ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދަ ނިމެންދެން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ދޭނެ ގަޑިތައް ވޭސްޓު މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އާއްމުކޮށްފިއެވެ. މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ 20:30 އިން ފެށިގެން 2:00 އާ ދެމެދުގައެވެ. ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 2:30 އަށެވެ. އަދި ވިލިމާލޭގެ ގޭބީސީތަކުން މި މުއްދަތުގައި ކުނި ނަގާނީ ރޭގަނޑު 21:00 އިން 1:00 އަށެވެ.
ވެމްކޯއިން ވަނީ ކުނި ނަގަން ފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރޭ ގޭބިސީތަކަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ކުނިތައް ނެރުމަށް އިލްތިމާސްކޮށްފައެވެ. މިއީ ރަމަޟާން މަހުގެ މަސައްކަތްތައް ތަރުތީބުކޮށް، ހިދުމަތް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ރަމަޟާން މަހާ ގުޅިގެން ގޭތެރެ ސާފުކުރުމުގެ މަސައްކަތް ގިނަ ބަޔަކު ކުރަމުންދާއިރު، އެ މަސައްކަތަށްފަހު މަގުމައްޗަށް ކުނި ނޭޅުމަށް ވެމްކޯއިން ވަނީ ތަކުރާރުކޮށް އެދިފައެވެ. ގޭތެރެ ސާފުކުރުމަށްފަހު އުފެދޭ ކުނި ނައްތާލުމުގައި ކުނި މެނޭޖްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.
މި އުސޫލުގެ ދަށުން ރަމަޟާން މަހާއި ހަ ރޯދަ ނިމެންދެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ.