މިއީ ހަނދުމަކޮށްދިނުމެކެވެ. ވިސްނާނުލައި ތިބެނަމަވެސް ފާޙިޝް އަމަލުތައް ކުރެވުން މިހައިގިނަވެފައިވާ ދުވަސްވަރެއްގައި އެނުބައި ފާފައިން ސަލާމަތްވެހުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންޖެހިފައިވާތީއެވެ. ޘާބިތުކަން ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރަންޖެހިފައިވާތީއެވެ.
ޒިނޭކުރުމުގެ ނުބައި ޢަމަލު އެއްވެސް ބިރެއް ނެތި ކުރުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން މާލީ ދަތިތައް ކުރިމަތިވެ ކައިވެނިތައް ރޫޅި މުޅި ދިރިއުޅުން ބަނގުރޫޓުވަމުން އަންނައިރުގައިވެސް މެއެވެ. އެހެންކަމުން މިނުބައި ފާފަކުރުމުން ސަލާމަތްވެވޭނެ ގޮތަކާއިމެދު ވިސްނައިލަމާ ހިންގަވާށެވެ!
"ޒިނޭކުރުމަށް ހުއްދަ އެދުނު މީހެއްގެ ވާހަކަ- ޒިނޭކުރެވޭ މީހުން ކިޔާލަންވެސް، އެފަދަ މީހުންނަށް ނަޞޭޙަތްތެރިވާންވެސް މުހިންމު ފިލާވަޅެއް!" މިސުރުޚީގެދަށުން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމުގައި ހިމެނޭ ދުޢާ ހޯދަން ގިނަ ބޭނުންވާތީ ތިރީގައި މިވާ ލިޔުމުގައި އެވަނީ ދުޢާ އާއި ޙަދީޘްފުޅުވެސް ޢަރަބި ބަހުން ހިމަނާފައެވެ.
ޙަދީޘްފުޅު:
وروى أحمد (21708) عَنْ أَبِي أُمَامَةَ قَالَ : إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، ائْذَنْ لِي بِالزِّنَا . فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ قَالُوا : مَهْ مَهْ ، فَقَالَ : ادْنُهْ ، فَدَنَا مِنْهُ قَرِيبًا ، قَالَ : فَجَلَسَ. قَالَ : أَتُحِبُّهُ لأُمِّكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأُمَّهَاتِهِمْ . قَالَ : أَفَتُحِبُّهُ لابْنَتِكَ؟ قَالَ : لا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ . قَالَ : أَفَتُحِبُّهُ لأُخْتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأَخَوَاتِهِمْ . قَالَ : أَفَتُحِبُّهُ لِعَمَّتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ . قَالَ : أَفَتُحِبُّهُ لِخَالَتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ . قَالَ : فَوَضَعَ يَدَهُ عَلَيْهِ وَقَالَ : اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ ، فَلَمْ يَكُنْ بَعْدُ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ .
ދުޢާ:
اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ
"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މީނާގެ ފާފަ ފުއްސަވައިފާންދޭވެ. މީނާގެ ހިތް ޠާހިރު ކުރައްވާފާންދޭވެ! މީނާ ޢިއްފަތްތެރި ކުރައްވާފާންދޭވެ!"
މިއީ މީހަކަށްޓަކައި މިދުޢާކުރާނަމަ ކުރަން އޮތް ގޮތެވެ. އެމީހާ އަމިއްލައަށްޓަކައި މިދުޢާކުރާނަމަ ކުރަން އޮތް ގޮތަކީ:
اللَّهُمَّ اغْفِرْ ذَنْبي ، وَطَهِّرْ قَلْبَى ، وَحَصِّنْ فَرْجَي
މާނައީ: "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ފާފަ ފުއްސަވައިފާންދޭވެ. މިއަޅާގެ ހިތް ޠާހިރު ކުރައްވާފާންދޭވެ! މިއަޅާ ޢިއްފަތްތެރި ކުރައްވާފާންދޭވެ!"
ކުރީގެ ލިޔުން:
އިމާމު އަޙްމަދު އޭނާގެ މުސްނަދުގައި، އަބޫއުމާމާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ.
އެއްފަހަރަކު ޒުވާން ފިރިހެނަކު އައިސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟" އޭނާ އެހެން ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައިވާ ޞަޙާބީބޭކަލުން ނުރުހުންވެވަޑައިގެން އޭނާއާ ދިމާލަށް އެއްޗެހި ކިޔުއްވަން ފައްޓަވައިފިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ނުހަނު ހަމަޖެހިވަޑައިގެން އިންނަވައި ޙަދީޘު ކުރެއްވިއެވެ. "އަހަރެންގެ ކައިރިއަށް އަންނާށެވެ."
ދެން އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އައުމުން އިށީންނުމަށް ވިދާޅުވިއެވެ. އޭނާ އިށީނުމުން ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ އެހެން މީހަކާއެކު ޒިނޭ ކުރުމަށް ތިބާ ރުހޭނު ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ މައިންބަފައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
އިތުރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާއަށް އޮޅުން ފިލުއްވައި ދެއްވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ދަރިން ޒިނޭކުރުމަށް ތިބާއަށް ރުހެވޭނެ ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ ދަރިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
އޭނާއަށް އިތުރު މިސާލެއް ދެއްކެވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނެހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ ބަފައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
އަނެއްކާވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނެހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ. " ޙަދީޘް ކުރެއްވެވިއެވެ. "އެހެން މީހުންވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާގެ ބޮލުގައި އަތްޕުޅު ބީއްސަވައި ޙަދީޘު ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މީނާގެ ފާފަ ފުއްސަވައިފާންދޭވެ. މީނާގެ ހިތް ޠާހިރު ކުރައްވާފާންދޭވެ! މީނާ ޢިއްފަތްތެރި ކުރައްވާފާންދޭވެ!"
(اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ )
ބުނެވޭ ގޮތުގައި، އޭގެ ފަހުން އެޒުވާނާ އެފަދަ ނުބައި ފާހިޝް އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކަވައެވެ. އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއްވައެވެ.
{މުސްނަދު އިމާމު އަޙްމަދު، ޙަދީޘް ނަންބަރު 21708}
މިދެންނެވި ޙަދީޘުން ރަސޫލާ صلّى اللّـه عليه وسلّم އެވަނީ ޒިނޭކުރުމަށް ބޭނުންވެފައިވާ ޒުވާނަކަށް އެއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ނުހަނު ސާފު ސީދާކޮށް ބަޔާންކޮށް ދެއްވައިފައެވެ. ގޯސް އަމަލުތައް ކުރާ މީސްތަކުންނަށް ނަޞޭހަތްދޭއިރު ޙިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާއި، ބުއްދީގެ ޞަރީޙު ދަލީލުތައް ދައްކައިގެން ނަޞޭހަތް ދިނުމުގެ މުހިންމުކަން މިދެންނެވި ޙާދިޘާއިން ދޭހަވެއެވެ.
- ޢަލީ އިޙްސާން ފިރާޤު