ފާފަކުރެވުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެކަމެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެދިވޮޑިގަންނަވަނީ އަވަހަށް ތައުބާވުމެވެ. ވީމާ އަހުރެމެންނަށް އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ.
ކިތަންމެ ބޮޑު ފާފައެއް ނުވަތަ ކިތަންމެ ގިނަ ފާފަތަކެއް ކުރެވުނުނަމަވެސް އެމީހަކު އެކަން ޤަބޫލުކޮށް އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދިއްޖަނަމަ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އަދި އެމީހެއްގެ ދަރަޖަ ކުރިއަށްވުރެ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
އެކަމުގައި ޔަޤީންކަމާއިއެކު އެގެންހުރި މިސާލުތަކުގެ ތެރެއިން 2 މިސާލެއް ފާހަގަކޮށްލާނަމެވެ.
ފުރަތަމައީ އާދަމްގެފާނާއިމެދު ކަންކަންކުރެއްވެވި ގޮތެވެ. އާދަމްގެފާނަށް ކުރެއްވެވުނީ ކިތަންމެހައިވެސް ބޮޑު ފާފައެކެވެ. އެކަން އެނގިވަޑައިގެންނެވި ހިނދު ތައުބާވެވަޑައިގެން ފާފަ ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދެންނެވިއެވެ.
ކުރެއްވެވުނު ކުށުގެ ބޮޑުކަމުން ސުވަރުގެއިން ބޭރުކުރައްވަވައި ދުނިޔެއަށް ފޮނުއްވެވިއެވެ. ނަމަވެސް ފަހުން ދަރަޖަ މަތިވެރިކުރެއްވެވިއެވެ.
ދެވަނައީ ޔޫނުސްގެފާނާއިމެދު ކަންކަން މެދުވެރިވި ގޮތެވެ. ޔޫނުސްގެފާނަށް ފާފައެއް ކުރެއްވެވުމުން މަހެއްގެ ބަނޑުގައި ލެއްވެވިއެވެ. އަދަބެއްގެ ގޮތުން ބަލައިފިނަމަ ކޮންފަދަ ބޮޑު އަދަބެއް ހެއްޔެވެ؟ ނަމަވެސް ތައުބާވެވަޑައިގަތުމުން ކުރިއަށްވުރެ ދަރަޖަ މަތިވެރިކުރެއްވެވިއެވެ.
ވީމާ އެނގިގެން މިދަނީ ފާފައެއް ކުރެވުމުން އެމީހަކު އެކަން ޤަބޫލުކޮށް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެމީހެއްގެ ދަރަޖަ އުފުއްލަވައި ދެއްވަވާނެ ކަމެވެ. ވީމާ ފާފައެއް ކުރެވުމުން އޮތީ އެކަމަށް ލަދުން ނުވަތަ ބިރުން މާޔޫސްވެ އިތުރު ފާފަތައް ކުރުމެއް ނޫނެވެ. އަވަހަށް ތައުބާވުމެވެ. ފާފަ ފުއްސަވައިދެއްވެވުން އެދި ދެންނެވުމެވެ. ކިތަންމެ ބޮޑު ފާފައެއް އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވުނު ނަމަވެސްމެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން