މީހަކަށް ކަމެއް ކޮށްދިނަސް ނިޔަތް ގަންނަން އެންމެ ފައިދާހުރި ގޮތް-: ޝައިޚް މުހައްމަދް ބާޖޫރް

ކިޔުމަށް ހޭދަވާނީ 3މ 3ސ
މީހަކަށް ކަމެއް ކޮށްދިނަސް ނިޔަތް ގަންނަން އެންމެ ފައިދާހުރި ގޮތް-: ޝައިޚް މުހައްމަދް ބާޖޫރް

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެން ކޮންމެ ޢަމަލެއް ކުރާއިރު، އެ ޢަމަލެއް ކުރަންވާނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅަށްޓަކައެވެ. އަޅުގަނޑުމެން އެހެން މީހަކަށް ޚިދުމަތެއް ފޯރުކޮށްދޭއިރު، ނުވަތަ އެހީތެރިކަމެއް ދޭއިރު - އެއީ މާލީ އެހީއެއް ނުވަތަ އެނޫން އެހެން ބާވަތެއްގެ އެހީއެއް ކަމުގައި ވިޔަސް - އެއްވެސް ހާލެއްގައި ތަޢުރީފަށް ނުވަތަ ޝުކުރުގެ ބަހަކަށް އިންތިޒާރު ކޮށްގެން ނުވާނެއެވެ. 

ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އިންސާން ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ﴿٩﴾‏ 

މާނައީ: ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ. (9) މިއީ އަޅުގަނޑުމެން އެހެން މީހުންނަށް ހެޔޮކަންތައް ކުރާއިރު ހިފަހައްޓަންވީ އަސާސީ އުސޫލެވެ. 

އަޅުގަނޑުމެން ކޮންމެ ހެޔޮ ޢަމަލެއް ކުރަންއޮތީ ހަމައެކަނި ﷲގެ ވަޖުހުފުޅަށްޓަކައެވެ. މީހަކު އަޅުގަޅުގަނޑުމެންނަށް ޝުކުރުވެރިވެއްޖެނަމަ، އެއީ އިތުރު ނިޢުމަތެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ޢަމަލުތައް ތަޢުރީފު ނުވަތަ ޝުކުރު ހޯދުމަށް އަމާޒުކޮށްގެން ނުވާނެއެވެ، ސުބުޙާނަﷲ. އަޅުގަނޑުމެން ހެޔޮކަންތައް ކުރަނީ ހަމައެކަނި މީސްތަކުންގެ ރުހުން ހޯދުމަށް ކަމުގައިވާނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ލިބެންވާ ދަރުމަ ގެއްލިގެންދާނެއެވެ.  

ﷲ ތަޢާލާ ހޫދް ސޫރަތުގެ 115 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ ﴿١١٥﴾‏

މާނައީ: ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ. (115) 

އެހެންކަމުން، އެންމެ މަތިވެރި އުފާވެރިކަމަކީ ވީހާވެސް ގިނަ ހެޔޮކަންތައް ކުރުމާއެކު، އެންމެ ލަނޑުދަނޑިއެއް ހިތުގައި ބެހެއްޓުމެވެ - އެއީ ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. މީސްތަކުން އުފަލުން ތިބެ، އަޅުގަނޑުމެންނަށް ތަޢުރީފުކޮށްފިނަމަ الحمد لله އެހެންނޫންނަމަ އެކަމާމެދު އެއްވެސް ކަންބޮޑުވުމެއް ގެންގުޅެގެން ނުވާނެއެވެ. އެކަމާމެދު ކަންބޮޑުވާނަމަ، އޭގެ މާނައަކީ އަޅުގަނޑުމެން އެ ޢަމަލު ކުރަނީ ﷲގެ ވަޖުހުފުޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ނޫން ކަމެވެ. 

މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އެހެން މީހުންނަށް ޝުކުރުވެރިވުމަކީ ވާޖިބުކަމެކެވެ، އަދި އެއީ ސުންނަތުން ސާބިތުވެގެންވާ ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޝުކުރުގެ ބަސް ނުލިބުނަސް ހިތާމަކޮށް، ކަންބޮޑުވެގެން ނުވާނެއެވެ. އެއީ އަޅުގަނޑުމެންގެ ޢަމަލުތަކުގެ ނިޔަތް ހަމައެކަނި ﷲގެ ރުހިވޮޑިގަތުމަށް ކަމުގައި ވާންޖެހޭތީއެވެ.

އަޅުގަނޑުމެން ކޮންމެ ބަޔަކުދެކެ ﷲގެ ވަޖުހުފުޅަށްޓަކައި ލޯބިވާން ޖެހެއެވެ. އެމީހުންގެ ކިބައިން އެއްވެސް އަގެއް ނުވަތަ ބަދަލެއް އެދުމެއްނެތިއެވެ. މިއީ ތައުޙީދުގެ ޙަޤީޤަތެވެ. ﷲގެ ރުހިވޮޑިގަތުމަށްޓަކައި ކުރާ ކޮންމެ ޢަމަލަކީ އިޚްލާޞްތެރިކަމާއެކު ކުރެވޭ ޢަމަލަކަށް ވާންޖެހެއެވެ. 

އަޅުގަނޑުމެންގެ ހިތްތައް ﷲއަށް ޚާލިޞްކުރުމަކީ އީމާންކަމުގެ އެންމެ މަތިވެރި ދަރަޖައެވެ. އެހެންކަމުން، ހެޔޮކަންތައް ކުރުމުގައި ދުނިޔަވީ އެއްވެސް މަންފާއަކަށް ނުބަލައި، ހަމައެކަނި ﷲގެ ވަޖުހުފުޅަށްޓަކައި ޢަމަލުކުރުމަކީ މުއުމިނުންގެ ސިފައެވެ.

 

                   

މިއަދު އޮންލައިން