ގިނަ މީހުންދެކެ ލޯބިވެގެން އުޅުމަކީ ކާމިޔާބެއް ނޫން! ލިބޭނެ ދެރައާ ހިތްދަތިކަން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ގިނަ މީހުންދެކެ ލޯބިވެގެން އުޅުމަކީ ކާމިޔާބެއް ނޫން! ލިބޭނެ ދެރައާ ހިތްދަތިކަން މާބޮޑުވާނެ!

ބައެއް އެކުވެރިން ބުނަނީ އެމީހުން ލޯބިވެރިންގެ ގޮތުގައި ގިނަ ބައަކު ގެންގުޅޭކަމަށެވެ. އެކުވެރިން އެފަދަ ވާހަކަތައް ދައްކާއިރު އެކަމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވާ ހިތްދަތިކަމާއި ލިބޭ ނުތަނަވަސްކަމުގެ ވާހަކައެއް ނުދައްކާނެއެވެ. ވީމާ އަޑުއަހާ މީހާއަށް ވިސްނޭނީ އެއީ ފައިދާހުރި ނުވަތަ އިތުރަށް އުފާވެރިކަން ލިބޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ގިނަ ލޯބިވެރިން ގެންގުޅެވުމަކީ ކާމިޔާބީއެއް ކަމަށެވެ. އެހެންވެ ކައިވެންޏަށް ފަހުގައިވެސް ވީހާ ގިނަ ބައަކު ލޯބިވެރިންގެ ގޮތުގައި ގެންގުޅެން ބޭނުންވާ ބައަކު އުޅެއެވެ. ޙަޤީޤީ ލޯބިވެރިޔާ ނުވަތަ ޙަޔާތުގެ ބައިވެރިޔާގެ އިތުރަށް 2،3 ލޯބިވެރިން ނުގެންގުޅެވޭނަމަ ހިތްހަމަޖެހުން ނުލިބޭކަމަށް ޤަބޫލުކުރެވޭ މީހުން މަދެއް ނޫނެވެ. 

މިކަން ދުނިޔަވީ ގޮތުން ބެލި ނަމަވެސް މިއީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. ގިނަ ލޯބިވެރިން ގެންގުޅޭ މީހުންނަށް އަބަދުވެސް ދިރިއުޅެންޖެހިފައި އޮންނަނީ ހާސްކަމެއްގެ ތެރޭގައެވެ. އަބަދުހެން ހުންނަން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ތިމާގެ ހަޤީޤަތް ބޭޒާރުވެދާނެތީ ކަންބޮޑުވެފައެވެ. ބައިވެރިޔާއަށް އެނގުމުން ކައިވެނި ރޫޅިދާނެތީ ފިކުރުބޮޑުވެ ހާސްވެފައެވެ. 

މިހެން މިބުނަނީ ގިނަ ލޯބިވެރިން ގެންގުޅޭ ވަރަށް ގިނަ މީހުންނާއި ދެކެވިފައިވާ ވާހަކަތަކުން މިކަންކަން ޔަޤީންކުރެވޭތީއެވެ. އަދިވެސް އެމީހުންގެ ކިބައިން އެނގުނު އިތުރު ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. 

އަނބިމީހާ ނުވަތަ ފިރިމީހާގެ މަތިން ފޫހިވާން ފެށޭ އެންމެ ބޮޑު އެއް ސަބަބަކަށްވަނީ އެހެން ބައެއްގެ ކިބައިން ލޯބި ހޯދެންފެށުމެވެ. ބައިވެރިޔާގެ ކިބައިން އެކަނި ލޯބި ހޯދައިގެން ދިރިއުޅެން މަސައްކަތްކުރާ މީހުންނަށް މިމައްސަލަ ކުރިމައްޗެއް ނުވެއެވެ. 

ދެން ބަލައިލަންވީ ގިނަ ލޯބިވެރިން ހޯދަން ޝައުޤުވެރިވެވޭ ސަބަބަށެވެ. 99 އިންސައްތަ މީހުންނަށް އެކަން ވާރުތަވަނީ އެކުވެރިންގެ ސަބަބުންނެވެ. އެކުވެރިން ކިޔައިދޭ ވާހަކަތަކުންނެވެ. އެކުވެރިންގެ ޢަމަލުތަކުންނެވެ. ވީމާ މިކަމަށް އޮތް އެންމެ ބޮޑު އެއް ޙައްލަކީ އެކުވެރިންކަމުގައި އެފަދަ މީހުން ނުގެންގުޅުމެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ގޭގައި ކައްކާ އެއްޗެތި ކާން ފޫހިނުވާށެވެ! ތަފާތު އެއްޗެއް ކާން ބޭނުންވެއްޖެނަމަ އެއެއްޗެއް ގެއަށް ވައްދާށެވެ. އެއްޗެއް ކައްކަން އަނބިމީހާ ގާތުބުނެގެން ކައްކުވާށެވެ! ރެސްޓޯރަންޓްތަކުން ލިބޭ އެއްޗެއްސަށްވުރެ މާމީރުކޮށް އަނބިމީހާ ކައްކާނެއެވެ. 

މިމިޘާލު މިބުނެލީ ދެމަފިރިންގެ ލޯބި ތާޒާކުރަންވެސް މިގޮތަށް ކަންކަން ކުރަން ބުނަންވެގެންނެވެ. ދެމީހުންވެސް ބޭނުންވާ ކަންކަމަށް މަޝްވަރާކުރާށެވެ. ދެމީހުންގެ މެދުގައި ފޫހިކަމެއް އުފެދެން ނުޖެހި ކުރިއަށް ދެވޭނެ މަގު ފެންނާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން