ބައިވެރިޔާ ތިމާގެ ގައިގަ ބީހިލަން ދެކޮޅުހެދުމުގެ ކުރިން ހަމައެކަނި މިއެންމެ ކަމަށް ވިސްނައިލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބައިވެރިޔާ ތިމާގެ ގައިގަ ބީހިލަން ދެކޮޅުހެދުމުގެ ކުރިން ހަމައެކަނި މިއެންމެ ކަމަށް ވިސްނައިލާތި!


އަހުރެން މިވާހަކަކޮޅު މިބުނަނީ އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ މީހުންގެ ކިބައިން ލިބޭ މައުލޫމާތަށް ބަލައެވެ. މިވާހަކަކޮޅޫ މިބުނަނީ ހަމައެކަނި އަންހެނުންނަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ.  

އަންހެނުންވެސް އަދި ފިރިހެނުންވެސް ރަނގަޅަށް ވިސްނާށެވެ! ތިއަ ކަންބޮޑުވަނީ ބައިވެރިޔާ ތިމާގެ ގައިގައި ބީހިލާތީއެވެ. ނުވަތަ މާގިނައިން ބީހޭތީއެވެ. އެކަމަށް ދެކޮޅު ހެދުމުގެ ކުރިން ނިކަން ވިސްނައިލަބަލާށެވެ! ބައިވެރިޔާގެ ބީހިނުލައިގެން ކަންބޮޑުވެ ކަރުނައަޅަމުންދާ ކިތައް މިލިއަން މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަމާއިމެދުގައެވެ. އެހެންވެ އެކި ގޮތްގޮތުން ވޭން އުފުލަމުން ގެންދާ މީހުންގެ ޢަދަދާއިމެދުގައެވެ.  

އެކަން މައްސަލައަކަށްވަނީ ތިމާގެ ޠަބީޢަތް އެންމެ ކުރިއަށް ނެރެވޭތީއެވެ. އެއީ ތިމާގެ މޫޑް ނޫނީ ޠަބީޢަތް ކުރިއަށް ނެރެވެން އޮތް ކަމެއް ނޫނެވެ. އެއީ މޫޑް ފަހަތަށް ޖައްސުވައި ބައިވެރިޔާ ބޭނުންވާ ގޮތް ކުރިއަށް ނެރެންޖެހޭ ޙާލަތެކެވެ.  

އެކަމަށް ތަކުރާރުކޮށް އިންކާރުކުރެވޭނަމަ ނުވަތަ މަރުޙަބާ ނުކިޔޭނަމަ ގިނަ ބައަކު ރުޅިއަންނާނެއެވެ. ނަފުރަތުކުރާނެއެވެ. ފޫހިވާނެއެވެ. އަދި ގިނަ ބައަކަށް ޤަބޫލުކުރެވޭނީ ބައިވެރިޔާ ވައްކަންކުރާކަމާއިމެދުގައެވެ. މަކަރުހަދާ ކަމަށެވެ. އެހެން މީހަކު ދެކެ ލޯބިވެގެން އުޅެނީ ކަމަށެވެ.  

އެއްވެސް ޙާލެއްގައި މިދައްކަނީ އަންހެނުން ބަލިވެއުޅޭ ނުވަތަ ޙައިޟްވުން ފަދަ ކަމެއްގެ ސަބަބުން ވަރުބަލިވެގެން ހުންނަ ވަޤުތުގެ ވާހަކައެއް ނޫނެވެ. އެޙާލަތުގައިވެސް ޙާލަތު ތަންދޭވަރަކަށް ބައިވެރިޔާއަށް ފުރުޞަތުދޭށެވެ. މިބުނަނީ މަޑުމަޑުން ބައްދާލިއަދޭށެވެ. ލޯބިން ބޮސްދިނުމަށް ދެކޮޅު ނުހަދާށެވެ. އެއީ ހަމައެއްގޮތަކަށްވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ.  

ބައިވެރިޔާ ކުރިން ވާވަރަށް ލޯބިނުވާތީ ނުވަތަ ދުރުހެލިވާތީ ކަންބޮޑުވެގެން އަންނަ މީހުންގެ ވާހަކަތައް އަޑުއެހުމުން އެނގެނީ މިބުނި ގޮތަށް ކަންކަން ނުކުރެވޭ ކަމެވެ، އަމިއްލަ މޫޑް ކުރިއަށް ނެރެގެން އުޅެވޭކަމެވެ. ވީމާ އެކަން އިޞްލާޙްކުރަން ނަޞީޙަތްތެރިވަމެވެ. ހެޔޮ ބަދަލެއް ފެންނާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން