ދުނިޔޭގެ އެންމެ މޮޅު ދިފާޢީ މިސައިލްތަކާއި ރާޑަރުތައް ބަހައްޓާފައި ހުއްޓައިވެސް އެބަ ޙަމަލާ ދެވެއެވެ. އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައްވެސް ލިބެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބިގަންނަ ދިފާޢީ އައްޑަނައެއް ފޫއަޅުވައެއް ނުލެވޭނެއެވެ. އެފަދަ އައްޑަނައެއް ލިބިގެންވާ މީހަކަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭނެއެވެ. އެއީ ޔަޤީންކަމެކެވެ.
ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި މީހަކު މަރުވުމުން ވަޅުލުމަށްފަހުގައި ޖަނާޒާގައި ބައިވެރިވިމީހުން އެތަނުންދާ އޭނާގެ ޢާއިލާގެ މީހުންގެ ފިޔަވަޅުގެ އަޑު މައްޔިތާއަށް އިވޭނެތެވެ. އަދި އެހިސާބުން އެމީހަކަށް ކުރެވިފައިވާ ފާފަތަކުގެ ޢަޛާބު އެމީހަކާއި ހަމައަށް
(މަތިން) އަންނަން މަސައްކަތްކުރާނެވެ.
އެހިނދު އޭނާކުރި ނަމާދުތައް އެކަމަށް ހުރަސްއަޅާނެތެވެ. (ތިމަންނާ) ހުރަސްކޮށް (އޭނާއާއި ހަމައަށް) ނުދެވޭނެކަމަށް ބުނާނެތެވެ. ދެން ޢަޛާބް އޭނާގެ ކަނައަތްފަރާތުން އަންނަން މަސައްކަތް ކުރާނެތެވެ. އެވަޤުތު އޭނާ ހިފި ރޯދަތައް އެކަމަށް ހުރަސްއަޅައި ނަމާދު ބުނިފަދައިން ބުނާނެތެވެ. ދެން ޢަޛާބް އޭނާގެ ވައަތްފަރާތުން އަންނަން މަސައްކަތްކުރާނެއެވެ. އެވަޤުތު، އޭނާ ދީފައިވާ ޒަކާތްވެސް ހަމައެފަދައިން ބުނާނެތެވެ. ދެން ފަޔާއި ދިމާއިން އަންނަން ޢަޛާބް މަސައްކަތްކުރާނެތެވެ. އެހިނދު އޭނާ ކޮށްފައިވާ އެހެން ހެޔޮ ޢަމަލުތައް (އޭނާކުރި ޞަދަޤާތާއި ޢާއިލާގެ މީހުންނަށް ބެހެއްޓި ހެޔޮކަމާއި، މީސްތަކުންނަށް ފޯރުކޮށްދިން ހެޔޮކަމާއި، ތެދުވެރިކަމާއި އެނޫންވެސް ހެޔޮ ޢަމަލުތައް ހަމައެފަދައިން ބުނެ ޢަޛާބަށް ހުރަސް އަޅާނެއެވެ.
މީސްތަކުންނޭވެ! މިޙަދީޘްފުޅުން އެނގިގެންދަނީ އެންމެ ހެޔޮޢަމަލެއް ކޮށްގެން އެމީހަކަށް ޢަޛާބުން ސަލާމަތް ނުވެވޭނެކަމެވެ. ޢަޛާބުން ސަލާމަތްވުމަށްޓަކައި ހުރިހާ ހެޔޮޢަމަލުތަކެއްވެސް ކުރަންޖެހޭ ކަމެވެ. ނަމާދުކޮށް، ރޯދަހިފައި، ޒަކާތްދީ ޢާއިލާއަށާއި މީސްތަކުންނަށް ހެޔޮކޮށް ހިތައި، ލިބޭ މިންވަރަކުން ޞަދަޤާތްދީ، މީސްތަކުންނަށް (މަސައްކަތުގެ ގޮތުންވިޔަސް) އެހީތެރިވެ އަދި އެނޫންވެސް ހެޔޮ ޢަމަލުތައް ކުރަން ޖެހޭނެ ކަމެވެ. ޘަވާބު ލިބެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމެވެ.
ވީމާ އެނގިގެން މިދަނީ އަހުރެން ނަމާދުކުރަމޭ، ފަރުޟު ރޯދަ ހިފަމޭ، ޒަކާތްދެމޭ ބުނެ ނިންމައިލެވެން ނެތްކަމެވެ. ވީހާ ގިނަ ހެޔޮ ޢަމަލުތަކެއް ކުރަން ޖެހޭނެ ކަމެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން