީހުންނާއި، ޖުޒާމުބަލި ޖެހިފައިވާ މީހުން ރަނގަޅުކުރާ ވާހަކަ އަހަރެންނަށް އަޑު އިވިއްޖެއެވެ.] މި ހިސާބަށް ވާހަކަ ދިޔުމުން އެޒުވާނާ ބުނެފިއެވެ. [[ޝިފާދެއްވަނީ މާތްﷲ އެވެ. އަހަރެންނެއްނޫނެވެ.] ދެން ރަސްގެފާނު އޭނާ ހިފާ ހައްޔަރުކޮށް ޒާތްޒާތުގެ ޢަޛާބުތައް ދައްކަން ފަށައިފިއެވެ. އެގޮތަށް ކަންތައްކުރަން ފެށުމުން އެޒުވާނާ، ރަސްގެފާނަށް ރާހިބުމީހާގެ ވާހަކަ ބުނެދީފިއެވެ.
ދެން ރަސްގެފާނުގެ ދަރުބާރަށް ރާހިބުމީހާ ހާޒިރުކޮށް ރަސްގެފާނު ބުންޏެވެ. [ކަލޭ ތަބާވެގެން ތިޔަ އުޅޭ ދީނުން ކަލޭ އެނބުރި ކާބަފައިންގެ ދީނަށް ރުޖޫޢަވާށެވެ.] ނަމަވެސް އޭނާ އެގޮތް ޤަބޫލެއް ނުކުރިއެވެ. ދެން ރަސްގެފާނު އަމުރުކޮށްގެން ބޮޑު ކީހެއް ގެނެސް އެމީހާގެ ބޮލުގެ މެދުން ޖައްސައި ދެފަޅިކޮށްލިއެވެ. އެއަށްފަހު، ރަސްގެފާނުގެ އަރިހުގައި އުޅުނު މީހާގެ ގެނެސް ކާބަފައިންގެ ދީނަށް ރުޖޫޢަވުމަށް އެންގިއެވެ. އޭނާވެސް އެކަމަށް އިންކާރުކުރުމުން އޭނާގެ ގައިގައިވެސް ބޮޑުކީސް އަޅައި ދެފަޅިކޮށްލިއެވެ. ދެން ޒުވާނާ ރަސްގެފާނުގެ އަރިހަށް ހާޒިރުކޮށްފިއެވެ. އޭނާ ދީން ދޫކޮށްލުމަށް އިންކާރު ކުރުމުން ރަސްގެފާނު އޭނާގެ ސިފައިންނަށް ބުންޏެވެ. [އޭނާ ގެންގޮސް އެވެނި މިވެނި ފަރުބަދައެއްގެ ކުރިއަށް އަރުވައި ދީން ދޫކޮށްލުމަށް ބުނާށެވެ. އޭނާ އިންކާރުކޮށްފިނަމަ، ފަރުބަދައިގެ ކުރިން ވައްޓައިލާށެވެ.]
ދެން ރަސްގެފާނުގެ ސިފައިން އެކުއްޖާ ގޮވައިގެން ފަރުބަދައިގެ ކުރިއަށް އެރުމުން އޭނާ ދުޢާކޮށް ބުންޏެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގެންވާ ގޮތަކަށް މިއަޅާ އެބައިމީހުންގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ.] ދެން ކުއްލިއަކަށް ފަރުބަދައަށް އައި ލޮޅުމެއްގެ ސަބަބުން ފަރުބަދައަށް އަރާތިބި އެންމެ ވެރިއްޖެއެވެ. ދެން އެކުއްޖާ ރަސްގެފާނުގެ އަރިހަށް އައުމުން ރަސްގެފާނު ބުންޏެވެ. [ތިބާގެ އެކުވެރިންނަށްވީ ކިހިނެއް ހެއްޔެވެ؟] ޒުވާނާ ދެންނެވިއެވެ. [މާތްﷲ، އެބައިމީހުންގެ ކިބައިން އަހަރެން ސަލާމަތް ކުރެއްވިއެވެ.]
