އަޅުގަނޑު ވަޒިފާއަދާކުރަމެވެ. ލިބޭ މުސާރައިން ގެއަށް ޚަރަދުވެސް ކުރަމެވެ. އެކަމަކު ފިރިމީހާގެ އަތަށް ކޭޝްކާޑުނުދޭތީ އާއި ބުނާއިރަށް، އެބުނި ވަރަކަށް ފައިސާނުދީފިނަމަ ހުންނަނީ ރުޅިއައިސްގެންނެވެ. މިއީ އަޅުގަނޑުދެކެ ރުޅިއަންނަން ޖެހޭނެ ކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ
މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސލަޖެހޭ އެއް ކަމަކަށްވެފައި އޮންނަނީ ކޭޝްކާޑް ބޭނުންކުރެވޭ ގޮތެވެ. މިޘާލަކަށް އަނބިމީހާ ނުވަތަ ފިރިމީހާވިޔަސް އަނެކާ އެދުމުން ކޭޝްކާޑް އޭނާގެ އަތަށް ދީފާނެއެވެ. ދީފައި އަޅައިވެސް ނުލާ ހުރެދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެކާޑް ބޭނުންކުރާ ގޮތް ނުބެލުމެއް ނޫނެވެ. ނުބަލައެއް ނުހުންނާށެވެ. ވަރަށް ރަނގަޅަށް ބަލާނެއެވެ.
ވިސްނާށެވެ! އަމިއްލަ މަސައްކަތުން ހޯދާ ފައިސާ ހުންނަ އެކައުންޓުގެ ކާޑު އަނެކާގެ އަތަށް އެރުމަކީ ހިތަށް އެރިހައި ކަމަކަށް ފައިސާ ޚަރަދުކުރަން ހުއްދަ ލިބުމެއް ނޫނެވެ. އެއީ ކުރެވޭ އިމްތިޙާނެކެވެ. އެއިމްތިޙާނުން ފާސްނުވެއްޖެނަމަ މައްސަލަ ޖެހުން އޮންނާނީ ވަރަށް ގާތުގައެވެ.
ފިރިމީހާގެ ފައިސާއަށް އަމާނާތްތެރިވުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. މިޒަމާނުގައި ނަޤުދު ފައިސާ އަތަށް ދިނުމުގެ ބަދަލުގައި ގިންއިން ދޭނީ ކޭޝްކާޑެވެ. ނުވަތަ އަނބިމީހާގެ އެކައުންޓަށް ޓްރާންސްފަރ ކޮށްދޭނީއެވެ. މިފަދަ ކޮންމެ ގޮތަކަށް ފައިސާ ދިންނަމަވެސް އެއީ ހަމައަތަށް ފައިސާދިނުމެވެ. އެފައިސާއިން ކުރަންޖެހޭނީ ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކެވެ. އިތުރު ޚަރަދުކުރަންވާނީ ދެމީހުން މަޝްވަރާކޮށްގެންނެވެ.
ހަމައެފަދައިން ވަޒީފާ އަދާކޮށްގެން ނުވަތަ އަމިއްލައަށް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދާ އަނބިންވެސް ވަރަށް ގިނައެވެ. އަނބިންގެ ފައިސާއަށް މާބޮޑަށް ވިސްނަންޖެހޭނެއެވެ. މިޘާލަކަށް ފިރިމީހާގެ ފައިސާއިން ގޭގެ ކަންކަމަށް އަނބިމީހާ ޚަރަދުކުރާނަމަ އެޚަރަދުކުރަނީ އޭނާއަށް ޚަރަދުކުރުން ހުއްދަ ފައިސާއެކެވެ. އެހެނަސް އަނބިމީހާގެ އަތުގައި ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް އޭނާ ހިތުން ރުހުމުން ފިރިމީހާއަށް ނުދޭނަމަ ފިރިމީހާއަށް އެފައިސާ ހުއްދައެއް ނުވާނެއެވެ. އަދި ގޭގެ ކަންކަމަށް ފައިސާ ޚަރަދުކުރަން އަނބިމިހާގެ މައްޗަކަށް މަޖުބޫރެއްވެސް ނުކުރެވޭނެއެވެ. އެހެނީ ގޭގެ ޚަރަދުތައް (އަނބިމީހާ އާއި ދަރިންގެ ޚަރަދުތައްވެސް ހިމެނޭ ގޮތަށް) ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ ފިރިމީހާ އަދާކުރަންޖެހޭ އެންމެ ބޮޑު ޒިންމާވެސްމެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން