ޚުޠުބާ: ރަމަޟާންމަސް - ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު!

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 42ސ
ޚުޠުބާ: ރަމަޟާންމަސް - ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު!

މުސްލިމް އަޚުންނޭވެ! މައްސަރުތަކުގެ ތެރެއިން ރަމަޟާންމަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރެއްވިއެވެ.

އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނެއެވެ. އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ވެސް ހިމެނިފައިވެއެވެ.

މުސްލިމް އަޚުންނޭވެ! ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައެވެ. ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެއެވެ. ފާފައިން ތައުބާވުމަށް އިރުޝާދުދެއްވައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނު

ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللهއީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ." ތިމާއަށް ކުރެވިފައިވާ އެންމެހައި ފާފައިން ތައުބާވުމަކީ  މުހިންމުކަމެކެވެ. އެހެންކަމުން އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެން މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވުމަށް ގޮވައިލަމެވެ!

މުސްލިމް އަޚުންނޭވެ! ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(وَاللهِ إِنِّـيْ لَأَسْتَغْفِرُ اللهَ وَأَتُوْبُ إِلَيْهِ، فِي الْيَوْمِ أَكْثَرَ مِنْ سَبْعِيْنَ مَرَّةً)[2]

މާނައީ: "މާތް الله ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރެޔާއިދުވާލު ހަތްދިހަ ފަހަރަށް ވުރެ ގިނައިން اللهގެ ޙަޟުރަތަށް ތައުބާވެވަޑައިގެން، އިސްތިޣުފާރު ކުރައްވަމެވެ." މުސްލިމުން ނަމޫނާއަކަށް ބަލަންވީ އެކަލޭގެފާނެވެ. މާތް ﷲ އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވައިފައިވާ އިރު ވެސް، އެކަލޭގެފާނު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވައެވެ. ވީމާ، އަހަރެމެން ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑެވެ.

މުސްލިމް އަޚުންނޭވެ! ތަޤުވާވެރިކަން ބަޔާންކޮށްދެއްވަމުން މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلتَّقْوَى هَـٰهُنَا، اَلتَّقْوَى

هَـٰهُنَا، وَيُشِيْرُ إِلَى صَدْرِهِ)[3]  މާނައީ: "ތަޤުވާވެރިކަންވަނީ މިތާނގައެވެ. ތަޤުވާވެރިކަންވަނީ މިތާނގައެވެ." (އެބަހީ: ހިތުގައެވެ.) މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ މޭފުޅަށް އިޝާރާތްކުރެއްވިއެވެ." މި ބަސްފުޅުން ދޭހަވާ ގޮތުގައި ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެކެވެ. ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމެވެ. މާތް الله އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި އޮންނާންޖެހޭނެއެވެ. އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެއެވެ. މި މަތިވެރި މައްސަރުގައި ލައްވައިފައިވާ ޚާއްޞަ އަޅުކަން ފަރުޟުކުރެއްވުނު ޙިކުމަތަކީ ވެސް ތަޤުވާވެރިވުމެވެ. އެހެންކަމުން ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެއެވެ. ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.

މުސްލިމް އަޚުންނޭވެ! މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތްނަބިއްޔާ ﷺ މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސްކުރާންޖެހެއެވެ. އެކަލޭގެފާނުގެ ސީރަތަށް ބަލާ އިރު ރަމަޟާންމަހުގައި އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރެވެ. ހަމަ އެ ފަދައިން އެކަލޭގެފާނު ޖިބްރީލް ޢަލައިހިއްސަލާމުގެ އަރިހުގައި ވެސް ގިނަ ވަގުތު ކީރިތި ޤުރްއާން މުދާރަސާ ކުރެއްވުމުގައި ހޭދަކުރެއްވިއެވެ. اِبْنُ عَبَّاس (رَضِيَ اللهُ عَنْهُ)ގެ އަރިހުން ރިވާވެގެން ވެއެވެ.

(كَانَ رَسُوْلُ اللهِ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ أَجْوَدُ النَّاسِ، وَكَانَ أَجْوَدُ مَا يَكُوْنُ فِى رَمَضَانَ حِيْنَ يَلْقَاهُ جِبْرِيْلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ فَلَرَسُوْلُ اللهِ أَجْوَدُ بِالْخَيْرِ مِنَ الرِّيْحِ الْمُرْسَلَةِ)[4]  

މާނައީ: "ރަސޫލު الله ﷺ އަކީ މީސްތަކުން ކުރެ އެންމެ ދީލަތި ސާހިބާއެވެ.

އެކަލޭގެފާނު އެންމެ ދީލަތިފުޅުވެވަޑައިގަންނަވަނީ ރަމަޟާންމަހު جِبْرِيْل عَلَيْهِ السَّلَامއާ ބައްދަލުވެވަޑައިގަންނަވާ ހިނދުގައެވެ. ރަމަޟާންމަހު ކޮންމެ ރެއަކު جِبْرِيْل عَلَيْهِ السَّلَامއާ ބައްދަލުވެވަޑައިގަންނަވައެވެ. އެ ބައްދަލުވެވަޑައިގަތުމުގައި جِبْرِيْل عَلَيْهِ السَّلَام، ރަސޫލު الله zއަށް ކީރިތި ޤުރްއާން މުރާޖަޢާކޮށްދެއްވައެވެ. ފަހެ ހަމަކަށަވަރުން اللهގެ ރަސޫލާ ﷺ ހެޔޮ ކަންކަމުގައި އެކަލޭގެފާނުގެ ދީލަތިވެވަޑައިގަތުން  ޖެހޭ ފިނި ވައިރޯޅިއަކަށް ވުރެ ވެސް މާ ޢާންމުވެ ޝާމިލުގެންވެއެވެ."

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ ސުވަރުގެތަކުގެ ދޮރުކޮޅުތައް ހުޅުވިފައިވާ މައްސަރެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުވެފައިވާ މައްސަރެވެ. އެ ކަމަށް އިޝާރާތްކުރައްވައި ރަސޫލު الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(إِذَا كَانَ أَوَّلُ لَيْلَةٍ فِيْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْـجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْـجَنَّةِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ يَا بَاغِيَ الْـخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلِكَ كُلُّ لَيْلَةٍ)[5] މާނައީ: "ރަމަޟާންމަހުގެ

ފުރަތަމަ ރޭ ޝައިޠާނުންނާއި ޖިންނީންގެ ތެރެއިން މާރިދުން ކަސްތަޅުއެޅުއްވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭނެތެވެ. އޭގެ ތެރެއިން އެއްވެސް ދޮރެއް ނުހުޅުއްވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭނެތެވެ. އޭގެތެރެއިން އެންމެ ދޮރުކޮޅެއް ވެސް ބަންދެއްނުކުރެވޭނެތެވެ. އަދި ގޮވައިލާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އެކަމަށް ކުރިމަތިލައި އަންނާށެވެ! އޭ ނުބައި ކަންތައްތަކަށް އެދޭ  މީހާއެވެ! ތިޔަ ކަންތައްތައް ހުއްޓައިލާށެވެ! މާތް الله، ރޯދަމަހު އެކަލާނގެ އަޅުތަކުންގެ ތެރެއިން ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ވާނެތެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއެއްގައެވެ!"

މުސްލިމް އަޚުންނޭވެ! މާތް ﷲ މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެތެރެއިން ލެއްވުން އެދި ދުޢާކުރާށެވެ! ދުޢާކުރުމަށް އަމުރުކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋﭝ  ﭞ  ﭟ ﭠ ﭡﮊ[6] މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ."

މުސްލިމް އަޚުންނޭވެ! މި މަތިވެރި މައްސަރުގައި ލިބިފައިވާ ފުރުޞަތުގެ ބޭނުންހިފައި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވާށެވެ!

މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާ ރަމަޟާންމަހުގައި ރޭ އަޅުކަން ކުރެއްވުން ގިނަކުރެއްވިއެވެ. އެ ކަމަށް އިރުޝާދުދެއްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[7]  މާނައީ: "އީމާންކަމާ އެކު، ސަވާބަށްއެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ." ކީރިތި ރަސޫލާ ﷺ އަމިއްލަފުޅަށް އެ ކަންކަން ކުރެއްވުމުގެ އިތުރަށް އެކަލޭގެފާނުގެ އަހުލުބައިތުން ވެސް އެ ކަންކަމުގައި ޝާމިލުކުރެއްވިއެވެ. ބައެއް ފަހަރު އެކަލޭގެފާނުގެ އަހުލުބައިތުން އަވަހާރަފުޅުން ނަންގަވައި ރޭއަޅުކަމުގައި ބައިވެރިކުރައްވައެވެ. އެހެންކަމުން ތިބާގެ އަހުލުވެރީން ވެސް ރޭއަޅުކަމަށް ހޭނުވުމަކީ އެދެވިގެންވާކަމެކެވެ.

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ.


މިއަދު އޮންލައިން