ދެން އަލުން ރަސްގެފާނު، އެޒުވާނާ އޭނާގެ ސިފައިންނާ ޙަވާލުކޮށްފައި ބުނެފިއެވެ. [އޭނާ ގޮވައިގެ ބޯޓެއްގައި ދުއްވައިފައި ކަނޑަށް ނުކުންނާށެވެ. އޭނާ ދީނުން ބޭރުވުމަށް އިންކާރު ކުރާނަމަ ކަނޑުފައްތާށެވެ.] ދެން އެބައިމީހުން އޭނާ ގޮވައިގެން ކަނޑުގެ މެދަށް ދިޔުމުން އޭނާ ދުޢާކޮށް ބުންޏެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުން އެކުރަން އުޅޭކަންތަކުން މިއަޅާ ސަލާމަތް ކުރައްވާނދޭވެ.] ދެން އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ބޯޓު ޣަރަޤުވެ، އެޒުވާނާ ނޫން އެންމެހައި މީސްތަކުން މަރުވެއްޖެއެވެ.
ދެން އަލުން އެޒުވާނާ ރަސްގެފާނުގެ ދަރުބާރަށް ދިޔުމުން ރަސްގެފާނު އޭނާއާ ސުވާލުކޮށް ބުންޏެވެ.[ތިބާގެ އެކުވެރިންނަށްވީ ކިހިނެއް ހެއްޔެވެ؟] ޒުވާނާ ދެންނެވިއެވެ. [މާތްﷲ، އެބައިމީހުންގެ ކިބައިން އަހަރެން ސަލާމަތް ކުރެއްވިއެވެ.] އެއަށްފަހު އަލުން ރަސްގެފާނުގެ ގާތުގައި ބުންޏެވެ. [އަހަރެން ބުނާ ކަމެއް ކުރުމުން ނޫނީ ރަސްގެފާނަކަށް އަހަރެން ޤަތުލެއް ނުކުރެވޭނެއެވެ.] ރަސްގެފާނު ބުންޏެވެ. [އެއީ ކޮންކަމެއް ހެއްޔެވެ؟] އެޒުވާނާ ބުންޏެވެ. [މީސްތަކުން އެއްކޮށް އަހަރެން ގަހެއްގައި އެލުވާށެވެ. އެއަށްފަހު بسم اللَّهِ رَبِّ الْغُلَامِ ކިޔާ އަހަރެންގެ ގަޔަށް ތީރު ޖަހާށެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.]
ދެން ރަސްގެފާނުގެ ސިފައިން އެޒުވާނާ ބުނިގޮތަށް ކަންތައްކޮށް بِاسْمِ اللَّهِ رَبِّ الْغُلَامِ އޭކިޔާ ތީރު ޖެހުމުން އެޒުވާނާ މަރުވެއްޖެއެވެ. އެތަން ދެކެ މީސްތަކުން ބުނަންފަށައިފިއެވެ. [އަހަރެމެން މިޒުވާނާ ވެރިރަސްކަލާނގެއަށް އީމާންވަމެވެ.] ދެން ރަސްގެފާނުގެ ސިފައިން އައިސް ރަސްގެފާނަށް މިޚަބަރު ދީފިއެވެ. ދެން އޭނާ އަމުރުކުރީ ބޮޑު ވަޅުގަނޑެއްކޮނެ އޭގެ ތެރެއަށް ދަރުއަޅާ ރޯކުރުމަށެވެ. އެއަށްފަހު، އެޒުވާނާގެ ދީނަށް ތަބާވީ އެންމެން އެވަޅުގަނޑަށް އަޅައި އެންދުމަށެވެ. އަލިފާނަށް ލުމަށް އެންގުނު މީހުންގެ ތެރޭގައި ކިރުތުބުން ނުވީއްލޭ ކުޑަކުއްޖެގެ މައިމީހާވެސްވިއެވެ. އެ އަންހެންމީހާ އަލިފާންގަނޑަށް ފުންމާލުމަށް ފަސްޖެހެން ފެށުމުން އެކުއްޖާ ބުންޏެވެ. [އޭ މަންމާއެވެ. ޙައްޤުގެ މަގަށްޓަކައި މިކަމަށް ކެތްތެރިވާށެވެ.]
{صحيح مسلم، كِتَابُ الزُّهْدِ وَالرَّقَائِقِ،بَابُ قِصَّةِ أَصْحَابِ الْأُخْدُودِ وَالسَّاحِرِ وَالرَّاهِبِ وَالْغُلَامِ،حديث رقم 5461}